ޓްރާންސްޕޯޓުގެ މުވައްޒަފުންނަށް ޗިޓް ދިން މައްސަލަ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީން ބަލަން ފަށައިފިއެވެ.

ހާޒިރީއަށް ފަރުވާ ކުޑަކުރުމުގެ ސަބަބުން ޖަވާބުދާރީ ވާން އަންގާފައިވާ މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީގެ މުވައްޒަފުން މަޖިލީހަށް ވަނީ ސިޓީއެއް ފިނުވާފައެވެ. އެސީޓީއާ ގުޅޭގޮތުން މަޖިލީހުގެ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރުބަލާ ކޮމިޓީން މިއަދު ވަނީ ބައްދަލުވުމެއް ބާއްވާފައެވެ.މި ބައްދަލުވުމުގައި މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީގެ ބޭފުޅުން ބައިވެރިވެވަޑައިގެންނެވި އިރު، ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

ޓްރާންސްޕޯޓް މިނިސްޓްރީގެ ދަށުން ހިންގަމުން އަންނަ މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީގެ މުވައްޒަފުންތަކެއް ކަނޑާލަން އުޅޭ ވާހަކަ ފެންމަތިވުމާއެކު، ޓްރާންސްޕޯޓް އޮތޯރިޓީގެ އެއްވެސް މުވައްޒަފަކު ކަނޑާލާނެ ކަމުގެ ބިރު ދައްކާފައި ނުވާނެ ކަމަށް ވަނީ ބުނެފައެވެ. ނަމަވެސް އެ އޮތޯރިޓީގެ 11 މުވައްޒަފުންނަށް ހާޒިރީ އަށް ފަރުވާ ކުޑަ ކަމަށް ބުނެ ޗިޓް ފޮނުވާފައި ވަނީ މި ދިޔަ ހަފްތާތެރޭގައެވެ.

މުވައްޒަފުންނަށް ފޮނުވި ޗިޓުގައި، އެ މުވައްޒަފުންނާ މެދު ފިޔަވަޅު އެޅުމަށް ނިންމާފައިވަނީ، ހާޒިރީ ރިޕޯޓަށް ބަލާ، 'ދިވެހި ސިވިލް ސާވިސް ގަވާއިދު 2014'ގެ 28 ވަނަ ޗެޕްޓަރުގައި ބަޔާން ކޮށްފައިވާ އިސްލާހީ ފިޔަވަޅު އެޅުމާއި މާއްދީ ގެއްލުންތަކަށް ބަދަލު ނެގުމުގެ ބައިންނެވެ. އެގޮތުން، އެ ބައިގެ 271 ވަނަ މާއްދާގެ (ނ)، ވަޒީފާގެ ކުށުގެ ދަރަޖަ ތިނެއްގެ 2.1 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ، އަހަރެއްގެ ތެރޭގައި ގަޑިޖެހުނު މިނެޓުގެ އަދަދު 300 މިނެޓަށްވުރެ އިތުރުވެފައިވާތީ، ކަމަށް ބުނެއެވެ.

ޓްރާންސްޕޯޓް އޮތޯރިޓީގެ 11 މުވައްޒަފުންނެއް ވަޒީފާއިން ވަކި ކުރުމަށް ހަވާލުކުރި ޗިޓު

ފަސް ދުވަހުގެ ތެރޭގައި އިސްލާހީ ފިޔަވަޅު އެޅުމަށް ކަނޑައެޅިފައިވާ ސަބަބުތަކަށް ލިޔުމުން ޖަވާބު ދާރީ ވުމަށް އެ ޗިޓުގައި ބުނެފައި ވެއެވެ. އަދި މި މުއްދަތުގެ ތެރޭގައިި ޖަވާބުދާރީ ނުވެވިއްޖެ ނަމަ، ނުވަތަ ޓްރާސްޕޯޓް އޮތޯރިޓީން ގަބޫލުކުރާނެ އެކަށީގެންވާ ސަބަބެއް ހުށަނޭޅިއްޖެނަމަ، އެ މުވައްޒަފަކު ވަޒީފާއިން ވަކި ކުރާނެ ކަމަށް ވެސް އެ ޗިޓުގައި ބުނެފައިވެއެވެ. އެ ޗިޓުގައި، އިސްލާހީ ފިޔަވަޅަށް އަމަލީ ސިފަ އަންނާނެ ކަމަށް ބުނެފައި ވަނީ އަންނަ ބުދަ ދުވަހުގައެވެ.

ނަމަވެސް، ސިވިލް ސާވިސް ގަވައިދުގައި އޮންނަ ގޮތުން، މުވައްޒަފަކާއި ދޭތެރޭ އިސްލާހީ ފިޔަވަޅު އެޅުމުގެ ކުރިން، އެ މުވައްޒަފެއްގެ މަސައްކަތް ބެލުމާއި ހަވާލުވެ ހުރި ފަރާތަކުން އެ މުވައްޒަފަކަށް މަގުދައްކަން ޖެހެއެވެ. އެގޮތުން އަނގަބަހުން ނަސޭހަތް ދިނުމާއި، ލިޔުމުން ދެ ފަހަރެއްގެ މަތިން ނަސޭހަތް ދިނުން، އަދި ލިޔުމުން އިޒާރު ދިނުން ހިމެނެއެވެ. މީގެ އިތުރުން މުވައްޒަފު އެކަމެއް އިސްލާހު ނުކޮށްފިނަމަ، ސަސްޕެންޑް ކުރުމާއި، ވަޒީފާގެ ފަންތި ދަށް ކުރުމަކީ ވެސް ވަޒީފާއިން ވަކި ކުރުމުގެ ކުރިން އެޅުމަށް ސިވިލް ސާވިސް ގަވާއިދުގައި ބުނާ ފިޔަވަޅުތަކެވެ.