އަންނަ އަހަރަށް ލަފާކޮށް މަޖިލީހަށް ހުށަހަޅާ ބަޖެޓަކީ ގާތްގަނޑަކަށް 40 ބިލިއަން ރުފިޔާއަށް އަރާ ބަޖެޓެއް ކަމަށް ފިނޭންސް މިނިސްޓްރީގެ އަންދާޒާތަކުން ދައްކައިފިއެވެ.
އެ މިނިސްޓްރީ އިން އާންމުކޮށްފައިވާ "2020-2022 ފިސްކަލް ސްޓްރެޓެޖީ" ބަޔާނުގައި ބުނެފައިވަނީ އަންނަ އަހަރަށް ލަފާކޮށް މަޖިލީހަށް ހުށަހަޅާ ބަޖެޓް 39.55 ބިލިއަން ރުފިޔާ އަރާނެ ބަޖެޓެއް ކަމަށާއި މި ޕޮލިސީ މެދުވެރިކޮށް ދައުލަތުން ހާސިލްކުރަން ބޭނުންވާ މިންވަރު ހާސިލުކުރެވޭނެ ކަމަށާއި އަންނަ އަހަރަށް އަލަށް ފަށާ މަޝްރޫއުތަކާއި ރިކަރަންޓް ޕްރޮގްރާމްތަކަށް 5.5 ބިލިއަން ރުފިޔާ ހޭދަވާނެ ކަމަށް ލަފާކުރެވޭ ކަމަށްވެސް އެ ބަޔާނުގައި ބުނެފައިވެއެވެ.
މީގެ އިތުރުން އެ މިނިސްޓްރީން އާންމު ކުރި ބަޔާނުގައި ވަނީ މި ބަޖެޓުގެ ޖުމްލަ ހަރަދަކީ 37 ބިލިއަން ރުފިޔާ ކަމަށާއި ބަޖެޓުގެ ޑެފިސިޓް ޖީޑީޕީގެ ނިސްބަތުން 6.5 ޕަސެންޓުގައި ހިފެހެއްޓޭނެ ކަމަށެވެ. އަދި އިންޑިއާ ސަރުކާރުން ބޮންޑާއި ޓީބިލްގައި އިންވެސްޓްކުރާ، 1.54 ބިލިއަން ރުފިޔާ އަންނަ އަހަރު ހިލޭ އެހީއަށް ބަދަލުކޮށްދޭނެ ކަމުގެ ޔަގީންކަން ލިބިފައިވާ ކަމަށް އެ މިނިސްޓްރީން ބުނެއެވެ.
އަންނަ އަހަރުގެ ބަޖެޓުގެ ގޮތުގައި ހުށަހަޅަން ތައްޔާރުވަމުން އަންނަނީ މިއަހަރު ހަރަދު ކުރަމުންދާ ބަޖެޓަށް ވުރެ 9.5 ބިލިއަން ރުފިޔާ ބޮޑު ބަޖެޓެކެވެ. ފިސްކަލް ޕޮލިސީ މެދުވެރިކޮށް ދައުލަތުން ހާސިލްކުރަން ބޭނުންވާ ލަނޑުދަނޑިތައް ހާސިލުކުރުމަށް ތައާރަފުކުރާ ސިޔާސަތަކީ އަހަރަކު އެއްފަހަރު ފިނޭންސުން މަޖިލީހަށް ހުށަހަޅާ ބަޔާނެކެވެ. އަންނަ އަހަރުގެ މި ބަޔާން ފިނޭންސުން މަޖިލީހަށް ހުށަހެޅީ މިދިޔަ ޖުލައި މަހުގެ 31 ވަަނަ ދުވަހެވެ.