އެމެރިކާގެ ފުޑް އެންޑް ޑްރަގް އޮތޯރިޓީއިން ޓެސްޓު ކުރި ބޭބީ ފައުޑަރު ފުޅިން 15 ފަހަރެއްގެ މަތިން ޓެސްޓު ކޮށްގެންވެސް ސިއްހަތަށް ގެއްލުން ދެނިވި ވިހަ މާއްދާއެއް ފެނިފައި ނުވާކަމަށް އެ ކުންފުނިން ބުނެފިއެވެ.

ޖޯންސަން އެންޑް ޖޯންސަން ކުންފުނީގެ ބޭބީ ޕައުޑަރުގައި ހަށިގަނޑަށް ގެއްލުން ދެނިވި ވިހަ މާއްދާ ހުންނަ ކަމަށް ކަމާ ބެހޭ ފަރާތްތަކުން ނިންމި ނަމަވެސް، އެކުންފުނީގެ އުފެއްދުންތަކުން ސާމްޕަލް ނަގައިގެން ފަހުން ހެދި 48 ލެޕް ރިޕޯޓަކުންވެސް މިފަދަ ނަތީޖާއެއް ދައްކާފައި ނުވާކަމަށް ޖޯންސަން އެންޑް ޖޯންސަން ކުންފުނިން ބުނެއެވެ.

ޖޯންސަން އެންޑް ޖޯންސަންގެ އުފެއްދުންތަކުގައި ފުރާނައަށް ނުރައްކާ މާއްދާ އެކުލެވިގެން ނުވާކަމަށް އެކުންފުނިން ހާމަކުރުމާއެކު، އެ ކުންފުނީގެ ހިއްސާގެ އަގުތައްވެސް ވަނީ 2.7 ޕަސެންޓް އުފުލިފައެވެ. ޖޯންސަން އެންޑް ޖޯންސަން ބްރޭންޑްގެ ބޭބީ ޕައުޑަރުގައި ކެންސަރަށް މަގަފަހިކުރާކަމަށާ، އެ ކުންފުނީގެ އުފެއްދުންތައް ނުވިއްކުމަށް ކަމާ ބެހޭ އެކި ފަރާތްތަކުން ދައްކަމުންދިޔަ ވާހަކަތަކާ ގުޅިގެން، ފާއިތުވީ 6 އެއްކަ މަސްދުވަހުގެ ތެރޭގައި އެކުންފުނީގެ ހިއްސާގެ އަގުތައް ވަނީ ގާތްގަނޑަކަށް 8 ޕަސެންޓް ދަށަށް ގޮސްފައެވެ.

ޖޯންސަން އެންޑް ޖޯންސަން ކުންފުނިން ބުނި ގޮތުގައި އެކުންފުނިން އެންމެ ފަހުގެ ޓެސްޓުތައް ހަދާފައިވަނީ ތިން ވަނަ ފަރާތަކާވެސް ގުޅިގެން ކަމަށެވެ. ކުރި ދިރާސަތަކުން ހޯދުނު ގޮތުގައި، މިކަމެއް ހިނގަނީ ލެބްގައި ހުރި އެއްތަނުން އަނެއް ތަނަށް އުފުލޭ އެއާކޮންޑިޝަނިންގް ސިސްޓަމެއްގައި ވިހަ މާއްދާތަކެއް އެކުލެވިގެން ކަމަށްވެސް ޖޯންސަން އެންޑް ޖޯންސަން ކުންފުނިން ވަނީ ހާމަކޮށްފައެވެ.

ޖޯންސަން އެންޑް ޖޯންސަން ކުންފުނީގެ އުފެއްދުންތައް ބޭނުން ކުރުމުގެ ސަބަބުން ކެންސަރަށް މަގުފަހިކުރާ ކަމަށް ބުނާ މައްސާލާގައި އެކުންފުންޏާ ދެކޮޅަށް މިހާރުވެސް ކޯޓު މަރުހަލާގައި ގިނަ މައްސަލަތަކެއް އެބަހުއްޓެވެ.