މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ)އަށް އަދި އިންފޮމޭޝަން ކޮމިޝަނާ އަށް ހޮވުނު ފަރާތްތަކަށް މަގާމު ހަވާލުކޮށްފިއެވެ.

ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަގާމަށް ފަތުހުﷲ ޖަމީލް، ޑެޕިއުޓީ ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަގާމަށް އަސްމާ ޝަފީއު އަދި އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމަށް ހުސައިން ފިޔާޒު މޫސާ އައްޔަން ކުރެއްވީ މިއަދު މެންދުުރު ރައީސް އޮފީހުގައިި ބޭއްވި ރަސްމިއްޔާތުގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހެވެ.

އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމަށް އައްޔަން ކުރެއްވި ފިޔާޒަކީ، 2000 ވަނަ އަހަރުން ފެށިގެން ނޫސްވެރިކަމުގެ ދާއިރާގެ އެކިފަންތީގެ މަގާމުތައް އަދާކުރައްވާފައިވާ ބޭފުޅެކެވެ. މިގޮތުން ފިޔާޒު އެންމެފަހުން އަދާކުރައްވާފައިވާ ވަޒީފާއަކީ ރާއްޖެޓީވީގެ ޗީފް އޮޕަރޭޓިން އޮފިސަރުގެ މަގާމެވެ. ފިޔާޒު ވަނީ މާސް ކޮމިއުނިކޭޝަންގެ ދާއިރާއިން ބެޗެލަރްސް ޑިގްރީ ހާސިލްކުރައްވާފައެވެ.

ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަގާމަށް އައްޔަން ކުރެއްވި ފަތުހުﷲ އަކީ، ޓެކްސް އަދި އޮޑިޓާ ގުޅޭ އެކި މަގާމުތަކުގައި 2003 ވަނަ އަހަރުން ފެށިގެން މަސައްކަތް ކުރައްވާފައިވާ ބޭފުޅެކެވެ. ފަތުހުﷲ ޖަމީލް އެންމެ ފަހުން އަދާކުރައްވާފައި ވަނީ ދިރާގުގެ މެނޭޖާ ޓެކްސް، ރިސްކް އެންޑް ކޮމްޕްލަޔަންސްގެ މަގާމެވެ. އޭނާ ވަނީ އޮކްސްފޮޑް ބްރޫކްސް ޔުނިވާސިޓީގައި އެޕްލައިޑް އެކައުންޓިންގެ ދާއިރާއިން ބެޗެލާސް ޑިގްރީ ހާސިލްކުރައްވާފައެވެ.

ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަގާމަށް ފަތުހުﷲ ޖަމީލު އައްޔަން ކުރައްވައިފި

ޑެޕިއުޓީ ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަގާމަށް އައްޔަން ކުރެއްވި އަސްމާ ވަނީ، 1999 ވަނަ އަހަރުން ފެށިގެން މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) ގައި އޮޑިޓާއި އެކައުންޓިންއާއި ގުޅޭ އެކި މަގާމުތަކުގައި ހިދުމަތް ކުރައްވާފައެވެ. މިގޮތުން އަސްމާ އެންމެ ފަހުން އަދާކުރައްވާފައި ވަނީ މީރާގެ ޑިރެކްޓާ ޖެނެރަލް، ޕްލޭނިންގް އެންޑް ޑިވެލޮޕްމަންޓުގެ މަގާމެވެ. އޭނާ ވަނީ އޮކްސްފޮޑް ބްރޫކްސް ޔުނިވާސިޓީގައި އެކައުންޓިން އެންޑް ފައިނޭންސްގެ ދާއިރާއިން ބެޗެލާސް ޑިގްރީ ހާސިލް ކުރައްވާފައެވެ.

ޑެޕިއުޓީ ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަގާމަށް އަސްމާ ޝަފީއު އައްޔަން ކުރައްވައިފި / ފޮޓޯ: ރައީސް އޮފީސް

މި މަގާމުތަކަށް ބޭފުޅުން އައްޔަން ކުރައްވާފައި ވަނީ މިހާރު ހިނގަމުންދާ 19 ވަނަ ރައްޔިތުންގެ މަޖިލީހަށް ނަން ހުށަހަޅުއްވައި މަޖިލީހުން ރުހުން ދީގެންނެވެ.

މިއަދު ރައީސް އޮފީހުގައި ބޭއްވި ޖަލްސާގައި ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަންގެ އިތުރުން ޑެޕިއުޓީ ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަގާމަށް ބޭފުޅުން އައްޔަން ކުރައްވާފައި ވަނީ ޓެކްސް ނެގުމާބެހޭ އިދާރީ ގާނޫނަށް ދެވަނަ އިސްލާހު ގެނައުމުގެ ގާނޫނު ތަސްދީގު ކުރެއްވުމާ ގުޅިގެންނެވެ. އަދި އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމަށް ބޭފުޅަކު އައްޔަން ކުރައްވާފައިމިވަނީ ކުރީގެ އިންފޮމޭޝަން ކޮމިޝަނަރުގެ ދައުރު ހަމަވުމާއި ގުޅިގެންނެވެ.