ރައީސް އޮފީހުގެ މިނިސްޓަރު އަހުމަދު ސަމީރު އޭސީސީއަށް ނުފޫޒު ފޯރުވަން މަސައްކަތް ކުރެއްވި ކަމުގެ ތުހުމަތު ފެންމަތިވެއްޖެއެވެ.

އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ ރައީސާ މަރިޔަމް ޝިއުނާ ވިދާޅުވީ އޭނާ ލައްވާ ވަކި ގޮތަކަށް ކަމެއް ކުރުވުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ އޮފީހުގެ މިނިސްޓަރު އަހުމަދު ސަމީރު މަސައްކަތް ކުރެއްވި ކަމަށެވެ.

ރައްޔިތުން މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމެޓީގައި މިއަދު ވާހަކަ ދައްކަވަމުން ޝިއުނާ ވިދާޅުވީ އެ ކޮމިޝަނުން ބަލަމުންދާ މައްސަލައަކާ ގުޅިގެން ސަމީރު ގުޅުއްވި ކަމަށާއި ހިތްހަމަނުޖެހި ހުންނަވާ ވާހަކަ ދެއްކެވި ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ސަމީރު ދެއްކެވި ވާހަކަތަކުން ވަކި ކަމެއް ވަކި ގޮތަކަށް ކުރުމަށް އެންގެވުމަށް މަސައްކަތް ކުރެއްވިކަކަމަށް މާނަ ކުރެއްވިގެން ދިޔަ ކަމަށްވެސް ޝިއުނާ ގެ ވާހަކައިގައި ވަނީ ވިދާޅުވެފައެވެ.

މީގެ އިތުރުން އޭނާ ވިދާޅުވެފައި ވަނީ އޭސީސީން ބަލަމުން ދަނީ މި ސަރުކާރުގެ ސްޓޭޓް މިނިސްޓަރެއްގެ މައްސަލަ ކަމަށާއި އެ ބޭފުޅާ އޭސީސީއަށް ހާޒިރުކޮށް މިހާރު ސުވާލު ކުރައްވާފައިވާ ކަމަށެވެ.

ޝިއުނާ އޭސީސީގެ ރައީސާ ކަމާ ހަވާލުވެވަޑައިގަތުމަށް ފަހު، ނޫސްވެރިންނާ ބައްދަލު ކުރެއްވި ފުރަތަމަ ފަހަރު އޭނާ ދެއްކެވި ވާހަކައިގައި ވަނީ އޭސީސީއަށް ނުފޫޒު ނުފޯރުވޭނެ ކަމަށާއި، އެ ކޮމިޝަނުގެ މެމްބަރުންނަށް ނުފޫޒު ފޯރުވަން އުޅޭ ނަމަ އެކަން ހާމަ ކުރައްވާނެ ކަމަށް ވިދާޅުވެފައެވެ.

އެންޓިކޮރަޕްޝަން ކޮމިޝަންގެ ރައީސް ކަމަށް މަރިޔަމް ޝިއުނާ އައްޔަނު ކޮށްފައި ވަނީ މިދިޔަ ސެޕްޓެމްބަރު މަހުގެ ނުވަ ވަނަ ދުވަހުއެވެ.