ސޫރިޔާގެ ހުޅަނގުއުތުރު ސަރަހައްދުގައި އެމެރިކާގެ އަސްކަރިއްޔާއިން ހިންގި އޮޕަރޭޝަނެއްގައި، ހައްދުފަހަނައަޅާފައިވާ ހަނގުރާމަވެރި ޓެރަރިސްޓް އައިސިސް ޖަމާއަތުގެ ލީޑަރު އަބޫ ބަކުރު އަލް-ބަގުދާދީ މަރާލާފައިވާކަން، އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް ކަށަވަރުކޮށްދެއްވައިފިއެވެ.

ވައިޓް ހައުސްގައި ހުންނަވާ، ވާހަކަފުޅު ދައްކަވަމުން ޓްރަމްޕް ވިދާޅުވީ، ހޮނިހިރު ދުވަހުގެ ރޭގެ ވަގުތެއްގައި އެމެރިކާގެ ސަލާމަތީ ބާރުތަކުން އަސްކަރީ ރެއިޑް ކުރިއަށް ގެންދަނިކޮށް، ބަގުދާދީ އަމިއްލަ ހަށިގަނޑު ގޮއްވާލައިގެން މަރުވިކަމަށެވެ.

އައިސިސްގެ ލީޑަރުގެ ގޮތުގައި ދުނިޔޭގެ ރާޑަރަށް ބަގުދާދީ އެރީ، އެ ޖަމާއަތުގެ "ހިލާފަތެއް" އިރާގާ ސޫރިޔާގައި ގާއިމުކުރެވިއްޖެކަމަށް އޭނާ އިއުލާން ކުރި ހިސާބުންނެވެ. އޭގެ ފަހުން އަދާ ހަމައަށް އައިއިރު އައިސިސް އިން ހިންގި ލާއިންސާނީ ޖަރީމާތަކުގައި އެތައް ހާސް ބައެއްގެ ފުރާނަ ވަނީ ގެއްލިފައެވެ. ހައްދުފަހަނައަޅާފައިވާ ހަރުކަށި ފިކުރުގެ އުސޫލުތަކާއެކު އައިސިސްގެ ކޮންޓްރޯލްގެ ދަށުގައި އެތައް މިލިއަން ބަޔަކު ތިބިއިރު، ދުނިޔޭގެ އެކި ކަންކޮޅުތަކަށް އަމާޒުކޮށް އެ ޖަމާއަތުން ވަނީ ވަރުގަދަ ޓެރަރިސްޓް ހަމަލާތަކެއްދީ، މައުސޫމު އެތައް ބައެއްގެ ފުރާނަ ދުއްވާލާފައެވެ.

ބަގުދާދީގެ އެންމެ ފަހު ވަގުތުކޮޅު ސިފަކުރައްވަމުން ޓްރަމްޕް ވިދާޅުވީ އެތައް ބަޔަކު ނުތަނަވަސް ކަމާ ބިރުވެރިކަމުގެ ތެރޭގައި ގެންގުޅުނު ބަގުދާދީގެ ނިމުން އައީވެސް އެފަދަ ހާލަކަށް އޭނާ ވައްޓާލުމަށް ފަހުގައި ކަމަށެވެ. އެންމެ ފަހު ވަގުތު އަމިއްލަ ހަށިގަނޑު ގޮއްވާލައިގެން މަރުވުމާ ހަމައަށް އޭނާ ދުވެ، ރޮއެ އާދޭސް ކުރަމުންދިޔަ ކަމަށް ޓްރަމްޕް ވިދާޅުވިއެވެ.

ބަގުދާދީއަކީ އައިސިސްއަށް ނިސްބަތްވާ އިސް ކޮމާންޑަރުންގެ ތެރެއިން، ފިލައިގެން އުޅޭ އެންމެ އިސް އެއް ކޮމާންޑަރުވެސްމެއެވެ.