ޖައްމުއާއި ކަޝްމީރު ސްޓޭޓަކީ އިންޑިއާގެ މައި ސަރުކާރުގެ ދަށުން ހިނގާ އިދާރާއީ ވަކި 2 ދާއިރާ ކަމުގައި ރަސްމީކޮށް ހަމަޖައްސައިފިއެވެ.

އަލަށް އެކުލެވާލި އެއްބަސްވުން ބުނާ ގޮތުގައި ޖައްމުއާއި ކަޝްމީރަކީ ވަކި އިދާރީ ދާއިރާއެކެވެ. ދެވަނަ އިދާރީ ދާއިރާއަކީ ޗައިނާއާއިއެކު ސަރަހައްދީ އިން ހިއްސާކުރާ ލަދަކް ސަރަހައްދެވެ.

ޔޫނިއަން ޓެރަރިޓަރީޒްގެ ގޮތުގައި ރަސްމީ ހައިސިއްޔަތު ލިބިގެންދިޔަ މި ދެ ސަރހައްދުގެ ހުރިހާ ކަމެއް މިހާރު ސީދާ ގޮތުން ބަލަހައްޓަމުންދާނީ ދިއްލީގައި އޮތް ވެރިކަން ކުރާ މައި ސަރުކާރުންނެވެ.

ގުޖުރާތު ސްޓޭޓްގައި ކުރިއަށްދިޔަ ރެލީއެއްގައި ވާހަކަފުޅު ދައްކަވަމުން މިކަމަށް އިޝާރަތް ކުރައްވާ، އިންޑިއާގެ ބޮޑުވަޒީރު ނަރޭންދްރާ މޯދީ ވިދާޅުވީ، ޖައްމުއާއި ކަޝްމީރުގެ ރައްޔިތުންގެ ތަރައްގީއާއި ގުޅުންހުރި ކަންކަން އާ އުސްމިންތަކަކެއްގައި ފެނުމުގެ ފުރުސަތު ދެން ފަހިވެގެންދާނެ ކަމަށެވެ. އެގޮތުން އާ ހައިވޭތަކާ، ރޭލްވޭތަކުގެ އިތުރުން އާ ސްކޫލްތަކާ ހޮސްޕިޓަލުތައްވެސް މި އިދާރީ ދާއިރާތަކުގައި ގާއިމުކުރެވިގެންދާނެކަމަށް މޯދީ ވިދާޅުވިއެވެ.

ކުރިން އޮތް ޖައްމުއާއި ކަޝްމީރު ސްޓޭޓްގެ އާބާދީގެ 98 ޕަސެންޓް މީހުން ދިރިއުޅެމުންދާނީ އަލަށް ބައިކުރެވުނު ޖައްމުއާއި ކަޝްމީރުގެ އިދާރީ ދާއިރާގައެވެ. ޖައްމުއާއި ކަޝްމީރުގެ އިދާރީ ދާއިރާ ވަނީ 2 ސަރަހައްދަކަށް ބައިކޮށްފައެވެ. އެއީ މުސްލިމު މެޖޯރިޓީ އޮންނަ ކަޝްމީރު ވާދީއާއި ހިންދޫންނަށް މެޖޯރިޓީ އޮންނަ ޖައްމު ސަރަހައްދެވެ. ކަޝްމީރު ވާދީގެ އާބާދީއަކީ ގާތްގަނޑަކަށް 8 މިލިއަން މީހުން ކަމަށްވާއިރު ޖައްމުގެ އާބާދީއަކީ ގާތްގަނޑަކަށް 6 މިލިއަން މީހުންނެވެ.

ފަރުބަދަމަތީ އުސް ހިސާބުތަކުގައި އޮތް ލަދަކްގެ އިދާރީ ދާއިރާގެ އާބާދީއަކީ ގާތްގަނޑަކަށް 300000އެވެ. މި ދާއިރާގެ އާބާދީގެ ގާތްގަނޑަކަށް ދެބައިކުޅަ އެއްބަޔަކީ މުސްލިމުން ކަމަށްވާއިރު އަނެއް ބައި ހިއްސާކުރަނީ ބުދިސްޓުންނެވެ.

އިންޑިއާގެ އިދާރީ ދާއިރާތައް ގިންތިކޮށްފައިވާ ގޮތަށް ބަލާއިރު، ޔޫނިއަން ޓެރިޓަރީއެއްގެ ދަރަޖައަކީ ސްޓޭޓެއްގެ ދަރަޖައަށް ވުރެ ދަށުގައި އޮންނަ ގިންތިއެކެވެ.