މުޅި ދުނިޔޭގެ ނިސްބަތުން ބަލާއިރު ގައުމުގެ އާބާދީ އެންމެ ބޮޑަށް ސްޓްރެސް ވެފައި އޮތް ގައުމަކީ އިންޑިއާ ކަމަށާ، ހަމަ ނިދި ނުލިބުމުގެ މައްސަލަ ދެވަނައަށް އެންމެ ބޮޑު ގައުމަކީ އިންޑިއާކަމަށް ދިރާސާއަކުން ހާމަވެއްޖެއެވެ.
ކަންމިހެން އޮތްއިރު ޓެކްނޮލޮޖީގެ ސަބަބުން ލިބުނު ކުރިއެރުންތަކާއެކު އިންޑިއާގެ ރައްޔިތުން ހެލިފެލިވެ އުޅޭ މިންވަރުވެސް ވަރަށް ބޮޑަށް ދަށްވެފައިވާކަމަށްވެސް ދިރާސާއިން ދައްކައެވެ. އެގޮތުން ދުވާލެއްގެ މައްޗަށް އެވަރޭޖުކޮށް މީހަކު އަޅަނީ އެންމެ 6500 ފިޔަވަޅުކަމަށްވެސް ހޯދުންތަކުން ވަނީ ދައްކާފައެވެ.
މިކަން މިހެން މެދުވެރިވެފައިވަނީ އިންޑިއާގެ އާބާދީގައި ހިމެނޭ އަންހެނުންނަށް ކުރިމަތިލާންޖެހިފައިވާ ގޮންޖެހުންތަކުގެ ސަބަބުން ކަމަށްވެއެވެ. މާލީ އަދި އިޖުތިމާއީ ގޮތުން އަންހެނުންނަށް ގޮންޖެހުންތަކެއް ހުރުމުގެ ސަބަބުން ހަރަކާތްތެރިވެ އުޅުމާ އަމިއްލަ ނަފުސުގެ ހަމަޖެހުމާ ތަރައްގީއަށް އެދެވޭ މަސައްކަތްތަކެއް އިންޑިއާގައި ނުކުރެވޭ ކަމަށްވެއެވެ. ގޭތެރޭގެ މަސައްކަތްތަކާ ވަޒީފާގެ މައްސޫލިއްޔަތުތައް އަދާކުރާ ޖެހުމާއެކު ގުރުބާން ކުރަން ޖެހެނީ ނިދިކަމަށް ދިރާސާގެ ހޯދުންތަކުގައި ވަނީ ފާހަގަކޮށްފައެވެ.
މީގެ އިތުރުން، ޓެކްނޮލޮޖީއާއިއެކު ތައާރަފުވި ގެޖެޓްތަކަށް މީހުން ދެވި ހިފުމުގެ ސަބަބުންވެސް ގިނަ ބަޔަކަށް ހަމަ ނިދި ލިބުމުން މަހްރޫމުވެފައިވާކަމަށް ދިރާސަތަކުގައި ވަނީ ފާހަގަކޮށްފައެވެ. ޒުވާން އާބާދީއަށް ބަލާއިރުވެސް ގިނަ އަދަދެއްގެ ކުދިން ނިދިން މަހްރޫމުވެފައިވަނީ މި ސަބަބާ ހެދި ކަމަށް ހޯދުންތަކުން ދައްކައެވެ.
ކަންމިހެން އޮތްއިރު މާލީ ތަނަވަސްކަން ނެތުމުގެ ސަބަބުންވެސް ސިއްހަތަށް އެކަށީގެންވާ މިންވަރަށް އަޅާނުލެވޭ ބަޔަކު އިންޑިއާގެ އަބާދީގައި އުޅެއެވެ. އިންޑިއާގެ އާބާދީގެ 21.9 ޕަސެންޓް މީހުން ދިރިއުޅެމުންދަނީ އިންތިހާ ފަގީރުކަން ކަނޑައަޅާ މިންގަނޑަށްވުރެވެސް ދަށް ފަންތިއެއްގައެވެ.
ދުނިޔޭގެ ނިސްބަތުން ބަލާއިރު، ހަމަ ނިދި ނުލިބޭ މީހުންގެ އާބާދީ އެންމެ ބޮޑު ޖަޕާނުގައެވެ.