ހުއްޓުމެއްނެތި އެންމެ ގިނަ ވަގުތު ވައިގެ ތެރޭގައި ދަތުރުކޮށްގެން، މިހާތަނަށް ދުނިޔޭގައި ކުރި އެންމެ ދިގު ފްލައިޓް ދަތުރުގެ ރެކޯޑް، އޮސްޓްރޭލިއާގެ އެއާލައިން – ކަންޓަސްއިން މުގުރާލައިފިއެވެ.

އެމެރިކާގެ ނިއު ޔޯކް ސިޓީއިން އޮސްޓްރޭލިއާގެ ސިޑްނީއަށް، ނުވަތަ ދުނިޔޭގެ އެންމެ ހުޅަނގު ބިތުން އެންމެ އިރުމަތީ ބިތަށް ކުރި މި ތާރީހީ ދަތުރުގައި، ކަންޓަސްގެ މަތިންދާ ބޯޓު ވަނީ ހުއްޓުމެއް ނެތި 19 ގަޑިއިރާ 16 މިނެޓް އުދުހިފައެވެ.

މިއީ ކޮމާޝަލް ފްލައިޓަކަށްވީ ނަމަވެސް، މިއީ ސައިންސްގެ ރޮނގުންވެސް ލިބުނު ކުރިއެރުމެއް ކަމުގައި މިހާރު ވަނީ ސިފަކުރަން ފަށާފައެވެ. މިއީ ގިނަ އިރުތަކެއް ވަންދެން ވައިގެ ތެރޭގައި އުދުހުމުގެ ސަބަބުން އިންސާނުންގެ ހަށިގަނޑަށް އަންނަ ބަދަލުތައް ދެނެގަތުމަށް ކުރި ދިރާސާއެއްވެސް މެއެވެ. މި ދިރާސަގައި ޕައިލެޓްގެ ސިކުނޑި މަސައްކަތްކުރި ގޮތާ، އޭނާގެ ސަމާލުކަން ހުރި މިންވަރު ވަޒަންކޮށްފައިވާއިރު، ފަސެންޖަރުންގެ ދިރާސާތަކެއްވެސް ވަނީ ހަދާފައެވެ. އެގޮތުން ފަސެންޖަރުންގެ ހަށިގަނޑުން ޖެޓްލެގް ވުމުގެ ތަކުލީފުތަކާ ހަނގުރާމަ ކުރި ގޮތާ، ކެބިން ތެރޭގައި އަލިކަން ހުރި ނެތް ގޮތުގެ ސަބަބުން ހަށިގަނޑަށް އަންނަ ބަދަލުތަކާ، ބޯޓު ތެރޭގައި ކައިބޮއި ހެދި ގޮތުން އައި ބަދަލުތައް ވަނީ ދިރާސާ ކޮށްފައެވެ. މީގެ އިތުރުން ބޯޓުން ދަތުރުކުރި އެންމެން ވަނީ، ހަށިގަނޑު ކޮންޓްރޯލް ކުރުމަށްޓަކައި ހާއްސަ ކަސްރަތުތަކެއްވެސް ބޯޓު ތެރޭގައި ކޮށްފައިކަން ފާހަގަކުރަންޖެހެއެވެ.

މި ތާރީހީ ދަތުރުން ފާހަގަވި އިތުރު ކަންކަމަށް ބަލާއިރު މިހާރުވެސް ކުރިއެރުންތަކެއް ހޯދިފައިވާކަމަށް ބުނެވެއެވެ. އެގޮތުން މި ފްލައިޓް އުދުއްސާލާފައިވަނީ ކަންޓަސްގެ ވަން-ސްޓޯޕް ފްލައިޓްގެ އާންމު ޝެޑިއުލަށްވުރެ 3 ގަޑިއިރުން ލަހުން ކަމުގައިވީނަމަވެސް، ބޯޓު ޖައްސާފައިވަނީ ޝެޑިއުލަށްވުރެ އަވަހަށް ކަމުން، ވައިގެ އުދުހުމުގެ ތެރޭގައި ހޭދަވީ ވަގުތުން ބައެއް ނަމަވެސް ސަލާމަތްކުރެވުނީއެވެ. މީގެ އިތުރުން ބޯޓު ތެރޭގައި ހޭދަކުރި ފުރަތަމަ 6 ގަޑިއިރު، ބޯޓުގެ ބޮކިތައް ދިއްލާފައި ބަހައްޓާފައި ހުރުމުން ސިޑްނީގެ ހާލަތަށް ފަސެންޖަރުން ހޭނި، ޖެޓްލެގް ތަކުލީފުތައް ކުޑަވި ކަމަށްވެސް ވަނީ ރެކޯޑްކޮށްފައެވެ.

ނަމަވެސް، މިއީ އާންމު އުސޫލުން ކުރާ ފްލައިޓް ދަތުރަކަށް ނުހެދޭނެ ސަބަބުތަކެއްވެސް އެބަހުއްޓެވެ. އެގޮތުން ތެޔޮ ސަލާމަތްކުރުމުގެ ގޮތުން ކަންޓަސްއިން މި ފްލައިޓަށް އެރުވީ ކްރޫއާއިއެކު ޖުމުލަ 49 ފަސެންޖަރުންނެވެ. ބޮއިންގް 787-9 މަރުކާގެ މި ބޯޓަކީ ހަގީގަތުގައި 280 މީހުންގެ ޖާގައިގެ ބޯޓެކެވެ. މިއީ ފަސެންޖަރުން މަދު ފްލައިޓެއް ކަމުން، ކޮންމެ ފަސެންޖަރަކު ދައްކަންޖެހުނު ފައިސާގެ އަގުވެސް ބޮޑެވެ.