މިއަހަރުގެ މިހާ ހިސާބަށް އާދެވުނު އިރު އިރުމަތީ ގުދުސްގައި ފަލަސްތީނުގެ ރައްޔިތުން ދިރިއުޅެމުންދިޔަ 140 ގެއެއް، އިސްރާއީލުގެ ކަމާބެހޭ ފަރާތްތަކުން ބިމާ ހަމަކޮށް ސުންނާފަތިކޮށްފައިވާކަމަށް، އިންސާނީ ހައްގުތަކަށް ވާކާލާތު ކުރާ އިސްރާއީލުގެ ޖަމިއްޔާއަކުން ބުނެފިއެވެ.

ބައިތު ސަލާމް ނަމުގައި ހަރަކާތްތެރިވާ ޖަމިއްޔާއިން އެއްކޮށްފައިވާ ތަފާސް ހިސާބުތަކަށް ބަލާއިރު، މިއީ 2004 ވަނަ އަހަރަށްފަހު، އިސްރާއީލުން އެންމެ ގިނަ އަދަދަކަށް ގެތަށް ސުންނާފަތިކުރި އަހަރެވެ. މިއާ އެންމެ ގާތްކުރާ އަދަދަކަށް ގެދޮރު ސުންނާފަތި ކޮށްފައިވަނީ 2016 ވަނަ އަހަރުގެ ތެރޭގައެވެ. އެއަހަރު ސުންނާފަތި ކޮށްފައި ވަނީ ގާތްގަނޑަކަށް 92 ގެއެއް ކަމަށް ބައިތު ސަލާމްގެ ރެކޯޑްތަކުން ދައްކައެވެ.

ބައިތު ސަލާމްއިން ބުނީ އިސްރާއީލުގެ ކަމާބެހޭ ފަރާތްތަކުން ހިންގި ސުންފާތިކުރުމުގެ އަމަލުތަކުގެ ސަބަބުން މިއަހަރުގެ ތެރޭގައި، ފަލަސްތީނުގެ 238 މީހެއްގެ ގެދޮރު ގެއްލިފައިވާކަމަށެވެ. މީގެ ތެރޭގައި 127 ކުޑަކުދިންވެސް ހިމެނޭ ކަމަށް ބައިތު ސަލާމްއިން ބުނެއެވެ.

ބައިތު ސަލާމްއިން ބުނާ ގޮތުގައި އިސްރާއީލުގެ ކަމާބެހޭ ފަރާތްތަކުން މި އަހަރު ސުންނާފަތި ކޮށްލި ގެތަކަކީ، ސަރުކާރުން ނަގަން ޖެހޭ ހުއްދަތައް ނުނަގާ އަޅާފައިވާ ހުރި ގެތަކެކެވެ. ނަމަވެސް އިސްރާއީލުގެ އަމަލުތަކަށް ފާޑުކިޔާ ފަރާތްތަކުން ބުނާ ގޮތުގައި ގަވައިދާ ހިލާފަށް ގެދޮރު އެޅުމަށް ފަލަސްތީނުގެ ރައްޔިތުން މަޖުބޫރުވަނީ، ގެދޮރު އެޅުމުގެ ހުއްދަ ދޫކުރުމުގައި އިސްރާއީލުގެ ކަމާބެހޭ ފަރާތްތަކުން، ތަފާތު ކުރުމުގެ ސަގާފަތެއް ގެންގުޅޭތީއެވެ.

އިސްރާއީލުުގެ ހަމަލާތަކުގައި ސުންނާފަތި ވެފައިވާ އިމާރާތެއްގެ ގާ ކުނޑިތަކުގެ ތެރެއިން ކުޑަކުއްޖަކު ގޮވައިގެން މީހަކު ދަނީ/ފޮޓޯ: ރޮއިޓާޒް

އިންސާނީ ހައްގުތަކަށް ވަކާލާތުކުރާ އިސްރާއީލުގެ އެހެން ޖަމިއްޔާއެއް ކަމަށްވާ ޕީސް ނައުއިން، 1991 ވަނަ އަހަރުން ފެށިގެން އެއްކޮށްފައިވާ ރެކޯޑްތަކަށް ބަލާއިރު، އިސްރާއީލުގެ ސަރުކާރުން ގެންގުޅޭ ތަފާތުކުރުންތަކުގެ ސިޔާސަތަށް ހެކި ލިބެއެވެ. އެގޮތުން އިރުމަތީގެ ގުދުސްގެ އާބާދީގެ 60 ޕަސެންޓް ހިއްސާކުރަނީ ފަލަސްތީނުގެ ރައްޔިތުން ކަމުގައި ވީ ނަމަވެސް، ގެދޮރު އެޅުމަށް ހުއްދަ ލިބިފައިވަނީ އެންމެ 30 ޕަސެންޓް މީހުންނަށްކަން މި ރެކޯޑްތަކުން ދައްކައެވެ. ނަތީޖާއެއްގެ ގޮތުން އެތައް ހާސް ގެއެއް އަޅާފައި ވަނީ "ގަވައިދާ ހިލާފަށް" ކަމަށް ބުނެވިދާނެއެވެ. ޕީސް ނައުއިން ލަފާކުރާ ގޮތުގައި، 1967 ވަނަ އަހަރަށްފަހު ފަލަސްތީނުގެ އަވަށްތަކުގައި ގަވައިދާ ހިލާފަށް އަޅާފައިވާ ގެތަކުގެ އަދަދު 40000އަށްވުރެ މައްޗަށް އަރާނެއެވެ. ކަންމިހެން އޮތްއިރު، މި ގެތަކަކީ އިސްރާއީލުން ހިންގާ ސުންނާފަތިކުރުމުގެ ސްކީމުގެ ނުރައްކަލުގެ ތެރޭގައި އަބަދުމެހެން ހިމެނިފައިވާ ގެތަކެކެވެ.

ފަލަސްޠީނުގެ އުރުދުން ވާދީގެ ދަނޑުވެރިއެއް/ފޮޓޯ: އަރްވާ އިބްރާހީމް

ފަލަސްތީނުގެ ރައްޔިތުން އަޅާފައިވާ ގެތަށް ސުންނާފަތިކޮށް، ފަލަސްތީނުގެ ރައްޔިތުން މަގުމަތި ކުރަމުންދާ މައްސަލަ ފެންމަތިވެފައި މިވަނީ، އިސްރާއީލުން ވެރިވެގެންފައިވާ ހުޅަނގު އައްސޭރިއާއި އިރުމަތީ ގުދުސްގެ ބިންޔަކުގައި ޔަހޫދީ ވަޒަންވެރިންގެ އާބާދުތައް އިތުރުކުރަމުންދާ ދަނޑިވަޅެއްގައެވެ.