ރީތިވުމާ ޒީނަތްތެރިވުމުގެ ވާހަކަ ދައްކާއިރު އެންމެ ގިނަ ބަޔަކަށް އެންމެ ބޮޑު ސަމާލުކަމެއް ނުދެވި އޮންނަ އެއް ކަމަކީ ނިޔަފަތީގެ ރީތިކަމެވެ. ބޮޑެތި ހަފުލާތަކުގެ ފޮޓޯތަކާ ވީޑިއޯތައް ބަލާއިރު ނުވަތަ ސްކްރީނުން ފެންނަ ބައެއް މަންޒަރުތަކަށް ބަލާއިރު އިސްތަށިގަނޑާ މޫނު މަތީގެ ކުލަވަރުތައް އޮމާންކޮށްފައި ހުއްޓެއް ކަމަކު، ނިޔަފައްޗަށް ބަލާލުމުން އެހެން މެސެޖެއްދޭ ފަހަރުވެސް އާދެއެވެ. ރީތިކޮށް ނިޔަފަތިތައް ބެލެހެއްޓުމަކީވެސް މުހިންމު ސަމާލުކަމެއް ދޭންޖެހޭ ކަމެކެވެ. އަދި ދުޅަހެޔޮ ނިޔަފައްޗެއްގެ މުހިންމުކަންވެސް އިންތިހާއެވެ.

ނިޔަފަތީގެ ދުޅަހެޔޮކަން ކަށަވަރުކުރުން

އަތްފައިގެ ނިޔަފަތީގެ ސިއްހަތަށް އަބަދުވެސް ފާރަވެރިވާންވާނެއެވެ. ނިޔަފަތިގަނޑު ހުންނަނީ މަޑުފިޔާތޮށިކުލައަކަށްތޯ އަބަދުވެސް ބަލަންވާނެއެވެ. އަދި ނިޔަފަތިގަނޑު އިނގިލިތަކާ ގުޅޭ ހިސާބުގައި ހަނދުފަޅިއެއްގެ ބައްޓަމަށް ހުދު ބުރެއް ހުރޭތޯވެސް ބަލަންވާނެއެވެ. މިފަދައިން ހުންނަ ނިޔަފަތިގަނޑެއް ރަމްޒުކޮށްދެނީ އެއީ ދުޅަހެޔޮ ނިޔަފައްޗެއް ކަމެވެ. މިކަން ހާސިލުވަނީ ފައިދާހުރި ކާނާ ކެއުމާއެކު، ސާފުތާހިރުކަމާ އެއްވަރަށް ނިޔަފަތި ރަނގަޅަށް ބެލެހެއްޓިގެންނެވެ.

ނިދަން އޮށޯތުމުގެ ކުރިން ނިޔަފަތިތައް ސާފުކޮށް އާމަންޑް އޮއިލްފަދަ ތެލަކުން ނިޔަފަތިތައް މޮއިސްޗަރައިޒް ކުރުން ބުއްދުވެރި/ފޮޓޯ: ނެއިލްޑިޒައިންކޯޑް

އަތްތިލަ ސާފުކޮށް ބެހެއްޓުން

ދުޅަހެޔޮ އަދި ޗާލު ނިޔަފަތިތަކެއް ބޭނުން ނަމަ، އަތްތިލައިގެ ސާފު ތާހިރުކަމަކީ އެންމެ ހާއްސަ ސަމާލުކަމެއް ދޭންޖެހޭ އެއްކަމެވެ. ނިޔަފަތިގަނޑާ، އެ ނިޔަފަތިގަނޑާ ގުޅިފައިވާ އިނގިލީގެ ސަރަހައްދަކީ ހުރިހާ ޒާތެއްގެ ނަޖިހަކާ، ކިލައަކާ އެނޫންވެސް އެފަދަ ތަޣައްޔަރުކަމަކުން ސާފުވެފައިވާ ސަރަހައްދެއްގެ ގޮތުގައި އަބަދުވެސް ބަހައްޓަން އާދަކުރާށެވެ. މިކަން ކުރުމަށްޓަކައި، ދަތް އުނގުޅަން ބޭނުންކުރާ ކަހަލަ ބުރުހެއްގައި ސައިބޯނިކޮޅެއް ލައިގެން ނިޔަފަތިތަކުގެ ސަރަހައްދު ރަނގަޅަށް ސާފުކުރެވިދާނެއެވެ. މިއީ ބާރުގަދަ ކެމިކަލްތަކެއް ބޭނުން ނުކޮށް، އިނގިލީގެ ކުރިއާއި ނިޔަފަތީގެ މަރުވެފައިވާ ކުދި ސެލްތައް ނައްތާލެވޭނެ ފަސޭހަ ގޮތެކެވެ.

ދަތް އުނގުޅާ ބުރުހަކުން ނިޔަފަތިތައް ސާފުކުރަނީ/ފޮޓޯ: އިންސްޓްރަކްޓަބަލްސް

ގަވައިދުން ނިޔަފަތި ކެނޑުން

ބައެއް މީހުންނަށް ރީތިވަނީ ނިޔަފަތި ދިގުވި ވަރެކެވެ. ނަމަވެސް މިއީ އަދި އެންމެ ރަނގަޅު ގޮތެއް ނޫނެވެ. ނިޔަފަތީގެ ސިއްހަތު ހެޔޮވާން އޮތީ ގަވައިދުން ނިޔަފަތިކަނޑައިގެންނެވެ. މަދުވެގެން ކޮންމެ 2 ހަފުތާއަކުން 1 ފަހަރު ނިޔަފަތި ކަނޑަން އާދަކުރާށެވެ. ކޮންމެ 2 ހަފުތާއަކުން ނިޔަފަތިކަނޑާއިރު ނިޔަފަތީގެ އެންމެ ބުޑާޖެހެންދެން (އިނގިލީގެ މަސްގަނޑާ ގުޅިފައިވާ ހިސާބާ ޖެހެންދެން) ކަނޑާނުލާށެވެ. މިހެން ކަނޑަން އުޅުމުގެ ތެރޭގައި މަސްގަނޑަށް އަނިޔާވެ، ނިޔަފަތީގެ ތެރެ އިންފެކްޓް ވުމުގެ ފުރުސަތު އޮވެދާނެއެވެ. އަދި މަދުވެގެން ހަފުތާއަކު 1 ފަހަރު، ނިޔަފައްޗާ އިނގިލީގެ މަސްތަކަ ދެމެދު އޮންނަ ސަރަހައްދު، އޮމާން ލަކުޑި ކޮޅަކުން މަސާޖުކޮށް އޮއްބާލާށެވެ.

ނިޔަފަތިކަނޑާ ސާމާނު ސާފުކުރުން

ނިޔަފަތި ކެނޑުމަށާ އޮމާންކުރުމަށް އަދި އެއްވަރު ކުރުމާ ނިޔަރޮދި ހިމެނޭ ސަރަހައްދު ސާފުކުރަން ބޭނުންކުރާ އެކި ކަހަލަ އާލާތްތަކަކީ ރަނގަޅު ކޮލިޓީއެއްގެ އުފެއްދުންތަކެއްތޯ ކަށަވަރުކުރުން މުހިންމެވެ. އަދި މިފަދަ ތަކެއްޗަކީ ގަވައިދުން ސްޓެރެލައިޒްކޮށް، ސާފުކޮށްފައި ހުންނަންޖެހޭނެ ތަކެއްޗެވެ. އެންމެ ބުއްދިވެރި ގޮތަކީ އާއިލާގެ ކޮންމެ މެމްބަރަކަށްވެސް ހާއްސަ ކިޓެއް ގެންގުޅުމެވެ.

ނިޔަފަތިގަނޑާ އިނގިލީގެ މަސްތަކާ ގުޅޭ ސަރަހައްދު ލަކުޑިކޮޅަކުން މަސާޖުކުރަނީ/ފޮޓޯ:ވީޑިއޯބްލޮކްސް

އާދައިގެ އެހެނަސް ނަތީޖާ ބޮޑު ފަރުވާއެއް

ގަވައިދުން ނިޔަފަތި ކަނޑަ ސާފުކުރުމުގެ އިތުރުން ނިޔަފަތިތައް އަބަދުވެސް މޮއިސްޗަރައިޒް ކުރުން މުހިންމެވެ. ނިޔަފަތިތަކަށް ފަސޭހައިން ނޭވާލެވޭވެ މަގު ފަހިކޮށްދިނުމަށްޓަކައި ނިޔަފަތީގައި ޒާތްޒާތުގެ މަސްނޫއީ އުފެއްދުންތައް ބޭނުން ނުކުރާށެވެ. އޭގެ ބަދަލުގައި ކޮންމެ ރެއަކުވެސް ނިދަން އޮށޯންނަމުން، ނިޔަފަތިތަކުގައި އާމަންޑު ތެޔޮ ފޮދެއް ހާކާލާށެވެ. މިކަންކަމަކީ ނިޔަފަތިގަނޑު މަރުވެ، ފަޅައިގެން ގޮސް ނުވަތަ ބުރިބުރިވެގެން ދިއުމާ ދުރުކޮށްދޭނެ ކަންކަމެވެ. އަދި ބުރަ މަސައްކަތްތަކާ، އަތް ހަޑިވާ ޒާތުގެ މަސައްކަތްތައް ކުރާއިރު އެކަމަކަށް ހާއްސަ އަންގި ބޭނުންކުރަން އާދަކުރާށެވެ.

ފައިދާހުރި ކާނާ ބޭނުންކުރުން

ސީދާ ނިޔަފައްޗަށް ދެވޭ ފަރުވާގެ އިތުރުން ފައިދާހުރި ކާނާއަކީވެސް ރީތި ނިޔަފާތީގެ ސިއްރެކެވެ. ޕްރޮޓީންސްއާއި އޮމެގާ-3ގެ މުއްސަނދިކަން ލިބިފައިވާ ކާބޯތަކެއްޗަކީ، ނިޔަފަތި ރީތުކޮށް ބަހައްޓާދޭނެ ކަބޯތަކެއްޗެވެ. މި ގިންތިއަށް ފެތޭ ކާބޯތަކެތީގެ ތެރޭގައި، ބީންސް، މަސް އަދި ނަޓްސް ހިމެނެއެވެ. މީގެ އިތުރުން ވިޓަމިން ބީ އެކުލެވޭ މާއްދާތައް ބޭނުންކުރުމަކީ ނިޔަތި ހަލާކުވެދިއުމާ ދުރުކޮށްދޭނެ ކަމެކެވެ. ވިޓަމިން އޭ އާއި ސީއަކީ ނިޔަފަތިގަނޑު ހިކުމުން ދުރުކޮށްދޭނެ ކަމެކެވެ. ހަމަމިއާއެކު ގަވައިދުން ފެންބުއިމަކީވެސް ކުރަން މުހިންމުކަމެވެ.

ތާޒާ މޭވާއާއި ތަރުކާރީ މޭޒެއް/ފޮޓޯ: ގެޓީއިމޭޖަޒް

ރީތި ނިޔަފަތިތަކެއް ބޭނުންނަމަ އެތައް ހާސް ރުފިޔާއެއް ކޮންމެވެސް ސެލޫންއަކަށް ހުސްކޮށްލުމުގެ މާ ބޮޑު ދާއިމީ ފައިދާއެއް ނެތެވެ.