އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕްގެ ޕްރައިވެޓް ގާނޫނީ ވަކީލު ރޫޑީ ޖޫލިއާނީގެ ފޯނުން، ބޭއިހުތިޔާރުގައި ނޫސްވެރިއަކަށް މުހިންމު ވޮއިސް މެސެޖުތަކެއް ފޮނުވިއްޖެއެވެ.

އެންބީސީ ނިއުސް އިން ރިޕޯޓްކޮށްފައިވާ ގޮތުގައި ޖޫލިއާނީގެ ފޯނުން "ބޭ އިހުތިޔާރުގައި" 2 ވޮއިސް މެސެޖެއް ވަނީ ކުރެވިފައެވެ.

މި ވޮއިސް މެސެޖުތަކުގައި ޖޫލިއާނީ ދައްކާފައިވަނީ އިތުރަށް ފައިސާ ބޭނުންވާ ވާހަކައެވެ. މީގެ އިތުރުން ޓްރަމްޕްގެ އިދިކޮޅު ޑިމޮކްރަޓިކް ރިޔާސީ ކެންޑިޑޭޓް ޖޯ ބައިޑްންއާއި އޭނާގެ އާއިލާއަށް ބަހުގެ ވަރުގަދަ ހަމަލާތަކެއް ދޭ އަޑުވެސް އިވޭ ކަމަށް ރިޕޯޓްތައް ބުނެއެވެ.

މިކަމާ ބެހޭ ގޮތުން ޖޫލިއާނީ އަދި ވަކި އެއްޗެއް ބުނެފައެއް ނުވެއެވެ.

މިދަނޑިވަޅަކީ އެމެރިޔާގެ ރައީސް ކަމުގެ މަގާމުން ޓްރަމްޕް އަޒުލުކުރުމަށް ގާނޫނު ހަދާ މަޖިލީހުގައި ހިމެނިވަޑައިގަންނަވާ އިދިކޮޅު ޑިމޮކްރަޓުން މަސައްކަތްކުރައްވަމުން ގެންދަވާ ދަނޑިވަޅެކެވެ. ރައީސް ކަމުގެ މަގާމުން ޓްރަމްޕް އަޒުލުކުރުމަށް މަސައްކަތްކުރަމުންދަނީ ބައިޑްންގެ ދެބަފައިންގެ މައްޗަށް ތަހުގީގެއް ހިންގުމަށް ޔޫކްރައިންގެ އޮފިޝަލުންނަށް ޓްރަމްޕް އިރުޝާދު ދެއްވި ކަމަށް ބުނާ މައްސަލައަކާ ގުޅިގެންނެވެ.

އެންބީސީގެ އިންވެސްޓިގޭޓިވް ރިޕޯޓަރެއްގެ ގޮތުގައި މަސައްކަތް ކުރަމުން އަންނަ ރިޗް ޝެޕީރޯ ބުނާ ގޮތުގައި ޖޫލިއާނީގެ ފަރާތުން އޭނާއަށް މެސެޖުތައް ލިބިފައިވަނީ މަހެއްހާ ދުވަހުގެ ތެރޭގައެވެ. ޝެޕީރޯ ސިފަކުރާ ގޮތުގައި މި ކޯލުތަކަކީ ޒަމާނީ ބަހުރުވައިން ބުނާނަނަމަ "ބަޓް-ޑައިލް"އަކުން ދިޔަ މެސެޖުތަކެކެވެ. "ބަޓް-ޑައިލް"އެކޭ ބުނަނީ ޖީބު ފަދަ ތަނެއްގައި ފޯނު އޮންނައިރު، އެފޯނުން ކޯލެއް ކުރަން އޮބާ ފިތަކަށް ބޭ އިހުތިޔާރުގައި ނޭނގުމެއްގެ ތެރެއިން ފިތިގެން ކުރެވޭ ކޯލުތަކަށެވެ.

ޖޫލިއާނީގެ ފަރާތުން ޝެޕީރޯއަށް މިފަދަ ކޯލެއް ފުރަތަމަ އައީ ސެޕްޓެމްބަރު މަހުގެ 28 ވަނަ ދުވަހުއެވެ. އެ ދުވަހަކީ ޝެޕީރޯގެ ދަރިފުޅުގެ އުފަން ދުވަސް ކަމުން، އޭނާ އުޅުނީ ޕާޓީގެ ކަންތަކުގައި ކަމުން، ޖޫލިއާނީގެ ކޯލު މިސްވިއެވެ. ނަތީޖާއަކަށްވީ 3 މިނެޓެއްހާއިރު ވޮއިސް މެސެޖެކެވެ. އޭނާ ލިޔަމުން ދިޔަ ލިޔުމަކަށް މައުލޫމާތު އެއްކުރުމަށް ޝެޕީރޯވަނީ އޭގެ ކުރީ ދުވަހު ޖޫލިއާނީއަށް ފޯނުކޮށްފައެވެ.

ޖޫލިއާނީގެ ފޯނުން ޝެޕީރޯއަށް 2 ވަނަ ފަހަރަށް "ބަޓް-ޑައިލް"އެއް ކުރީ އޮކްޓޯބަރު މަހުގެ 16 ވަނަ ދުވަހުގެ ރޭގެ ވަގުތެއްގައެވެ. އެ ފަހަރުގެ ވޮއިސް މެސެޖުން އިވިގެން ދަނީ ރޮބާޓް ނަމަކަށް ކިއާ މީހަކާ ޖޫލިއާނީ ދެމެދު ދެކެވޭ ވާހަކަތަކެއްގެ އަޑެވެ. އަދި އިތުރަށް ފައިސާތަކެއް ބޭނުންވާ ވާހަކަ ދައްކާ އަޑު އިވެނީ މިމެސެޖުގައި ކަމަށް ޝެޕީރޯ ބުނެއެވެ.

ޖޫލިއާނީއަކީ 1994 އިން 2001 އަށް ނިއު ޔޯކް ސިޓީގެ މޭޔަރުކަންވެސް ކުރި މީހެކެވެ. އޭނާ އަކީ 2008 ވަނަ އަހަރު އެމެރިކާގައި އޮތް ރިޔާސީ އިންތިހާބުގައި ރިޕަބްލިކަންސްގެ ފަރާތުން ވާދަކުރަންވެސް އުޅުނު ކެންޑިޑޭޓެކެވެ. ޓްރަމްޕްގެ ޕްރައިވެޓް ވަކީލުކަމުގެ ޒިންމާއާއި ޖޫލިއާނީ ހަވާލުވީ 2018 ވަނަ އަހަރުގެ އޭޕްރިލް މަހުގެ ތެރޭގައެވެ.