ހައްދުފަހަނައަޅާފައިވާ ހަނގުރާމަވެރި ޓެރަރިސްޓް އައިސިސް ޖަމާއަތުގެ ބާނީ އަދި ލީޑަރުގެ ގޮތުގައި ސިފަކުރަމުން އަންނަ އަބޫ ބަކުރު އަލް-ބަގުދާދީއަށް އަމާޒުކޮށް، އެމެރިކާއިން އަސްކަރީ އޮޕަރޭޝަނެއް ހިންގާފައިވާކަމަށް އެމެރިކާގެ އޮފިޝަލުންތަކެއް ވިދާޅުވެއްޖެއެވެ.
މީޑިއާގައި ނަން ހާމަ ނުކުރުމަށް އެދިވަޑައިގެން މައުލޫމާތު ދެއްވި އޮފިޝަލަކާ ހަވާލާދީ ބައިނަލްއަގުވާމީ ޚަބަރުތައް ބުނާ ގޮތުގައި، އެމެރިކާއިން ބަގުދާދީއަށް އަމާޒުކޮށް ހަމަލާދީފައިވަނީ ސޫރިޔާގެ އިދްލީބު ޕްރޮވިންސްގައެވެ. މިކަމެއް ހިނގިކަން އެމެރިކާގެ އިތުރު އޮފިޝަލަކި ވަނީ ކަށަވަރުކޮށްދެއްވާފައެވެ. ނަމަވެސް އެއީ ކޮން އިރަކު ކިހިނެއް ހިންގި އޮޕަރޭޝަނެއް ކަމާ، އެ އޮޕަރޭޝަންގެ ކާމިޔާބީ ނުވަތަ ނާކާމިޔާބީއާއި ގުޅުން ހުރި އެއްވެސް ތަފްސީލެއް އެމެރިކާއިން އަދި ހާމަކޮށްފައެއް ނުވެއެވެ.
އެމެރިކާ އަސްކަރިއްޔާގެ އޮފިޝަލަކާ ހަވާލާދީ ނިއުސްވީކްއިން އާންމުކުރި ރިޕޯޓަކަށް ރިއާޔަތްކޮށް އަލްޖަޒީރާއިން ބުނީ މި ރެއިޑްގައި ބަގުދާދީ މަރާލެވިފައިވާކަމަށެވެ.
އެމެރިކާގެ މަސްރަހުން މިފަދަ ވާހަކަތަކެއް ހާމަވެފައި މިވަނީ، ޖީއެމްޓީ ގަޑިން މެންދުރު 01:00 ގައި އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް، "ވަރުގަދަ ބަޔާނެއް" ދެއްވާނެ ކަމަށް ވައިޓް ހައުސްގެ ތަރުޖަމާނު ހޯގަން ގިޑްލީ ވިދާޅުވެފައިވާ ދަނޑިވަޅެއްގައެވެ.
މިއީ ކޮން ކަމަކާ ގުޅިގެން ޓްރަމްޕް ދެއްވާ ބަޔާނެއްކަން ގިޑްލީ ތަފްސީލުކޮށްދެއްވާފައެއް ނުވެއެވެ. ނަމަވެސް އޭގެ ވަގުތުކޮޅެއް ކުރިން ޓްރަމްޕްވަނީ "ވަރަށް ބޮޑު ކަމެއްވެއްޖެ" ކަމަށް ވިދާޅުވެ، ޓްވީޓެއް ކުރައްވާފައެވެ.
މިދިޔަ 5 ވަރަކަށް އަހަރު ދުވަހަށް ބަލާއިރު އައިސްގެ ލީޑަރަކަށް ހުރީ ބަގުދާދީއެވެ. އޭނާ މަރުވި ކަމުގެ ހަބަރުތައް ތަކުރާރުކޮށް ދޭތެރެ ދޭތެރެއިން ފެންމަތިވަމުން ދިޔަ ނަމަވެސް، ބަގުދާދީ އަކީ އައިސްގެ ކޮމާންޑަރުންގެ ތެރެއިން މިހާތަނަށްވެސް ޔަގީންކަމާއެކު އަތުލައިގަނެވިފައި ނުވާ މަދު ކޮމާންޑަރުންގެ ތެރެއިން އެކަކު ކަމަށް ބައިނަލްއަގުވާމީ ޚަބަރުތައް ބުނެއެވެ. ބަގުދާދީ ވަކާލާތުކޮށްފައިވާ ގޮތުގައި އައިސިސް އަކީ ވަކި އިސްލާމީ ހިލާފަތެކެވެ. ނަމަވެސް މިއަދު އެ ޖަމާއަތުގެ ހަރަކާތްތައް ވަނީ އިންތިހާއަށް ބަލިކަށިވެފައެވެ. އެ ޖަމާއަތާ ގުޅުނު ގިނަ ހަނގުރާމަވެރިންތަކެއް މަރުވެފައިވާއިރު، އެތައް ބަޔަކަށް ވަނީ ޖަލުގައި ދުވަސްތައް ހޭދަކުރަން ޖެހިފައެވެ.
ބަގުދާދީއަށް އަމާޒުކޮށް އެމެރިކާއިން އަސްކަރީ އޮޕަރޭޝަނެއް ހިންގާ، އެ ރެއިޑްގައި އޭނާ މަރާލެވިފައިވާކަމަށް އެމެރިކާއިން އަޑުފަތުރާފައިވާ މި ދަނޑިވަޅަކީ، ސޫރިޔާގައި އޮތް އައިސްގެ ބާރު ކަނޑުވާލުމުގެ ނަމުގައި އެމެރިކާއިން ހިންގަމުންދިޔަ އަސްކަރީ ހަރަކާތްތައް ހުއްޓާލުމަށްފަހު އެމެރިކާގެ އަސްކަރިއްޔާގެ މަދު މެމްބަރެއް ފިޔަވާ ދެން ތިބި ހުރިހާ ސިފައިންނެއް ސޫރިޔާއިން ބާލަމުންދާ ދަނޑިވަޅެއްގައެވެ.