ކުރިއަށް އޮތީ ގައްޒާގެ ސްޓްރޯބެރީ މޫސުމެވެ. ސްޓްރޯބެރީ މޫސުމަށް ދަނޑުތައް ތައްޔާރުކޮށް މުޅިން ނިމިފައި އޮތެއް ކަމަކު ދަނޑުވެރިންގެ މޫނުމަތިން އުޖާލާކަން ވަނީ ގެއްލިފައެވެ. ފަލަސްޠީނުގެ ބިންތަކަށް ވެރިވެގެންފައިވާ އިސްރާއީލުގެ ފިއްތުންތަކާއެކު ގައްޒާގެ ސްޓްރޯބެރީ ވިޔަފާރީގެ ސިނާއަތަށްވެސް އެކަމުގެ ހިޔަނި އެޅެމުންދާތީއެވެ.

މިއަހަރުގެ ސްޓްރޯބެރީ މޫސުމަށް ހައްސާކޮށްގެން ގައްޒާގެ ދަނޑުވެރިންވަނީ ގާތްގަނޑަކަށް 200 ހެކްޓަރު ނުވަތަ 2000 ދުނާމް ބޮޑު ސަރަހައްދެއްގައި ސްޓްރޯބެރީ ގަސްތައް އިންދާފައެވެ. މިއީ 2017 ވަނަ އަހަރާ އަޅާ ބަލާއިރު އިތުރު އަދަދެކެވެ. ސްޓްރޯބެރީ ދަނޑުގެ ކޮންމެ ދުނާމަކުން ގާތްގަނޑަކަށް 3.5 ޓަނުގެ މޭވާ ލިބެއެވެ. ކޮންމެ ދުނާމަކުން 2 ނުވަތަ 3 މީހަކަށް ވަޒީފާ ލިބެއެވެ. އެހެންކަމުން މިއަހަރުގެ ސްޓްރޯބެރީ މޫސުމުގައި 4000 ނުވަތަ 5000 މީހަކަށް ވަޒީފާ ލިބޭނެތާއެވެ. މިއީ މިދިޔަ އަހަރާ އަޅާ ބަލާއިރު 2000 ވަޒީފާ އިތުރު އަދަދެކެވެ. ވަޒީފާ ނުލިބުމުގެ މައްސަލައަކީ ގައްޒާގައި ބޮޑުވެފައިވާ މައްސަލައަކަށްވާއިރު، މިކަމުންވެސް ކޮންމެވެސް ކަހަލަ ލުޔެއް ލިބިދާނެ ކަމަށް ގަބޫލުކުރެވިދާނެއެވެ.

ގައްޒާގެ ސްޓްރޯބެރީ ދަނޑެއްގައި މީހަކު މަސައްކަތްކުރަނީ/ފޮޓޯ: މިޑްލް އީސްޓް އައި

މީގެ ކުރީގެ އަހަރުތަކަށް ބަލާއިރު ސްޓްރޯބެރީ ސިނާއަތަކީ ގައްޒާގެ އެންމެ ކާމިޔާބު އެއް ސިނާއަތެވެ. އަދި އިސްރާއީލުން ބިން ދޫކުރަން ފެށުމާއެކު ގައްޒާގައި ހައްދަންފެށި ސްޓްރޯބެރީ ދަނޑުތަކުގެ އަދަދުވެސް އިތުރުވާން ފެށިއެވެ. ކަންމިހެން އޮތްނަމަވެސް، ސްޓްރޯބެރީ ވިއްކުމުގެ ވިޔަފާރިއަށް އިސްރާއީލުން އަޅަމުންދާ ހުރަސްތަކަށް ލުއި ނުދީފި ހިނދެއްގައި ސްޓްރޯބެރީ ދަނޑުވެރިންނަށް ކުރިމަތިލާންޖެހޭނީ ގެއްލުމަކާއެވެ. ސްޓްރޯބެރީތައް ވިއްކޭނެ މަގެއް ނެތި، މޭވާކޮޅު ހަލާކުވުން ނޫން ގޮތެއް ނޯންނާނެއެވެ. މާލީ ތަކުލީފު އުފުލަން ތިބި ބަޔަކީ ހަމަ ގައްޒާގެ ފަގީރު ދަނޑުވެރިންނެވެ.

2018 ވަނަ އަހަރުގެ ސްޓްރޯބެރީ މޫސުމަށް ބަލާއިރު އިސްރާއީލުގެ ބާޒާރުތަކަށް ވިއްކާލެވުނީ ގާތްގަނޑަކަށް 3 މިލިއަން ޑޮލަރުގެ މޭވާއެވެ. މިއީ އިސްރާއީލު މެދުވެރިކޮށް އިސްރާއީލުން ގަތް ދަނޑުވެރިކަމުގެ އާލާތްތަކާ، ދަނޑު ހެއްދުމަށް ކުރި ހޭދައިގެ 1 ޕަސެންޓަށްވުރެވެސް ކުޑަ މިންވަރެކެވެ. މިކަން ކަމަށް ގައްޒާއިން ވަނީ ގާތްގަނޑަކަށް 3 ބިލިއަން ޑޮލަރު ޚަރަދު ކޮށްފައެވެ.

ގައްޒާގެ ސްޓްރޯބެރީ ދަނޑެއްގެ އުފެއްދުންތައް ލޮރީއަކަށް ބަރުކުރަނީ/ފޮޓޯ: މިޑްލް އީސްޓް މޮނިޓާ

ގައްޒާގެ ދަނޑުވެރިން އުފައްދާ ސްޓްރޯބެރީތައް، ބޭރު ގައުމުތަކަށް އެކްސްޕޯޓްކުރުމަކީވެސް ދެކޮޅު ޖެހޭ ކަމެއް ނޫނެވެ. މި ބަރު މުދާ އެކްސްޕޯޓްކުރަންޖެހެނީ ވައިގެ ވަގުންނެވެ. އެ ވައިގެ ބަނދަރާ ހަމައަށް މުދާތައް ގެންދިއުމަށް ބޮޑު ހޭދައެއް ކުރަންޖެހޭއިރު، ބޭރު ގައުމުތަކުގެ ބާޒާރުތަކަށް މުދާ ފޯރުކޮށްދިނުމަށް އިތުރު އެތައް ހަރަދެއް ހިނގައެވެ. އެހެންކަމުން، މިކަމަށް އޮތް ހަމައެކަނި ހައްލަކަށް ވަނީ އިސްރާއީލާ ހުޅަނގު އައްސޭރީގެ ބާޒާރުތައް، ގައްޒާގެ ސްޓްރޯބެރީ ދަނޑުވެރިންނަށްޓަކައި ހުޅުވާލުމެވެ. އެކަމަށް އޮތް ހަމައެކަނި ހުރަހަކީ އިސްރާއީލުން ދާއިމީ ގޮތެއްގައި ތަންފީޒު ކުރަމުންދާ އެއްވެސް ބޭނުމެއް ނެތް، ދަތިކުރުމުގެ ހަރުކަށި ފިޔަވަޅުތަކެވެ.