ސޫރިޔާގައި ހަރަކާތްތެރިވަމުން ދިޔަ އެމެރިކާގެ އަސްކަރީ ފައުޖުގެ ޔުނިޓްތައް އެގައުމުން ބޭލުމަށް ފަހު، އިރާގުގައި ރީލޮކޭޓް ކުރުމަށް ހަމަޖެހިފައި ވާކަން، އެމެރިކާގެ ދިފާއީ ވަޒީރު މާކް އެސްޕާ ކަށަވަރު ކޮށްދެއްވައިފިއެވެ.

ޚަބަރު ލިބޭ ގޮތުގައި ސޫރިޔާއިން ބާލާ އެމެރިކާގެ އަސްކަރީ ފައުޖުގެ ޔުނިޓްތައް ދެން ހަރަކާތްތެރި ވާނީ އިރާގުގެ ހުޅަނގުގެ ސަރަހައްދު ތަކުގައެވެ.

ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އެސްޕާ ވިދާޅުވީ، މިހާރު ރޭވިފައިވާ އޮނިގަނޑަށް ބަލާއިރު، ހައްދުފަހަނައަޅާ ފައިވާ އައިސިސް ޖަމާއަތް އަލުން ބާރުގަދަވެގެން ދިޔަ ނުދިނުމަށްޓަކައި، 1000 އެއްހާ ސިފައިން ރީލޮކޭޓް ކުރެވޭނެއެވެ.

އެމެރިކާގެ ރައީސް ޑޮނާލް ޓްރަމްޕް ވަނީ، ސޫރިޔާގައި ހަނގުރާމަ ކުރަމުން ދިޔަ އެމެރިކާގެ އަސްކަރީ ފައުޖުތައް އަނބުރާ ގައުމަށް ގެނެސްދެއްވާނެ ކަމަށް މީގެ ކުރިން ވައުދުވެވަޑައިގެންފައެވެ.

ކަންމިހެން އޮތްއިރު، ސޫރިޔާގެ އިރު އުތުރުގެ ސަރަހައްދުތައް ކޮންޓްރޯލް ކުރަމުން ދިޔަ ކުރުދީ ހަނގުރާމަވެރިން ވަނީ، ރާސް އަލް-އައިން ސަރަހައްދުން އެ ޖަމާއަތުގެ ހުރިހާ ހަނގުރާމަވެރިން ބާލާ ހުސްކޮށްފައި ވާކަންވެސް އިއުލާންކޮށްފައެވެ. ކުރުދީ ހަނގުރާމަވެރިން މިސަރަހައްދު ދޫކޮށް ދާން ފަށާފައި ވަނީ، ކުރުދީ ހަނގުރާމަވެރިން ބަލިކުރުމުގެ ނަމުގައި ތުރުކީވިލާތުން ސޫރިޔާގެ އިރު އުތުރުގެ ސަރަހައްދުގައި ވަރުގަދަ އަސްކަރީ އޮޕަރޭޝަންތަކެއް ފަށާ، ގިނަ ބައެއްގެ ފުރާނަ ގެއްލިފައިވާ ދަނޑިވަޅެއްގައި، އެމެރިކާ މެދުވެރިއެއްގެ ގޮތުގައި އޮވެ، ވަގުތީ ގޮތުން ހަމަލާ ހުއްޓާލުމުގެ އެއްބަސްވުމެއް އެކުލަވާފައިވަނިކޮށެވެ.

އެކި ނަންނަމުގައި އެމެރިކާއިން މީގެ ކުރިންވެސް ވަނީ އިރާގުގެ ފަސްގަނޑުގައި އަސްކަރީ ހަރަކާތްތައް ކުރިއަށް ގެންގޮސް، ހަނގުރާމަ ހިންގާފައެވެ.