އިންޑިއާގެ ސަރުކާރުގެ ހިދުމަތާ ގުޅިފައިވާ ޑޮކްޓަރުން ސިލްސިލާ އިހުތިޖާޖެއް ކުރަން ފަށައިފިއެވެ.

ފެޑެރޭޝަން އޮފް ގަވަމަންޓް ޑޮކްޓާޒް އެސޯސިއޭޝަން (ފޮގްޑާ)ގެ ޑޮކްޓަރުން އިހުތިޖާޖު ކުރަމުންދާތާ މިއަދަށް މިއީ 4 ވަނަ ދުވަހެވެ.

ވަކި މުއްދަތެއް ނެތް ގޮތަށް ޑޮކްޓަރުން ހަޅުތާލު ކުރަމުން ދަނީ ޗެންނާއީގައި ހުންނަ ރަޖީވް ގާންދީ ގަވަމަންޓް ހޮސްޕިޓަލުގެ ތެރޭގައެވެ.

ޑޮކްޓަރުންގެ ހަޅުތާލު ފަށާފައިވަނީ މުސާރަ ބޮޑުކުރުން ފަދަ ކަންކަމަށް ޑިމާންޑްކުރަމުންދާތާ 2 އަހަރު ދުވަސްވީއިރުވެސް ކަމާބެހޭ ފަރާތްތަކުން އެދެވޭ އިޖާބަދައެއް ދީފައި ނުވާކަމަށް ބުނެއެވެ. ޑޮކްޓަރުން ޑިމާންޑް ކުރަމުންދާ ކަންކަމުގެ ތެރޭގައި ބޭސްވެރިކަމުގެ ރޮނގުން ކިޔަވާނެ ފުރުސަތުތައް އިތުރު ކޮށްދިނުމާ، ޑޮކްޓަރުންގެ އަދަދު އިތުރުކޮށްދިނުން ފަދަ ކަންކަން ހިމެނެއެވެ.

ޑޮކްޓަރުން ބުނާ ގޮތުގައި އެމީހުންގެ ޑިމާންޑްތައް އަޑުއެހުމަށްފަހު 6 އެއްކަ ހަފުތާގެ ތެރޭގައި މައްސަލައަށް ހައްލު ހޯދާދޭނެ ކަމަށް ކަމާބެހޭ ފަރާތްތަކުން ބުނި ކަމަށާ، އޭގެ ފަހުން އަހަރެއްގެ މުއްދަތު ދިން އިރުވެސް އެދެވޭ ބަދަލެއް އައިސްފައެއް ނުވެއެވެ.

ހަޅުތާލު ކުރުމުގެ ގޮތުން ބައެއް ޑޮކްޓަރުން ވަނީ މަރުވަންދެން ބަނޑުހައިހޫނުކަމުގައި ތިބޭނެކަންވެސް ހާމަކޮށްފައެވެ.

އިންޑިއާގެ ކަމާބެހޭ ފަރާތްތަކުން މިކަމާ ގުޅިގެން އަދި ވަކި އެއްޗެއް ބުނެފައެއް ނުވެއެވެ.