އެތައް އަހަރެއްވީ ހަނގުރާމައެއް ކުރަމުންދާ ސޫރިޔާގެ އިދްލީބު ޕްރޮވިންސްގެ ބަރީޝާ އަވަށުގެ ޒައިތޫނު ގަސްތަކުގެ ތެރޭގައި ފަރަންޖީ ބަހަކުން ސިފައިންގެ ބަޔަކު ވާހަކަ ދައްކާތީ އަބޫ އަހުމަދަށް އަޑުއިވުނެވެ. ނަމަވެސް އެ ބަޔަކު ބުނި އެއްޗެއް އަބޫ އަހުމަދަށް ރަނގަޅަށް ދޭހަވިއެވެ. ފަރަންޖީ ބަހަކުން ވާހަކަދައްކަމުން ދިޔަ ސިފައިން ބުނަމުންދިޔައީ އަބޫ އަހުމަދު ދިރިއުޅެމުންދިޔަ ގެއާއި އިންވެގްނެ ހުރި ގެއަށް ހަމަލާ ދިނުމަށް ކަން އޭނާއަށް ރަނގަޅަށް ސާފުވިއެވެ.

މިހާ ހިސާބުން އަބޫ އަހުމަދުގެ އާދަޔާ ހިލާފު އަވަށްޓެރިޔާގެ ވާހަކަ އޭނާ ކިޔައިދޭން ފެށިއެވެ. އަވަށްޓެރިއަކަށްވީތީ ގުޅުން ބަދަހިކޮށް، އެމީހަކާ ރަހުމަތްތެރިކަން ބޭއްވޭތޯ އަބޫ އަހުމަދު މަސައްކަތްކުރިއެވެ. ނަމަވެސް، އުމުރުން 55 އަހަރުގެ އަބޫ އަހުމަދުގެ މަސައްކަތް މުޅިންވެސް ވީ ފެއިލްއެވެ.

ހައްދުފަހަނައަޅާފައިވާ އައިސިސް ޖަމާއަތުގެ އިސް ކޮމާންޑަރު އަބޫ ބަކުރު އަލް-ބަގުދާދީ (ވ) ކަމަށް ބުނާ މީހާ/ފޮޓޯ:ދަ ޑިފެންސް ޕޯސްޓް

އަބޫ އަހުމަދަށް ދެން ލިބިގެންދިޔަ ޚަބަރަކީ ސޫރިޔާގެ އިދްލީބު ޕްރޮވިންސްގައި ފިލައިގެން އުޅުނު އައިސިސް ޖަމާއަތުގެ ލީޑަރު އަބޫ ބަކުރު އަލް-ބަގުދާދީ މަރާލިކަމަށް އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް އިއުލާންކުރެއްވި ޚަބަރެވެ. މިއާއެކު އަބޫ އަހުމަދުގެ "ހިމޭން" އަވަށްޓެރިޔާއަކީ ކާކުކަން ދެނެގަތުމަށް އޭނާގެ ހިތުގައި އޮތް ޝައުގު އިތުރުވިއެވެ.

އަބޫ އަހުމަދަށް އެނގިފައި އޮންނަ ގޮތުގައި އޭނާގެ އާދަޔާ ހިލާފު އަވަށްޓެރިޔާއަކީ ސޫރިޔާގެ އެންމެ ބޮޑެތި ސިޓީތަކުގެ ތެރޭގައި ހިމެނޭ ހަލަބުން އެ އަވަށަށް ދަތުރުވަރެއްގައި އައިސްގެން އުޅޭ ބޮޑު ވިޔަފާރިވެރިއެކެވެ. ފެނިދެނިވާ ފަހަރަކު، ސަލާމްގަލާމްކޮށްލުން ފިޔަވާ އެ ދެމީހުންގެ މެދުގައި އެއްވެސް މުއާމަލާތެއް ނުހިނގާކަމަށް އަބޫ އަހުމަދު ބުނެއެވެ.

ސޫރިޔާގެ އިދްލީބް ޕްރޮވިންސްގައި އައިސިސްގެ ލީޑަރު އަބޫ ބަކުރު އަލް-ބަގުދާދީ ދިރިއުޅެމުންދިޔަ ގެ ރެއިޑްކޮށް ބިމާ ހަމަކޮށްފައި/ފޮޓޯ: ޕާތްނައު

އޭނާގެ އަވަށްޓެރިޔާ ދިރިއުޅެމުންދިޔަ ގެ ރެއިޑްކޮށް، އަސްކަރީ ވައިގެ އުޅަނދުތައް ކޮޅު ކޮޅުމައްޗަށް ދުއްވާ، އަސްކަރީ އޮޕަރޭޝަން ފެށިއިރު އަބޫ އަހުމަދާ އޭނާގެ އަވަށްޓެރިޔާގެ ގެއާއި ދެމެދު ހުންނާނީ މަދު މީޓަރުކޮޅެއް ކަމަށް އޭނާ ބުންޏެވެ.

ރެއިޑް ކުރިއަށްދިޔަ ގޮތް ކިޔައިދެމުން އަބޫ އަހުމަދު ބުނީ، އޭގެ ތެރޭގައި ހުރި މީހަކު އަރަބި ބަހުން ވާހަކަ ދައްކަން ފެށިކަމަށެވެ. އަދި އަބޫ މުޙައްމަދަކަށް ގޮވުމަށްފަހު، އަސްކަރީ ބާރާއެކު އެ ގެއަށް ވަދެގަތުމުގެ ކުރިން ކަމާބެހޭ ފަރާތާ އަމިއްލައަށް ހަވާލުވުމަށް އޭނާއަށް އިންޒާރެއްވެސް ދިން ކަމަށް އަބޫ އަހުމަދު ކިޔައިދިނެވެ.

ހައްދުފަހަނައަޅާފައިވާ އައިސިސް ޖަމާއަތުގެ އިސް ކޮމާންޑަރު އަބޫ ބަކުރު އަލް-ބަގުދާދީ ކަމަށް ބުނާ މީހާ/ފޮޓޯ: އޭއެފްޕީ

3 ގަޑިއިރެއްހާއިރުގެ ރެއިޑް ކުރިއަށްދިޔަ ސަރަހައްދަށް އައި އިތުރު އެކަކީ އުމުރުން އެންމެ 23 އަހަރުގެ ޢަބްދުލް ޙަމީދެވެ. އޭނާ އެސަރަހައްދަށް އައީ ބަޑީގެ އަޑުފައްގަނޑާއެކު އަސްކަރީ މަތިންދާ ބޯޓުތައް ދުއްވާތީ ވެގެން އުޅޭ ގޮތެއް ބެލުމަށެވެ. ޢަބްދުލް ޙަމީދު ބުނި ގޮތުގައި ހަމަލާ އަމާޒުވީ ގެއަކަށާ، އެ ގެ ހުރި ސަރަހައްދުން އެ ވަގުތު ދުއްވާފައި ދިޔަ ކާރަކަށެވެ. ކޮން ބައެއްކަން ނޭނގޭ 6 މީހެއްގެ ހަށިގަނޑު އެ ގޭ ތެރެއިން ފެނިފައިވާއިރު، ކާރު ތެރޭގައިވެސް 2 މީހެއްގެ ހަށިގަނޑު އޮތްކަމަށް ޢަބްދުލް ޙަމީދު ބުންޏެވެ.

މިއިން އެއްވެސް ހަށިގަނޑަކީ އަބޫ މުޙައްމަދުގެ ހަށިގަނޑު ނޫންކަމަށް އެސަރަހައްދުގައި ދިރިއުޅުނު މީހުން ބުނި ކަމަށް ޢަބްދުލް ޙަމީދު ކިޔައިދިނެވެ. އޭރު އަބޫ މުޙައްމަދު ވަނީ އެހެން މީހަކާއެކު ގެންގޮސްފައި ކަމަށްވެއެވެ.

އައިސިސްގެ ލީޑަރު އަބޫ ބަކުރު އަލް-ބަގުދާދީ އަތުލައިގަތުމަށް އެމެރިކާއިން ހިންގި އަސްކަރީ އޮޕަރޭޝަންގައި ހަމަލާ އަމާޒުވި އެއްގަމު އުޅަނދު/ފޮޓޯ: ޔޫޓިއުބް

އާ ދުވަހަކަށް އަލިވިލުނުއިރު އަބޫ އަހުމަދުގެ އަވަށްޓެރިޔާގެ ގެ ވަނީ ސުންނާފަތިކޮށް ބިމާ ހަމަކޮށްފައެވެ. މުޅި ތަނުގައި އޮތީ ގާ ކުނޑީގެ ހިރަފުހުން އަޅިސާލެއް ފެތުރިފައި ފަދައެވެ. އޭނާގެ އަވަށްޓެރިޔާ އުޅުން ސިފަކޮށްދެމުން އަބޫ އަހުމަދު ބުނީ، އެ މީހަކީ ފަތިހާ ގެއިން ނިކުމެގެން ދާ ގޮތަށް ރޭގަނޑު ނޫނީ ގެއަށް ނާންނަ މީހެއް ކަމަށެވެ. ކުޑަކުދިންނާ އަންހެނުން އެ ގެއަށް ވަދެނިކުމެ ވާތީ ހަދާތަން ނުފެންނައިރު، އެގޭގައި އުޅޭ އިތުރު ބަޔަކުވެސް ނުދަންނަ ކަމަށް އަބޫ އަހުމަދު ކިޔައިދިނެވެ.

އަބޫ އަހުމަދުގެ އާދަޔާ ހިލާފު އަވަށްތެރިޔަކީ މުޅި ދުނިޔެ އެމީހަކަށް ފަރާލަމުންދިޔަ އަބޫ ބަކުރު އަލް-ބަގުދާދީކަން އޭނާއަށް ކުޑަކޮށްވެސް ރެއަކާ ލިނަމަ ހާދަހާ ކަމެއް ބަދަލުވީސްތާއެވެ.