ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ މައްޗަށް ކޮށްފައިވާ ދައުވާތަކާ ގުޅިގެން އަންނާނެ ހުކުމެއްގެ ގޮތުން ކަނޑައެޅޭނެ ހުކުމަކީ 20 އަަހަރުގެ ޖަލު ހުކުމެއް ކަމަށް އެސިސްޓަންޓް ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ރިޔާޒް ވިދާޅުވެއްޖެއެވެ.
މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމް.އެމް.ޕީ.އާރް.ސީ) މެދުވެރިކޮށް 2014 އަދި 2015 ވަނަ އަހަރު ހިންގި ކޮރަޕްޝަނާއި، ޚިޔާނާތްތެރިވުމުގެ ކުށްތަކާ ގުޅިގެން އަދީބާއެކު ކުށަށް އިއުތިރާފްވުމާއި ތަހުގީގަށް އެއްބާރުލުން ދިނުމަށް ވެފައިވާ އެއްބަސްވުމުގައި އެކަން ބަޔާން ކޮށްފައިވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
އެ އެއްބަސްވުމުގައި އަދީބަށް ދެވޭނެ ލުއިތަކެއް ކަނޑައެޅިފައިވާ ކަން ފާހަގަކުރައްވާ ރިޔާޒް ވިދާޅުވީ، މީގެ ކުރިން އަދީބުގެ މައްޗަށް ތުހުމަތު ކުރެވިފައިވާ މައްސަލަތަކާ ގުޅޭގޮތުން އުފުލިފައިވާ ދައުވާތަައް އަލުން މުރާޖާ ކުރުމަށް ފަހު ކުރަން ހަމަޖެހިފައިވަނީ މިހާރު ކޯޓަށް ހުށަހަޅާފައިވާ 7 ދައުވާ ކަމަށް ބުނެފައި ވާނެ ކަމަށެވެ.
މި އެއްބަސްވުމަކީ، 2012، 1 ފެބްރުއަރީ އިން ފެށިގެން 2015، 25 އޮކްޓޯބަރާ ހަމައަށް އަދީބު އަދާކުރެއްވި ދައުލަތުގެ މަގާމުތަކުގައި ހުންނެވި މުއްދަތުތަކުގައި އެމަނިކުފާނުގެ މައްޗަށް ތުހުމަތު ކުރެވޭ ހުރިހާ މައްސަލަތަކެއް ހިމެނޭގޮތަށް އެ މައްސަލަތަކުގައި ތަހުގީގަށް އެއްބާރުލުން ދިނުމާއި އަދި އެ މައްސަލަތަކާއި ގުޅޭ ގޮތުން ތަހުގީގަށް އެމަނިކުފާނުގެ އަތްޕުޅުގައި ހުރި ހުރިހާ ހެއްކާއި ގަރީނާ ހަވާލު ކުރުމާ ގުޅޭ ގޮތުން ވެވިފައިވާ އެއްބަސްވުމެއް ކަމަށް ރިޔާޒް ވިދާޅުވިއެވެ.
މި އެއްބަސްވުމުގައި ތަހުގީގަށް އަދީބުގެ ފަރާތުން ފޯރުކޮށްދޭންޖެހޭ ކަންތައްތަކަކީ:
2012، 1 ފެބްރުއަރީ އިން ފެށިގެން 2015، 25 އޮކްޓޯބަރާ ހަމައަށް އަދީބު ހިންގަވާފައިވާ އަދި ތުހުމަތުކުރެވޭ ދައުލަތުގެ ފައިސާއަށް ހިޔާނާތްތެރިވުމާއި، މަނީ ލޯންޑަރިންނާއި، މަކަރާއި ހީލަތް، ޓެރަރިޒަމްގެ ކުށްތަކާއި އަދި އަދީބުގެ މައްޗަށް ތުހުމަތު ކުރެވޭ މިނޫންވެސް ކުށްތަކާ ގުޅޭ ގޮތުން އަދީބަށް އެނގިވަޑައިގަންނަވާ ހުރިހާ މައުލޫމާތެއް ތެދު ބަހުން ވިދާޅުވެ ދެއްވުމަށާއި، އަދީބުގެ ބެއްލެވުމުގެ ދަށުގައި އެ މައްސަލައާ ގުޅުންހުރި ހުރިހާ ހެއްކާއި ގަރީނާއާއި ލިޔުންތަކާއި މައުލޫމާތު ހުރި އާލަތްތަކާއި ވަސީލަތްތައް ހާމަކޮށް ހިއްސާކުރުން.
އެ މައްސަލައާ ގުޅުންހުރި ހުރިހާ ހެއްކާއި ގަރީނާ ލިޔުންތަކާއި މައުލޫމާތު ބޭނުން ކުރާ ހިނދު ޕީޖީއާއި، ފުލުހުންނާއި، ރާއްޖޭގެ ޝަރުއީ ކޯޓުތަކާއި، އަދި ޖިނާއީ ކުށްތައް ތަހުގީގު ކުރުމަށް ބާރުހުރި މުއައްސަސާތަަކަށް ދެމެހެއްޓެނިވި ގޮތެއްގައި އެއްބާރުލުން ދެމުން ގެންދިއުން.
އަދީބުގެ މައްޗަށް ތުހުމަތު ކުރެވޭ ދައުލަތުގެ ފައިސާއަށް ހިޔާނަތްތެރިވުމާއި ކޮރަޕްޝަނާއި މަނީ ލޯންޑަރިންނާއި މަކަރާއި ހީލަތާއި އަދި ޓެރަރިޒަމް އަދި މިނޫންވެސް ކުށްތަކާ ގުޅޭގޮތުން ކުރެވޭ ތުހުމަތުތަކަށް އިއުތިރާފްވެ ކަން ހިނަގއިދިޔަގޮތް ތަފްސީލުކޮށް ކިޔައިދިނުން. އެގޮތުން އެއްވެސް އުނިއިތުރު ކަމެއް ނުގެނެސް ތަހުގީގުގައި ކުރެވޭ ސުވާލުތަކަށް ތެދު ބަހުން ޖަވާބު ދިނުން.
މި މައްސަލައާ ގުޅުންހުރި އަދީބުގެ އަތުގައި ހުރި ނުވަތަ ބެލުމުގެ ދަށުގައި ނުވަތަ ބާރުގެ ދަށުގައި ހުރި މައުލޫމާތާއި ލިޔެކިއުމާއި އަދި އަދީބަށް އެނގިހުރި ނުވަތަ ހަނދާނުގައި ހުރި އެންމެ ފުރިހަމައަކަށް ފުލުހުން އެދުނަސް ނުވަތަ ތަހުގީގު ކުރާ އެހެން އިދާރައާކުން އެދުނަސް ނޭދުނަސް އެ އިންޓަވިއުގެ ތެރޭގައި ސުވާލު ކުރުމުން ކިޔައިދުނުން.
ޕީޖީއާއި، ޖިނާއީ ކުށްތައް ތަހުގީގު ކުރުމަށް ދެވިފައިވާ އިދާރާތަކަޢި، ޝަރުއީ ކޯޓުތަކުން ކަނޑައަޅާ ވަގުތުތަކުގައި އެތަންތަނަށް ހާޒިރުވުމާއި، ތަހުގީގުގެ ބޭނުންތަަކށް ކުރެވޭ ސުވާލުތަކަށް ޖަވާބު ދިނުން.
އަދީބު ދިވެހި ދައުލަތުގެ ވަޒީރަކަށް އަދި ނައިބު ރައީސަކަށް ހުންނެވި މުއްދަތުގައި ހަވާލުވެފައިވާ މަސްއޫލިއްޔަތާއި ލިބިފައިވާ ބާރު ބޭނުންކޮށްގެން ދިވެހި ދައުލަތުގެ ފައިސާއާއި މުދަލާއި ތަކެއްޗާ ހިޔާނަތްތެރިވެ، މުދާލާ ފައިސާ އެކި ފަރާތަތަކަށް ދީ، ހަދިޔާކޮށް، ހޭދަކޮށް، ބަހާ، އެކި ސިޔާސީ ބޭނުންތަަކަށް ވަކިވަކި ސަހްސުތަކަށް މަންފާއަށް ހޭދަކުރި ގޮތުގެ ތަފްސީލް ހާމަކުރުން.
އަދީބު ދިވެހި ދައުލަތުގެ ވަޒީރަކަށް އަދި ނައިބު ރައީސަކަށް ހުންނެވި މުއްދަތުގައި ހަވާލުވެފައިވާ މަސްއޫލިއްޔަތާއި ލިބިފައިވާ ބާރު ބޭނުންކޮށްގެން ފައިސާ ދީގެން ދައުލަތުގެ އެކި މަގާމުތަކުގައި ތިބި މީހުން މެދުވެރިކޮށް ހިންގާފައިވާ އަމަލުތަކުގެ ތަފްސީލު ހާމަކޮށް ވަކި ކަމެއް ހާސިލްކުރުމަށް ނުވަތަ ވަކި ކަމެއްގެ މުގާބިލްކަން ދައުލަތުގެ މުވައްޒިފަކަށް މަންފާއެއް ހޯދައިދީފައިވާ ނަމަ އެކަމެއްގެ ތަފްސީލް ހާމަކުރުން.
ދައުލަތުގެ ފައިސާއަށް ހިޔާނަތްތެރިވެގެން ހޯދާފައިވާ މާލީ މަންފާތަކާއި ކޮރަޕްޝަން ހިންގައިގެން ހޯދާފައިވާ ނުވަތަ ލިބިފައިވާ ނުވަތަ އަދީބުގެ ބޭނުމަށް އެހެން މީހުންނަށް ބެލެހެއްޓުމަށް ހަވާލުކޮށްފައިވާ ފައިސާއާއި، މާލީ އެންމެހާ މަންފާތަކުގެ ތަފްސީލް ތަހުގީގަށް ހާމަކުރުމާއި، އެފައިސާއާއި އެއިން ހޯދާފައިވާ މުދަލާއި ތަކެތި ދައުލަަތަށް އަނބުރާ ހަވާލުކުރުން.
އަދީބުގެ މައްޗަށް ތުހުމަތު ކުރެވިފައިވާ މައްސަލަތަކުގެ ތަހުގީގާ ޝަރުއީ މަރުހަލާތައް ނިމެންދެން ޕީޖީގެ ހުއްދައާއެކު ޕީޖީ ކަނޑައަޅާ ގޮތެއްގައި މެނުއީ ބޭރަށް ފުރައިގެން ނުދިއުން.
އެމްއެމްޕީއާރުސީ މައްސަލައިގައި އެމްއެމްޕީއާރްސީގެ ރަށްތަކާއި ފަޅުތަކާއި ކުށްޔަށް ދިނުމަށް ނިންމިގޮތާއި އެކަމުގައި ބައިވެރިވި ފަރާތްތަކާއި އިކުއިޓީ ކޯސްޓްގެ ގޮތުގައި ލިބުނު ޔޫއެސް ޑޮލަރު އެއްކުރި ގޮތުގެ ތަފްސީލާއި، އެމްއެމްޕީއާރުސީ މައްސަލައިގައި އެމްއެމްޕީއާރްސީގެ ރަށްތަކާއި ފަޅުތަކާއި ކުށްޔަށް ދިނުމަށް ނިންމި ގޮތާއި އެކަމުގައި ބައިވެރިވި ފަރާތްތަކާއި އިކުއިޓީ ކޯސްޓްގެ ގޮތުގައި ފައިސާ ނެގުމުގައި ރަސްމީ ލިޔެކިޔުންތަކުގެ ބޭރުން އިންވެސްޓަރުންގެ އަތުން ފައިސާ ނެގިގޮތުގެ ތަފްސީލު ހާމަކުރުމާއި، އެ ފައިސާ ހޭދަކުރި ގޮތާއި، އެ ފައިސާ ނެގުމުގައި ބައިވެރިިވި ފަރާތްތަކުގެ މައުލޫމާތު ހާމަކުރުން.
އެމްއެމްޕީއާރުސީ މެދުވެރިކޮށް ސަރުކާރުން ކުންފުނިތަކަށް ބޭރު ފައިސާ ގަތުމުގެ ނަމުގައި ދިވެހި ދައުލަތުގެ ކުންފުނިތަކުން ނުވަތަ ދައުލަތުގެ ހިއްސާ އޮންނަ ކުންފުނިތަކުން އެމްއެމްޕީއާރުސީއަށް ދިވެހި ފައިސާ ހެދުމަށްފަހު އެ ފައިސާ ބޭނުންކުރި ގޮތާއި އެކަންކަމުގައި ބައިވެރިވާ ފަރާތްތަކުގެ ތަފްސީލް ހާމަކުރުން.
ސިޔާސީ ފަރާތްތަކަށް ހުކުމް ކުރުމާއި އަދި ދައުލަތުގެ އިދާރާތައް މެދުވެރިކޮށްގެން އެކި ފަރާތްތަކަށް ދަތި ކުރުމަށާއި ފިޔަވަޅުއެލޫމަށް ކުރެވުނު ހަރަދުތަކުގެ ތަފްސީލު ހާމަކުރުމަށް ދައުލަތުގެ އެކި މަގާމުތަކުގައި ތިބި ފަރާތްތަކަށް މުދާ ގަތުމަށާއި އިންވެސްޓްމަންޓް ކުރުމަށާއި ގެދޮރު އިމާރާތްކުރުމަށް ލޯނުގެ ޑައުންޕޭމަންޓް ދެއްކުމުގެ ގޮތުން ހޭދަކުރެވުނު ފައިސާގެ ތަފްސީލުވެސް ހާމަކުރުން.
ސިޔާސީ ފާރާތްތަކާއި ސަރުކާރުގެ ވަޒީފާގައި ތިބި ފަރާތްތަކާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުގައި ތިބި ފަރާތްތަކާއި އެހެނިހެން މުއައްސަސާތަކުގެ މެންބަރުންނާއި މުއްޒަފުންނާއި ޖުޑިޝާރީގެ ފަރާތްތަކާއި ސިފައިންނާއި ފުލުހުންނަށް އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާގެ ތެރެއިން ދެވުނު ވަރު ވަކިވަކި ހަދިޔާތަކާއި، ސްޕޮންސާޝިޕްގެ ގޮތުގައި ދީފައިވާ ފައިސާގެ ތަފްސީލު ހާމަކުރުން.
މަތީގައި ދެންނެވުނު ފަރާތަތަކަށް ފައިސާ ގޮތުން އެކި ފަރާތްތަކާ މެދު ކުރެވުނު މުއާމަލާތުގެ ތަފްސީލް ހާމަކުރުމާއި، އެފަދަ މުއާމަލާތެއް ރެކޯޑް ކުރެވިފައިވާ ވީޑިއޯ، އޯޑިއޯ ހުރިނަމަ އެތަކެތި ހިއްސާ ކުރުމާއި، މެސެޖާއި އީމެއިލްތައް ވެސް ހެއްކާ ގަރީނާގެ ގޮތުގައި ހިއްސާކުރުން.
އެމްއެމްޕީއާރްސީގެ ފައިސާއަށް ހިޔާނާތްތެރިވުމުގައި މާލީ އިދާރާތަކުން އަދާކުރި ދައުރާއި އެކަމުގައި ބައިވެރިވި ފަރާތްތަކާއި ތަފްސީލް ހާމަކުރުން.
ރާއްޖޭގައި މަނީ ލޯންޑަރިންގެ ސްކީމެއް އިން ކަމުގެ ތުހުމަތު ކުރެވޭތީ އެކަމާ ގުޅޭ ގޮތުން އަދީބުގެ ބެލުމުގެ ދަށުގައި ހުރި މައުލޫމާތާއި ނޮލެޖުގައި ހުރި މައުލޫމާތު ހިއްސާކުރުން.
ކުރީގެ ނައިބު ރައީސް އަދީބުއާއެކު ސަރުކާރުން ހަދާފައިވާ އެއްބަސްވުން ފަދަ އެއްބަސްވުމެއް އެމްއެމްޕީއާރުސީގެ ކުރީގެ އެމްޑީ އަބްދުﷲ ޒިޔަތާ އެކުވެސް ސަރުކާރުން ވަނީ ހަދާފައެވެ.