އެމްއެމްޕީއާރުސީގެ ހިޔާނާތާ ގުޅިގެން ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ މައްޗަށް އެންމެ ފަހުން އުފުލި ދައުވާތަކުގެ ޝަރީއަތް އާއްމުކޮށް ހުޅުވާލައިގެން، ލައިވުކޮށް ދެއްކޭ ގޮތަށް ބާއްވަން ކްރިމިނަލް ކޯޓުގައި އަދީބު އެދިވަޑައިގެންފިއެވެ.

އަދީބުގެ ވަކީލު މަހުފޫޒު ސައީދު ވިދާޅުވެފައި ވަނީ، ޝަރީއަތް އާންމުކޮށް ހުޅުވާލަން އަދީބު އެދިވަޑައިގަތީ، އެ މައްސަލަ އަކީ ރައްޔިތުންގެ ކަންބޮޑުވުން ހުރި މައްސަލައަކަށް ވާތީ ކަމަށެވެ. އަދީބު ބޭނުންފުޅުވަނީ ވީހާ ވެސް ހާމާކަން ބޮޑު ގޮތެއްގައި ޝަރީއަތް ކުރިއަށް ގެންދަން ކަމަށްވެސް އޭނާ ވަނީ ވިދާޅުވެފައެވެ.

ސަރުކާރުން އެންމެ ފަހުން އާއްމުކުރި މައުލޫމާތުން އެނގޭ ގޮތުގައި، ޓޫރިޒަމަށް ފަޅުތަކާއި ރަށްތައް ދޫކޮށްގެން ދައުލަތަށް ލިބެންޖެހޭ ފައިސާ އަދީބުގެ އެކުވެރިންގެ ކުންފުނި، އެސްއޯއެފަށް ޖަމާކޮށް ހިންގި އެ ހިޔާނާތް ތިން ބިލިއަން ރުފިޔާ އަށް އަރައެވެ. މި މައްސަލައިގައި ފުލުހުންނާއި އޭސީސީ އަދި ރިޔާސީ ކޮމިޝަނުން ހިންގާ ތަހުގީގާ ގުޅިގެން އަދީބުގެ މައްޗަށް ވަނީ ހަތް ދައުވާއެއް ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުން އުފުލާފައެވެ.

މި ހިޔާނާތް ތަހުގީގު ކުރަމުން އަންނަ އިރު، އެމްއެމްޕީއާރުސީ ފައިސާ އިން މަންފާ ލިބުނު މީހުން އަދީބު ވަނީ ފުލުހުންގެ ތަހުގީގަށް ކިޔައި ދެއްވައިފައެވެ. އޭގެތެރޭގައި، ސަރުކާރާއި ޖުޑިޝަރީ އާއި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެމްބަރުންނާއި މިހާރުގެ މެމްބަރުންގެ އިތުރުން ވެސް ސަރުކާރުގެ އިސް މަގާމުތަކުގައި އުޅުއްވި ބޭފުޅުން ހިމެނެއެވެ.

މި މައްސަލަތަކުގެ ތަހުގީގު ކުރިއަށްދާ ކަން ފާހަގަކުރައްވައި، ފައިސާ ލިބުނު ކަމަށް ތުހުމަތު ކުރެވޭ ބައެއް ބޭފުޅުންގެ ނަންތައް ޕްރޮސިކިއުޓާ ޖެނެރަލް އައިޝަތު ބިޝާމް މި ހަފުތާގައި ވަނީ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގެ ސިއްރު ބައްދަލުވުމެއްގައި ހާމަކުރައްވައިފައެވެ.

ޝަރީއަތް ލައިވްކޮށްދޭން އަދީބު އެދިވަޑައިގަތް އިރު، އެމްއެމްޕީއާރުސީގެ ހިޔާނާތާ ގުޅިގެން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އުފުލާފައިވާ، މަނީ ލޯންޑަރިންގެ ދައުވާގެ ޝަރީއަތް ކުރިއަށް ގެންދަނީ އާއްމުކޮށް ހުޅުވާލައިގެންނެވެ.