ހުކުރު ނަމާދު ވަގުތާ ދިމާކޮށް އަފްޣާނިސްތާނުގެ ނަންގަރުހާރުގެ މިސްކިތެއްގައި ދިން ބޮމުގެ ހަމަލާގައި މަރުވި މީހުންގެ އަދަދު 60 އަށްވުރެ މައްޗަށް އަރާފައިވާއިރު، މިއަދަދު އަދިވެސް އިތުރުން އެކަށީގެންވާކަމަށް އެ ޕްރޮވިންސްގެ ކައުންސިލް މެމްބަރެއް ކަމަށްވާ ސުހުރާބު ޤަދީރީ ބުނެފިއެވެ.

އަފްޣާނިސްތާނުގެ އިރުމަތީ ސަރަހައްދުގައި އޮންނަ ނަންގަރުހާރުގެ މިސްކިތެއްގައި އިއްޔެ ދިން ބޮމުގެ ހަމަލާ، ހަނގުރާމަވެރި ތޯލިބާނު ޖަމާއަތުން ކުށްވެރިކޮށްފައިވާއިރު، މި ހަމަލާގެ ޒިންމާ އުފުލަންޖެހޭ ބަޔަކީ ހައްދުފަހަނައަޅާފައިވާ ޓެރަރިސްޓް ޖަމާއަތް -އައިސިސް ކަމަށްވެސް ތޯލިބާނުންވަނީ ބުނެފައެވެ.

ނަންގަރުހާރު ޕްރޮވިންސްގެ ގަވަރުނަރުގެ ތަރުޖަމާނު ޢަޔާތުﷲ ޚުގުޔާނީ ވިދާޅުވީ، ބޮމުގެ ހަމަލާއާއިއެކު މިސްކިތުގެ ފުރާޅުވެސް ވެއްޓިފައިވާކަމަށެވެ.

މި ހަމަލާގެ ޒިންމާ އަދި އެއްވެސް ފަރާތަކުން އުފުލިކަމުގެ ޚަބަރެއް ލިބިފައެއް ނުވެއެވެ.

އެތައް ބައެއްގެ ފުރާނަ ގެއްލިދިޔަ މި ވަރުގަދަ ހަމަލާދީފައިވާ މިދަނޑިވަޅަކީ، މިއަހަރުގެ ޖުލައި މަހާ ސެޕްޓެމްބަރު މަހާ ދެމެދު ހޭދަވެގެންދިޔަ 3 މަސްދުވަހުގެ މުއްދަތަކީ، އަފްޣާނިސްތާނުގެ ތާރީހު ނުދެކޭހާ ގިނަ އަދަދަކަށް އާންމުންގެ ރައްޔިތުންގެ ފުރާނަ ގެއްލި، އެކި ކަހަލަ ޒަހަމްތައް ތަހައްމަލު ކުރި ދުވަސްވަރެއްކަމަށް ބަޔާންކޮށް އދއިން ރިޕޯޓެއްވެސް އާންމުކޮށްފައިވާ ދަނޑިވަޅެކެވެ.