ރާއްޖެއަށް މީހުން ޓްރެފިކް ކުރުމުގެ ބޮޑު ނެޓްވޯކެއް ހިންގާ ނޭޕާލް މީހަކު ހައްޔަރުކޮށްފިއެވެ.

އުމުރުން 40 އަހަރުގެ ނޭޕާލް ރައްޔިތެއް ކަމުގައިވާ ޝަމްބޫ ބާބޫގިރީ ކިޔާ މީހަކު ހައްޔަރުކޮށްފައިވަނީ އިންޑިއާގެ ސެންޓްރަލް ކްރައިމް ބްރާންޗުން މިދިޔަ ހޮނިހިރު ދުވަހު ހިންގި ބޮޑު އޮޕަރޭޝަނެއްގެ ތެރެއިންނެވެ. އޭނާ ހައްޔަރުކޮށްފައި ވަނީ ވަޒީފާ ދޭނެ ކަމަށްބުނެ، ނުވަ މީހަކު ރާއްޖެ ފޮނުވަން އުޅުމުގެ މަސައްކަތުގައި އުޅެނިކޮށެވެ.

އިންޑިއާ ފުލުހުންނާއި ހަވާލާދީ، އިންޑިއާގެ ނޫސްތަކުގައި ބުނެފައިވާ ގޮތުގައި، ބާބޫގިރީގެ ހިއުމަން ޓްރެފިކް ކުރާ ނެޓްވޯކް ފަޅާއެރީ، މީގެ ދުވަސްކޮޅެއް ކުރިން ރާއްޖެއަށް ދިޔަ ބަޔަކު ހިފަހައްޓައި ރާއްޖޭގެ އިމިގްރޭޝަނުން އެމީހުން އަނބުރާ ބެންގަލޫރަށް ފޮނުވާލި ހިސާބުން ކަމަށެވެ. އަދި އެ މައުލޫމާތާ އެކު ފުލުހުން ވަނީ ބެންގަލޫރޫގެ ޗިއްކަޖާލާ ކިޔާ އަވަށެއްގައި ހުރި ހޮޓަލެއް ރެއިޑްކޮށް، ބާބޫގިރީ ހައްޔަރުކޮށް، ރާއްޖެއަށް ފޮނުވަން އުޅުނު ނުވަ މީހުން ސަލާމަތް ކޮށްފައެވެ.

ނޫސްތަކުގައި ރިޕޯޓްކޮށްފައިވާ ގޮތުން، ރާއްޖެއިން ވަޒީފާ ހަމަޖައްސައިދޭނެ ކަމަށް ބުނެ، އެއިން ކޮންމެ މީހެއްގެ އަތުން ބާބޫގިރީ ތިން ލައްކަ ރުޕީސް ނުވަތަ 4000 އަށް ވުރެ ގިނަ ޑޮލަރު ނަގާފައިވާ ކަމަށެވެ.

ބާބޫގިރީ އަކީ ރާއްޖެއަށް މީހުން ޓްރެފިކް ކުރާ މީހެއް ކަމަށާއި، މީހުން ރާއްޖެ ގެނެސް ހަވާލުކުރަނީ އޭނާއާ ގުޅުން އޮންނަ މީހުންނާއެވެ. އެހާ ހިސާބުން، އެ މީހުންގެ ޕާސްޕޯޓް ހިފަހައްޓާ، މުސާރަ ނުދީ މަސައްކަތް ކުރުވައެވެ. ފުލުހުން އަންނަނީ ބާބޫގިރީއާ ގުޅުން އޮންނަ އެހެން މީހުން ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.