މީގެ އަހަރުތަކެއް ކުރިން ނިޔާވެފައިވާ މއ. ވާދޫގެ އިބްރާހިމް ރަޝީދު އަދި ހައްވާ މުހައްމަދުގެ ނަންމަތީގައި ކެފޭއެއް ހިންގަން މިދިޔަ މަހު 11 ވަނަ ދުވަހު މާލެ ސިޓީ ކައުންސިލުން ދިން ހުއްދަ ބާތިލުކޮށްފިއެވެ.
"މާލެ ޓައުން ކެފޭ"ގެ ނަމުގައި ހިންގަމުން ދިޔަ މި ކެފޭއަށް ދީފައިވާ ހުއްދަ ބާތިލުކުރި ކަން ހާމަކޮށް، އެ ކައުންސިލުން ބުނީ މި މައްސަލަ މިހާރު ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ. މި މައްސަލަ ފުލުހަށް ހުށަހަޅާފައިވާއިރު، ކެފޭ ހިންގުމަށް ހުއްދަ ދޫކޮށްފައިވާ ހައްވާ މުހައްމަދުގެ މާމަ ދަރި އަދި އިބްރާހިމް ރަޝީދުގެ ދަރި، މއ. ވާދޫގެ އަލީ ނިފާޒުގެ ފަރާތުން މި މައްސަލަ ކޯޓަށް ހުށަހެޅުމަށް ވެސް ވަނީ ނިންމާ، ކެފޭ ހިންގުމަށް ދޫކޮށްފައިވާ ހުއްދަ ބާތިލުކޮށް ދިނުމަށް އެދި މާލެ ސިޓީ ކައުންސިލުގެ މޭޔާ ޝީފާ މުހައްމަދަށް ސިޓީއެއް ފޮނުވާފައެވެ.
މި މައްސަލައާ ގުޅިގެން މާލެ ސިޓީ ކައުންސިލުގެ މޭޔާ ޝިފާ މުހައްމަދު 'ދަ ޕްރެސް' އަށް މައުލޫމާތު ދެއްވަމުން ވިދާޅުވެފައިވާ ގޮތުގައި، ކެފޭ ތަކަށް ހުއްދަ ދޫކުރަނީ ގޭގެ ރަޖިސްޓްރީ ހުށަހަޅައިގެން ކަމަށާއި، ގޭގެ ވެރިފަރާތުން ނަޔަސް، ވެރި ފަރާތުން ސޮއި ކޮށްފައިވާ ސިޓީއެއް ކައުންސިލަށް ހުށަހެޅުމުން މިދަފަ ހުއްދަތައް ދޫކުރާ ކަމަށެވެ. އަދި މި މައްސަލަ ދިމާވެފައިވަނީ ގޭގެ ވެރިފަރާތުގެ ސޮއި ނަކަލު ކޮށްގެން ކަމަށް ބެލެވޭ ކަމަށާއި، މައްސަލަ ދިމާވީ ކައުންސިލުގެ ސެކްޝަނުން ކަމަށް ވާތީ، މައްސަލަ މިހާރު ލީގަލް ޑިޕާޓްމަންޓާއި ހަވާލުކޮށްގެން ބެލުމަށް ނިންމާފައިވާ ކަމަށް ޝިފާ ވިދާޅުވެފައިވެއެވެ.
މީގެ އަހަރުތަކެއް ކުރިން ހައްވާ މުހައްމަދު ނިޔާވުމަށްފަހު އެމަރުހޫމުގެ ތަރިކަ ބެހުމުގެ މައްސަލަ ކަމާބެހޭ ފަރާތްތަކަށް ހުށަނާޅާ ވަނިކޮށް އޭނާ ނިޔާވި އިރު ދުނިޔޭގައި ހުރި ހަމައެކަނި ވާރިސް ކަމަށްވާ އޭނާގެ ފިރިހެން ދަރި އިބްރާހިމް ރަޝީދު ވަނީ ނިޔާވެފައެވެ. އިބްރާހިމް ރަޝީދު ނިޔާވި އިރު، ދުނިޔޭގައި ހުރި އޭނާގެ ހަމައެކަނި ވާރިސަކީ އޭނާގެ ފިރިހެން ދަރި، ނިފާޒެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި، ހައްވާ މުހައްމަދާއި، އިބްރާހިމް ރާޝީދު ނިޔާވިތާ އެތަށް އަހަރެއް ފަހުން އަމިއްލަ ފަރާތަކުން މއ. ވާދޫގޭގެ ގްރައުންޑް ފްލޯގައި ކެފޭއެއް ހިންގަން ފަށާފައި ވަނީ އެގޭގެ ތަރިކައިގެ މައްސަލަ ކޯޓުގައި ހިނގަމުން ދަނިކޮށް އެއްވެސް ވާރިސަކަށް އެނގުމަކާ ނުލައިކަން ވަނީ އެނގިފައެވެ.