އިންސާނަކަށް ވީތީ ލިބިދޭން ޖެހޭ ހައްގުތަކުން، ކަޝްމީރުގެ އިންޑިއާއާ ވީ ފަޅީގެ ރައްޔިތުން އަދިވެސް މަހްރޫމް ކުރެވިފައިވާތީ ކަންބޮޑުވާ ކަމަށް، އިންސާނީ ހައްގުތަކާ ބެހޭ އދގެ އޮފީހުން ބުނެފިއެވެ.

އދއިން ކުރިއަށް ގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމެއްގައި އިންސާނީ ހައްގުތަކާ ބެހޭ އދގެ އޮފީހުގެ ފަރާތުން ވާހަކަދެއްކެވި ރުޕާޓް ކޯލްވިލް ވިދާޅުވީ، ކަޝްމީރުގައި މިހާރު އޮތް ހާލަތު ބަދަލުކޮށް، ނިގުޅައިގަނެފައިވާ އަސާސީ ހައްގުތައް އޭގެ ފުރިހަމަ ގޮތުގައި އަނބުރާ އަދާކޮށްދިނުމަށް އިންޑިއާގެ ކަމާބެހޭ ފަރާތްތަކަށް ގޮވާލައްވާ ކަމަށެވެ.

ޖައްމުއާއި ކަޝްމީރުގެ އިންޑިއާއާ ވީ ފަޅީގެ ރައްޔިތުންނަށް މިނިވަންކަމާ އިސްތިގުލާލު ލިއްބައިދިން މާއްދާ، އިންޑިއާގެ ގާނޫނު އަސާސީއިން އުވާލުމާ ދިމާކޮށް ކަޝްމީރުގައި ތަންފީޒުކުރަން ފެށި ހަރުކަށި ފިޔަވަޅުތަކަށް ލުއި ދީފައި ވީނަމަވެސް އެކަމުގެ ނޭދެވޭ އަސަރު، އިންސާނީ ހައްގުތަކަށް ކުރަމުން އަންނަ ކަމަށް ކޯލްވިލް ވިދާޅުވިއެވެ.

އެގޮތުން ޖައްމުއާއި ލަދަކްގެ ސަރަހައްދުން ކާފިއު ބާތިލު ކުރި ނަމަވެސް، ކަޝްމީރު ވާދީއަށް ބަދަލެއް އައިސްފައި ނުވާ ކަމަށާއި، ސުލްހަވެރި ކަމާއެކު އެއްވެ އުޅުމުގެ އިތުރުން ތައުލީމު ހާސިލުކުރުމާއި، ސިއްހީ ފަރުވާގެ ފުރިހަމަ ހިދުމަތް ހޯދުމަށްވެސް ކަޝްމީރުގެ ރައްޔިތުންތައް ހުރަސްތަކާ ކުރިމަތިލާންޖެހިފައިވާކަން ކޯލްވިލް ވަނީ ފާހަގަކުރައްވާފައެވެ.

އޯގަސްޓް މަހުގެ 5 ވަނަ ދުވަހުން ފަށައިގެން ޖައްމުއާއި ކަޝްމީރު ސަރަހައްދުގައި އިންޑިއާއިން ހަރުކަށި ފިޔަވަޅުތަކެއް ތަންފީޒު ކުރަން ފެށި ނަމަވެސް، މިހާރު ދަނީ މީގެ ބައެއް ފިޔަވަޅުތަކަށް ދޫދީ، އާންމު ހާލަތު އިއުލާން ކުރަމުންނެވެ.