މަޝްހޫރު ޓީވީ ސީރީޒް "ގޭމް އޮފް ދަ ތްރޯންސް"ގެ ދެވަނަ ޕްރީކުއަލް "ހައުސް އޮފް ޑްރެގަން"ގެ މަސައްކަތްތައް ކުރިއަށްދާނެ ކަމަށް އެޗްބީއޯއިން ހާމަކޮށްފިއެވެ.

ނެއޯމީ ވޮޓްސް ހަރަކާތްތެރިވާން އޮތް "ގޭމް އޮފް ތްރޯންސް"ގެ ޕްރީކުއަލް ކެންސަލް ކުރި ކަން އެޗްބީއޯއިން ހާމަކުރިތާ ކުޑަ ވަގުތު ކޮޅެއްގެ ތެރޭގައި 2 ވަނަ ޕްރީކުއަލް "ހައުސް އޮފް ދަ ޑްރެގަން"ގެ މަސައްކަތް ކުރިއަށްދާނެ ކަން އެޗްބީއޯއިންވަނީ ކަށަވަރުކޮށްދީފައެވެ.

"ހައުސް ދަ އޮފް ޑްރެގަން"ގެ ލިޔުންތެރިޔަކީ ރާޔަން ކޮންޑާލް (ކޮލަނީ)އެވެ. އޮރިޖިނަލް ސީރީޒްގެ ލިޔުންތެރިޔާ ޖޯޖް އާރް އާރް މާޓިން، ހަރަކާތްތެރިވާނީ ކޯ އެގްޒެކެޓިވް ޕްރޮޑިއުސަރެއްގެ ގޮތުގައި ކަމަށް ޚަބަރު ލިބެއެވެ.

"ހައުސް އޮފް ދަ ޑްރެގަން"ގެ ވާހަކަ ބިނާކޮށްފައިވަނީ އާރް އާރް މާޓިން މިއަހަރު ޝައިއުކުރި ވާހަކަ "ފަޔާ އެންޑް ބްލަޑް"ގެ މައްޗަށެވެ. މި ވާހަކައިގެ ސެޓްކޮށްފައިވަނީ، "ގޭމް އޮފް ތްރޯންސް"ގެ އޮރިޖިނަލް ސީރީޒްގެ ވާހަކަ ފެށުނު ދުވަސްވަރުގެ 300 އަހަރު ކުރިއަށެވެ. ކެންސަލް ކުރި ސީރީޒް ބިނާކޮށްފައި އޮތީ އޮރިޖިނަލް ސީރީޒްގެ 5000 އަހަރު ކުރިއަށެވެ.

8 ސީރީޒްއާއިއެކު މިއަހަރު ނިންމާލި "ގޭމް އޮފް ތްރޯންސް"ގެ 2 ވަނަ ޕްރީކުއަލް "ހައުސް އޮފް ދަ ޑްރެގަން" ދައްކަން ފަށާނެ ތާރީހެއް، އެޗްބީއޯއިން އަދި ހާމަކޮށްފައެއް ނުވެއެވެ.