ނޭވާ ހިއްލުމުގެ ތަކުލީފުތައް އުފުލަމުންދާ މީހުންގެ ތެރެއިން ގިނަ މީހުންނަކީ، އެމީހުންގެ ސަބަބުން ޖައްވަށް ބޭރުވެގެންދާ ވިހަ މާއްދާ ނުވަތަ ކާބަން ފުޓްޕްރިންޓް ކުޑަކުރުމަށް ފުރުސަތު އޮތް މީހުން ކަމުން، ތިމާވެއްޓާ ރަހުމަތްތެރި ފަރުވާތަކަށް ބަދަލުވަމުން އަންނަކަމަށް އިނގިރޭސިވިލާތުގެ ދިރާސާ ޓީމަކުން ބުނެފިއެވެ.

ތިމާވެއްޓާ ރަހުމަތްތެރި ބޭސްފަރުވާތަކަށް ނޭވާ ހިއްލާ ޕޭޝަންޓުން ބަދަލުވުމަކީ، އެއްގަމު މަސް ކައި އުޅުނު މީހަކު ހަމައެކަނި ފަތްޕިލާވެއްޔާ މޭވާއާއި ތަރުކާރީއަށް ބަރޯސާވާ ވެޖިޓޭރިއަންއަކަށް ވުމުން އަންނަ ބަދަލާ އެއްވަރުގެ ބަދަލެއް ދައްކާނެ ކަމެއް ކަމަށް ދިރާސާ ޓީމުން ބުނެއެވެ.

ނޭވާ ހިއްލާ މީހުންގެ އަތްމަތީ ފަރުވާއެއްގެ ގޮތުގައި އެންމެ އާންމުކޮށް ބޭނުން ކުރާ އިންހޭލާ ތަކަކީ، ޖައްވު ހޫނު ކުރާ ވިހަ ގޭސް، ގިނަ އަދަދަކަށް ބޭރު ކުރާ އާލާތްތަކެކެވެ. ނަމަވެސް ތިމާވެށީ ހިމާޔަތް ކުރުމަށް ދުނިޔެ ދަތުރުކުރަމުންދާ މިސްރާބުގެ ތެރެއިން، ތިމާވެއްޓާ ރަހުމަތްތެރި ފަރުވާގެ ނިޒާމުތައް ދަނީ ތައާރަފުކުރަމުންނެވެ.

ކަންމިހެން އޮތް ނަމަވެސް، ނޭވާ ހިއްލާ ބަލީގެ ތަކުލީފުގައި ބޭސް ބޭނުންކުރާ ފަރާތްތަކުން މިފަދަ ބަދަލެއް ހިޔާރު ކުރަން ވާނީ ޑޮކްޓަރުގެ ލަފައާއި އިރުޝާދުގެ ދަށުން ކަމަށް ދިރާސާކުރި ކޭމްބްރިޖު ޔުނިވާސިޓީގެ ޓީމުން ވަނީ ބުނެފައެވެ. ނޭވާ ހިއްލާ ބައެއް ޕޭޝަންޓުންނާ ތިމާވެއްޓާ ރަހުމަތްތެރި ފަރުވާއަށް ބަދަލު ވެވޭނެ ފުރުސަތު އޮތް ބައެއް ނޫންކަމަށާ، މިފަދަ މީހުންނާ މެދު އެއްވެސް ކަހަލަ ފުރައްސާރަ ކުރުމެއް ގެންގުޅެގެން ނުވާނެ ކަމަށްވެސް ދިރާސާ ޓީމުން ވަނީ އިލްތިމާސްކޮށްފައެވެ.

ގޭސް ބޭނުން ކުރާ އިންހޭލާތަކުގެ ބަދަލުގައި ޕައުޑާ-ބޭސްޑް އިންހޭލާ ބޭނުން ކުރުމުން ތިމާވެއްޓަށް ބޭރުވެގެންދާ ވިހަ ގޭހުގެ މިންވަރު ކުޑަކުރެވެއެވެ. އެގޮތުން ނޭވާ ހިއްލާ ކޮންމެ ދިހަ މީހަކުން 1 ބޭނުން ކުރާ އިންހޭލާއަކީ ތިމާވެއްޓާ ރަހުމަތްތެރި އިންހޭލާއަކަށް ހެދިއަސް ޖައްވުތެރެއަށް ބޭރުވެގެންދާ ވިހަ މާއްދާތަކުން 58 ކިލޯޓަން މަދުކުރެވޭ ކަމަށް ދިރާސާއިން ދައްކައެވެ. ވަކި ފަރުދަކަށް ބަލާނަމަ އަހަރެއްގެ މައްޗަށް ގާތްގަނޑަކަށް 150 ކިލޯގްރާމްއާއި 400 ކިލޯގްރާމްއާއި ދެމެދު މިންވަރަކަށް ވިހަ ގޭސް ބޭރުކުރުން މަދުކުރެވެއެވެ.