ރިޝްވަތުގެ ފައިސާއަށް ވުރެ އަމިއްލަ ނަފްސު މާ އަގުބޮޑު ކަމަށް ޓްރާންސްޕޯޓު މިނިސްޓަރު އައިޝަތު ނަހުލާ ވިދާޅުވެއްޖެއެވެ.

ޓީވީ ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން ނަހުލާ ވިދާޅުވީ، އޭނާއަށް ބަޔަކު ފައިސާ ދީގެން ކަމެއް ކުރަން އެދުނަސް އެކަމެއް ނުކުރައްވާނެ ކަމަށާއި އޭނާއަށް ރިޝްވަތަށް ވުރެ އަމިއްލަ ނަފްސު މާ އަގުބޮޑު ކަމަށެވެ.

ރިޝަވަތާއި ހިޔާނަތާ ބެހޭ ގޮތުން ވާހަކަ ދައްކަވަމުން ނަހުލާ ވިދާޅުވީ، އެފަދަ މައްސަލަތައް އެ މިނިސްޓްރީގެ ޓްރާންސްޕޯޓް އޮތޯރިޓީގައި ހުރި ކަމަށް ފާހަގަ ކުރެއްވިފައި ވާ ކަމަށާއި، އާންމުން ތުހުމަތުގެ އިނގިލި ދިއްކުރަނީ އެކަމުގައި ހަގީގަތެއް އޮތުމުން ކަމަށެވެ. އަދި އެ މައްސަލަތައް މިހާރު ބައްލަވަމުން ގެންދަވާ ކަމަށެވެ.

މިނިސްޓަރު ކަމާ ހަވާލުވެވަޑައިގެންނެވި ފަހުން ވަރަށް ބޮޑު އިސްކަމެއް ދެއްވައިގެން އެ މައްސަލަތައް ހައްލު ކުރެއްވޭނެ ގޮތްތައް ބައްލަވަމުން ގެންދަވާ ކަމަށާއި އަދި މިހާރުވެސް ވަރަށް ގިނަ ކަންތައްތައް ރަނގަޅު ކުރައްވަމުން ގެންދަވާ ކަމަށް ނަހުލާ ވިދާޅުވިއެވެ. ޓްރާންސްޕޯޓު އޮތޯރިޓީން ހިންގާފައިވާ ކޮރަޕްޝަންގެ އަމަލުތަކަކީ ކުރީންސުރެ ފެށިގެން ކުރިއަށް ދާ ކަންތައްތައް ކަމުން، އެކަންތައްތައް ރަނގަޅު ކުރަން މަސައްކަތް ކުރާއިރު ހުރަސްތަކަކާ ކުރިމަތިލައްވަން ޖެހިވަޑައިގަންނަވާ ކަމަށް ނަހުލާ ވިދާޅުވިއެވެ.

މީގެ އިތުރުން ނަހުލާ ވިދާޅުވެފައިވަނީ އެއް ގަރާޖެއްގައި ގިނަ އަދަދެއްގެ އުޅަނދުތައް ރަޖިސްޓްރީ ކުރަން މަގުފަހި ކުރުމަކީ ޓްރާންސްޕޯޓު އޮތޯރިޓީއަށް ކުރެވޭ ބޮޑު ތުހުމަތެއްގެ ގޮތުގައެވެ. އެގޮތުން އެކަމަކީ ބައިވަރު މީހުން ގުޅިގެން ހިންގާ ކަމެއް ކަމަށް ނަހުލާ ވިދާޅުވި އެވެ. އެހެންކަމުން، ހަމައެކަނި އެކަން ކުރާ އާންމު މީހާއަށް އަދަބު ދިނުމުގެ ބަދަލުގައި މުޅި މައްސަލައަށް ހައްލެއް ހޯއްދަވަން ބޭނުންފުޅުވާ މޭރުމަކުން އޭނާ ވާހަކަފުޅު ދެއްކެވި އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މީގެ ކުރިން ވިދާޅުވެފައި ވަނީ އެމަނިކުފާނުގެ ސަރުކާރުގައި ކޮރަޕްޝަނަށް އެއްވެސް ޖާގައެއް ނޯންނާނެ ކަމަށާއި، ކޮރަޕްޝަނަށް އޮންނާނީ ޒީރޯ ޓޮލަރެންސް ކަމަށެެވެ.

މި މަހުގެ 14 ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުގެ ގައުމީ ތަރައްގީ އާއި ތަރިކައިގެ ކޮމެޓީގައި ވާހަކަ ދައްކަވަމުން ނަހުލާ ވިދާޅުވެފައި ވަނީ، މީގެ ކުރިން ގަވާއިދާ ހިލާފަށް އެތައް ސަތޭކަ އުޅަނދު ރަޖިސްޓްރީ ކޮށްދިން ކަމުގައި ވިއަސް އެ ހުރިހާ އުޅަނދެއްގެ ރަޖިސްޓްރީ އެއްފަހަރާ ބާތިލް ނުކުރެވޭނެ ކަމަށެވެ. އަދި އެ ކަންކަމަކީ ހަމައެކަނި ޓްރާންސްޕޯޓު އޮތޯރިޓީގެ މައްސަލައެއް ނަމަ ވަގުތުން ފިޔަވަޅު އެޅޭނެ ކަމަށާއި ގަވާއިދާ ހިލާފަށް އުޅަނދުތައް ރަޖިސްޓްރީކުރުމުގައި އުޅަނދުގެ ވެރިފަރާތާއި ޓްރާންސްޕޯޓާ ގުޅިފައި ވާތީ، އެކަމުގައި ޝާމިލްވި އެއް ފަރާތަށް ފިޔަވަޅު އެޅުން ރަނގަޅު ނޫން ކަމަށް ނަހުލާ ވިދާޅުވެފައި ވެއެވެ.

އެގޮތުން އުސޫލާ ހިލާފަށް އެއް ގަރާޖަކަށް 1،700 އުޅަނދު ވެސް ރަޖިސްޓްރީ ކޮށްދީފައި ވާ ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ވަނީ ބުނެފައެވެ.