ސޫރިޔާގައި ހަރަކާތްތެރި ވަމުންދާ އެމެރިކާގެ އަސްކަރީ ފައުޖުތައް އެގައުމުން ބޭލުމަށް ހަމަޖެހުނު ނަމަވެސް، ބައެއް އޮފިސަރުން ސޫރިޔާގައި އަދިވެސް ބައިތިއްބާނެ ކަމަށް އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް ވިދާޅުވެއްޖެއެވެ.

މިކަން އިތުރަށް ތަފްސީލު ކޮށްދެއްވަމުން ޓްރަމްޕް ވިދާޅުވީ، ބައެއް ޔުނިޓްތައް މަޑުކުރުމަށް ހަމަޖެހިފައިވަނީ ތެޔޮ ދަނޑުތަކުގެ ސެކިއުރިޓީއަށް ކަމަށްވާއިރު، އަނެއްބައި ޔުނިޓްތައް މަރުކަޒު ކުރެވޭނީ އިސްރާއީލާ އުރުދުންއާއި ކައިރި ހިސާބުތަކުގައި ކަމަށެވެ.

ސޫރިޔާގައި ހަރަކާތްތެރިވަމުންދިޔަ އެމެރިކާގެ އަސްކަރީ ފައުޖުތަކުގެ ޔުނިޓްތައް އެގައުމުން ބާލާނެކަމަށް ޓްރަމްޕް އިއުލާން ކުރެއްވީ މީގެ 2 ހަފުތާއެއްހާ ދުވަސް ކުރިން ކަމަށްވާއިރު، ޓްރަމްޕްގެ ނިންމެވުމަށް ދުނިޔޭގެ އެކި ކަންކޮޅުތަކުން ވަނީ ބޮޑެތި ފާޑުކިއުންތަކެއް އަމާޒުކޮށްފައެވެ. އެގޮތުން ސޫރިޔާގެ އިރު އުތުރުގެ ސަރަހައްދުތައް ކޮންޓްރޯލް ކުރަމުންދިޔަ ކުރުދީ ހަނގުރާމަވެރިން ބަލިކުރުމުގެ ނަމުގައި ތުރުކީވިލާތުން ސޫރިޔާއަށް އަރާފައިވަނީ އެމެރިކާގެ ފައުޖުތައް ސޫރިޔާއިން ބާލަން ނިންމި ދަނޑިވަޅުގެ ފައިދާ ނަގައިގެން ކަމަށް ބުނެ، ގިނަ ބަޔަކު ދަނީ އެމެރިކާގެ ސަރުކާރަށް ފާޑުކިޔަމުންނެވެ.

ކުރުދީންނަކީ ސޫރިޔާގެ ހަނގުރާމަ އެންމެ ގަދަވެގެންދިޔަ ދުވަސްވަރު، ހައްދުފަހަނައަޅާފައިވާ އައިސިސްގެ ހަނގުރާމަވެރިން ބަލިކުރުމަށް އެމެރިކާއިން ހިންގި އޮޕަރޭޝަންގައި އެމެރިކާއަށް އެންމެ ބޮޑު އެހީތެރިކަމެއް ފޯރުކޮށްދެމުންދިޔަ ހަނގުރާމަވެރި ފިޔައެވެ. ކަންމިހެން އޮތްއިރު، އެމެރިކާގެ ފައުޖުތައް ސޫރިޔާއިން ބޭލުމަކީ ކުރުދީ ހަނގުރާމަވެރިންނަށް ޓްރަމްޕް "ދޯކާދެއްވުން" ކަމަށް ބުނެ ބައެއް ގައުމުތަކުން ވަނީ ޓްރަމްޕަށް ފާޑުކިޔާފައެވެ.

މި ތުހުމަތުތަކަށް ރައްދު ދެއްވަމުން ޓްރަމްޕް ވަނީ، ގާބިލިއްޔަތުކަން ހުރި ދެބައެއްގެ މެދުގައި ކުރަމުންދާ ހަނގުރާމައެއްގެ މެދަށް އެމެރިކާގެ އަސްކަރީ ޔުނިޓްތައް ނެރުމުގެ ބޭނުމެއް އެބައޮތްތޯ ސުވާލު އުފައްދަވާފައެވެ. އަދި އެމެރިކާގެ ރައްޔިތުން ވޯޓުދީގެން ވެރިކަމަށް އޭނާ ގެނެސްފައިވައިވަނީ ގައުމުން ބޭރުގައި ހަނގުރާމަކުރަމުންދާ އެމެރިކާގެ އަސްކަރީ ޔުނިޓްގެ މެމްބަރުން އަނބުރާ ގައުމަށް ގެނައުމުގެ ވައުދާއެކުގައި ކަމަށްވެސް ޓްރަމްޕް ވަނީ ސިފަކުރައްވާފައެވެ.

ނަމަވެސް، އެމެރިކާގެ ފައުޖުތަކުގެ ބައެއް އޮފިސަރުން ސޫރިޔާގައި ބައިތިއްބާ ގޮތަށް ބަދަލު ގެންނެވީ އުރުދުންއާއި އިސްރާއީލުގެ އެދުމުގެ މަތިން ކަމަށްވެސް ޓްރަމްޕް ވަނީ ވިދާޅުވެފައެވެ.

ސޫރިޔާގައި ހަރަކާތްތެރިވާ ކުރުދީ ހަނގުރާމަވެރިންނަކީ ތުރުކީވިލާތުން ބުނާ ގޮތުގައި ޓެރަރިސްޓުންނެވެ. އަދި އެގައުމުން ސޫރިޔާއަށް އަރާފައިވަނީ، ތުރުކީވިލާތުގައި ތިބި ސޫރިޔާގެ ރެފިއުޖީން އަނބުރާ ގައުމަށް ފޮނުވާލުމުގެ މަސައްކަތަށް ބޭނުންވާ ސޭފްޒޯނުން ކުރުދީ ހަނގުރާމަވެރިން "ފަހާލުމުގެ" ބޭނުމުގައި ކަމަށްވެސް ތުރުކީވިލާތުންވަނީ ބުނެފައެވެ.