ދަރިފުޅުގެ ކޮންމެ ހަރަކާތެއްގެ ފޮޓޯ ނެގުމާ އެ ފޮޓޯތައް ސޯޝަލް މީޑިއާގައި އާންމު ކުރުމުން ނޫނީ ތިބާގެ ދަރިއެއް ހުންނަކަމަށް މުޖުތަމައު ގަބޫލުނުކުރާނޭ ހިވާ ދަރަޖައަށް އަދުގެ ހާލަތު މިވަނީ ގޯސްވެފައެވެ. ނަމަވެސް ކުޑަދަރިފުޅުގެ ހަރަކާތްތައް ފޮޓޯ ނެގުމުގައި ރަތް ރޮނގު ދަމާލަންޖެހޭ ހިސާބެއް އޮންނަކަން ތަޖުރިބާކާރުން މިހާރު ދަނީ ފާހަގަކުރަމުންނެވެ.

ފޮޓޯއެއް ނެގުމަކީ ކިތަންމެ ކުޑަ ކަމެއް ކަމުގައި ހީވި ނަމަވެސް މިއީ އެކަމެއްގެ އަސަރު އެތައް ދުވަހަކަށް އެތައް ގޮތަކަށް ކުރިމަތިކުރުވާ އަމަލެއްކަމަށް ތަޖުރިބާކާރުން ބުނެއެވެ. ސައިކޮލޮޖިސްޓް އަލްކާ ކުމާރު ބުނާ ގޮތުގައި، ދަރިފުޅުގެ ފޮޓޯނަގާއިރު ރަތްރޮނގު ދަމާލަންވީ ހިސާބު އެނގުމަކީ މައިންބަފައިންނަށް މުހިންމުކަމެއް ކަން އަލްކާ ފާހަގަކުރެއެވެ. މިކަމުގައި ވިސްނާ، ބަލަންޖެހޭ ތަފާތު މޭރުންތަކެއް އެބަހުއްޓެވެ. އެގޮތުންއެންމެ ބޮޑު ހިތާމައަކަށް ވަނީ ދަރިފުޅުގެ ހަރަކާތްތައް ފޮޓޯއާއި ވީޑިއޯގެ ސިފާގައި ރައްކާކުރަން އުޅުމުގެ ތެރޭގައި، ހަގީގީ މަންޒަރު ހަމަ ލޮލަށް ފެނުމުގެ ފުރިހަމަ އުފާ ހާސިލު ނުވެ، ކެމެރާގެ ލެންސާ ޑިސްޕްލޭއިން ފެންނަ އެއްޗަކުން ފަރުޖައްސާލަންޖެހުމެވެ. ކަމެއް ހިނގާ ވަގުތު އެ ކަމެއް ހަމަލޮލުން ދެކި، ތަޖުރިބާކޮށްލުމަކީ ރެކޯޑްކޮށްފައިވާ މަންޒަރަކުން ލިއްބައިދޭ އުފަލާ ހިތްހަމަޖެހުމަށްވުރެ އެތަށް ގުނަ އެއް ފުރިހަމަ ޖަޒުބާތެކެވެ. އަލްކާ ބުނާ ގޮތުގައި ދަރިފުޅުގެ ހަރަކާތްތައް ރެކޯޑް ކުރަން އުޅުމުގެ ބަދަލުގައި، ހަމަ ދުނިޔޭގައި އެކަމެއް ހިނގާ ވަގުތު އެކަމެއް ތަޖުރިބާކޮށް އެކަމުގެ އުފާ ހާސިލުކުރުން ބުއްދިވެރިއެވެ.

އަދުގެ ހާލަށް ބަލާއިރު ފޮޓޯއާއި ވީޑިއޯ ނަގައިގެން ދަރިފުޅުގެ މަންޒަރުތައް ރެކޯޑެއްގެ ގޮތުގައި ރައްކާކުރަނީ އެކަންޏެއް ނޫނެވެ. ވަންހަ ވަސްކޮޅު ފޯރި ހިސާބަށްވެސް އެމަންޒަރުތައް ހިއްސާކުރަނީ ހެކަރުންގެ ހަމަލާ އަމާޒުވާނީ އެތަނުން ކާކުގެ ޑިވައިސްއަކަށްވެސް ނޭނގޭ ހާލުގައެވެ. ހިތަށް ގެންނަންވެސް ކިތަންމެ ޖަރީމާއެއް މިފަދަ މަންޒަރުތައް ބޭނުންކޮށްގެން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހިންގަމުންދާ ކަމީ، ގަބޫލުކުރަންޖެހިފައިވާ ހިތި ތެދެކެވެ.

ސޯޝަލް މީޑިއާ ޕްލެޓްފޯމުގައި ހިއްސާކޮށްގެން އެކުވެރިންނާ ދަންނަ މީހުންގެ ފަރާތުން ލިބޭ ހިތްހަމަޖެހުމުންވެސް ފަރުނުޖެހޭ މީހުން މި ކުޑަ ދިވެހި މުޖުތަމައުގައިވެސް މަދެއް ނޫނެނެވެ. ދަރިފުޅުގެ ފޮޓޯއާއި ނަންޖަހައިގެން ޖޯޑާ، މަގާ އަތްދަބަހާ އެނޫންވެސް އެފަދަ އެއްޗިހި ޕްރިންޓްކޮށްގެން ގެންގުޅޭ މީހުން މަދެއް ނޫނެވެ. މި ގޮތަށް ދަރިފުޅުގެ ވަނަވަރު އާންމު ކުރުމަކީ ސަލާމަތީ ގޮތުން ބަލާއިރުވެސް މާ ރައްކާތެރި ގޮތެއް ނޫނެވެ. ދަރިފުޅު ނުދަންނަ މީހާއަށްވެސް އެ ދަރިފުޅަށް މަންމަ ނުވަތަ ބައްޕަ އެންމެ ލޯބިން ގޮވާލާ ނަން އެނގި، އެ ނަމުން އެ މީހަކު އެ ދަރިފުޅަށް ގޮވާލުމުން ބޭ އިހުތިޔާރުގައި އެކުއްޖާއާއި އެމީހަކާ ދެމެދު ގާތްކަމެއް އުފެދޭ ކަމީ ގަބޫލުކުރަންޖެހޭ ބިރުހުރި ހަގީގަތެކެވެ.

ހިތާމައަކީ އަދުގެ ޒަމާނީ ބެލެނިވެރިން މިކަފަދަ ކަންކަން ކުރަނީ މިކަމުގައި ހުރި ނުރައްކާ އެނގިހުރެ ކަމެވެ. ދިރާސަތަކުން ދައްކާ ގޮތުގައި ސޯޝަލް މީޑިއާގައި ދަރިންގެ މަންޒަރާ ވަނަވަރު އާންމުކުރާ މައިންބަފައިންގެ ތެރެއިން 76 ޕަސެންޓް މީހުން އެކަން ކުރަނީ، ނުބައި މީހެއްގެ އަތަށް އެ ތަކެތި އަރާފާނެކަން އެނގިހުރެއެވެ. އަދި މި ގޮތަށް ދަރިފުޅުގެ މަންޒަރުތައް ސޯޝަލް މީޑިއާގައި އާންމުކުރާއިރު އެ ދަރިފުޅުގެ އިޒުނަ ހޯދަން ނުޖެހޭ ކަމަށް 65.5 ޕަސެންޓް ބެލެނިވެރިން ގަބޫލުކުރެއެވެ. އަޅުގަނޑުމެންނާ އެންމެ ގާތުން، އަވަށްޓެރި އިންޑިޔާގައި ހަދާފައިވާ ދިރާސާއަކަށް ބަލާއިރު 40.5 ޕަސެންޓް ބެލެނިވެރިންނަކީ ދުވާލަކު އެންމެ މަދުވެގެން 1 ފޮޓޯ ނުވަތަ ޕޯސްޓުކުރާ ބައެކެވެ. ކަންމިހެން އޮތްއިރު، ނުރައްކާތެރި މަސްތެއްގެ ވަބާއާއި އެއްވަރުގެ ނުވަތަ އެއަށްވުރެވެސް ބޮޑު ނުރައްކަލެއް ކުރިމަތިކުރުވާ ހާލަތެއް ނޫންބާވައެވެ. މިއީ ގާނޫނީ އިމުގެ ތެރެއިން ހައްލު ބޭނުން މައްސަލައެއް ނޫންބާވައެވެ. ކަމެއް ދިމާވެގެން އެކަމާ އުޅުމުގެ ކުރިން، އެކަމެއް ހިނގާފާނެ ހުރިހާ ކަމަކުން ދުރުވެ ތިބުމީ ބުއްދިވެރި ގޮތެކެވެ.