ތާޒާ، ގުދުރަތީ މަލުގެ ފަރުމާތައް ކުރުމަކީވެސް ހުނަރެކެވެ. ރީތި ހާ މަލެއް އެއް ވަށިގަނޑަކަށް ޖެހުމަކުން އޭގެ ފުރިހަމަ ކަމެއް ފަހަރެއްގައިވެސް ނުފެންނާނެއެވެ. ހިތަށް އެރި ތަނެއްގައި ހިތަށް އެރި ގޮތަކަށް، ހިތަށް އެރި މަލެއް ބަހައްޓައިގެންވެސް އޭގެ ހަގީގީ އަރާމުކަން އިހުސާސް ނުކުރެވޭނެއެވެ. ނަމަވެސް، މިއީ ދަސްކުރަން މާ އުނދަގޫ ހުނަރެއްވެސް ނޫނެވެ.

ގޭތެރޭގައި މާވަށިގަނޑު ބަހައްޓަން އެންމެ ރަނގަޅީ ކޮންތަނެއް؟

ގެއަށް ވަދެގެން އަންނައިރު ތާޒާމަލުގެ ގުލްދަސްތާކުން މަރުހަބާ ކިއުމުގެ ފުރުސަތު، އަދުގެ ދިރިއުޅުމުގެ ވައްޓަފާޅިއަށް އައި ބަދަލާއެކު ވަނީ ހިސާބަކަށް ފަނޑުވެ ގޮސްފައެވެ. ދިރިއުޅެންޖެހިފައިވަނީ އެޕާޓްމަންޓްތަކުގައި ކަމުން ގަހެއް އެއްޗެއް ހައްދާލެވެނީ ބެލްކަނި އެހެން ނޫނީ ޓެރަސްގައެވެ. ނަމަވެސް، ސިޓިންގް ރޫމް ތެރޭގައި އުސްކޮށް ހުންނަ މޭޒެއް ކަހަލަ އެއްޗެއް ބެހެއްޓުމަށްފަހު އޭގެ މަތީގައި ތާޒާ މާލުގެ ވަށިގަނޑެއް ބެހެއްޓުމުން ގެއަށް އިތުރު ދިރުމެއް ގެނެސްދީ، މެހެމާނުދާރީ އިތުރަށް ފުރިހަމަކޮށްދޭނެއެވެ.

ސިޓިންގް ރޫމްގައި މާ ބަހައްޓާނެ ގޮތުގެ ހިޔާލެއް/ފޮޓޯ: އެމެޒޯން

ސެންޓަޕީސް

މޭޒުތަކުގެ މެދުގައިވެސް މާ ވަށިގަނޑެއް ނޫނީ ބޮކޭއެއް ބެހެއްޓުން ބުއްދިވެރިއެވެ. މިއީ ކަޓުކަމެއް ނޫނެވެ. ސެންޓަޕީސްގައި މާތައް ބަހައްޓާއިރު އަބަދުމެހެން އެއަށް ފެން ލިބޭކަހަލަ ގޮތަކަށް ފްލޮރިސްޓް ސްޕޮންޖެއް ބޭނުންކުރާށެވެ. ނަމަވެސް ސެންޓަޕީސްއަކީ މާ ކަންތައް ބޮޑު މާ ވަށިގަނޑަކަށް ހެދުން ބުއްދިވެރިއެއް ނޫނެވެ.

އެނދުކައިރި ސައިޑްކަބަޑް

މިއީވެސް މަލުގެ ފުރިހަމަ އިހުސާސްތައް ލިއްބައިދޭނެ އެއް ލޮކޭޝަންއެވެ. އެނދުގައި ކައިރީގައި ބަހައްޓަން އެންމެ ރަނގަޅުވާނީ ވީހާވެސް ކުލަގަދަ ފިނިފެންމަލެވެ. މި ކުލަތައް ހިޔާރުކުރާއިރު ބެޑްޝީޓަށް އިތުރު ފުރިހަމަ ކަމެއް ގެނެސްދޭނެ ކަހަލަ ކުލަތައްވެސް ބޭނުން ކުރެވިދާނެއެވެ. ނަމަވެސް ބެޑްޝީޓާ މާ ބޮޑަށް އެއްކަހަލަ ވާޒާތުގެ މާމެލާމެލި ބޭނުންކުރުން އެދެވިގެނެއް ނުވެއެވެ.

އެނދުކައިރީގައި ބަހައްޓާފައި ހުރި މާ ވަށިގަނޑެއް/ފޮޓޯ: ބޮބްވިއާ

އެކި ކުލައިގެ އެކި މާ

ގޭތެރޭގެ އެކި ހިސާބުތަކުގައި މާ ވަށިގަނޑުތަކާ ބޮކޭތައް ބަހައްޓަން ވިސްނާނަމަ އެއްކަހަލަ މަލެއް ނުވަތަ ކުލައަކަށް ބަރޯސާވުން މާ ރަނގަޅެއް ނޫނެވެ. ދިރިއުޅުމުގެ އުޖާލާ ކަމާ، ހެލިފެލިވުން ދައްކުވާދޭނެ އެއް ކަމަކީ އެކި ކަހަލަ މާމެލާމެލިން ޒީނަތްތެރި ކުރުމެވެ. އަދި އެއްކުލަ އަނެއް ކުލައާއި ގުޅޭ، ނަމަވެސް ތަފާތު ކުލަތަކުގެ މާ ބޭނުންކުރަންވާނެއެވެ. މިސާލަކަށް މަލެއްގެ ކަރުގަނޑުގައި ހުންނަ ކުލައަކީ، އަނެއް މަލުގެ ފިޔަތަކުގައި ހުންނަ ކުލަ ކަމުގައިވެސް ހެދިދާނެއެވެ.

ފެހިކަންވެސް ހިމެނުން

މަލުގެ ފަރުމާތައް ކުރާއިރު ފެހިކުލަ އެކުލެވޭ އެކި ކަހަލަ ފަތްކޯޅިވެސް ބޭނުންކުރަންވާނެއެވެ. ބަދިގެއާއި ފާހާނާ ފަދަ ތަންތަނުގައިވެސް މާބަހައްޓަން ވިސްނާއިރު މިތަންތަނަށް އެންމެ ރަނގަޅުވާނީ ފެހިކުލައިގެ ފަތް ގިނަވި ވަރެކެވެ. މިސާލަކަށް ބޯގަންވިލާ ކަހަލަ މަލެއް ބޭނުންކުރެވިދާނެއެވެ.

ބަދިގެ ކުޑަ ދޮރުކައިރީގައި ބޯގަންވިލާ ގަސް ހައްދާފައި/ފޮޓޯ: ދަ ސްޕްރޫސް

ހިކިމާ ބޮނޑި

މަލުގެ ވާހަކަ ދައްކާއިރު، މިއަހަރުގެ ފެޝަނަކީ ހިކި މާ ބޮނޑިއެވެ. ކުލަ ނުގެއްލޭ ގޮތަށް ހިއްކާފައި ހުންނަ މާ ބޭނުންކޮށްގެންވެސް ތަފާތު އެކި ކަހަލަ ފަރުމާތައް ކުރެވިދާނެއެވެ. ފްރޭމްކޮށްފައިވެސް ބެހެއްޓޭނެއެވެ.

ބޮޑެތި ސިންގާހާ ފޮޓޯ ލޯގަނޑުތަކާ، މުށި ދޫނި ބައިގަނޑުތަކުން ގޭތެރެ ޒީނަތްތެރިކުރުމުގެ ޒަމާން މާޒީ ވެއްޖެއެވެ. މިއީ އެކި ކަހަލަ މާމެލާމެއްޔާ، އެއަށް އިތުރު ފުރިހަމަކަމެއް ގެނެސްދޭ ފަތްތަކުން ގޭތެރެ ޒީނަތްތެރިކުރުމުގެ ފެޝަން، ވައިގައި ހިފާފައިވާ ޒަމާނެކެވެ. ގޭތެރޭގެ ކޮންމެ ހިސާބެއްގައި މާވަށިގަނޑުތައް ބެހެއްޓިނަމަވެސް ގުދުރުތީ އަލި އެއަށް ލިބޭ ގޮތަށް ބެހެއްޓުމުން، ޖީބަށް ލުއި މާމެލާމެލިންވެސް އިތުރު ފުރިހަމަ ކަމެއް ގޭތެރެއަށް ގެނެސްދޭނެއެވެ.