ހަމައެކަނި އަންހެން ފަޅުވެރިން ބައިވެރިވެގެން ޖައްވުތެރޭގައި ކުރިއަށް ގެންދިޔަ ފުރަތަމަ މިޝަންގެ ހިނގާލުން ކާމިޔާބު ކަމާއެކު ނިންމާ، ޖައްވީ އުދުހުންތަކުގެ ދުނިޔޭގެ ތާރީހުގައި ނާސާގެ އެސްޓްރޮނޯޓުން ކަމަށްވާ ކްރިސްޓީނާ ކޯކްއާއި ޖެސިކާ މެއީރުގެ ނަން ލިޔެލައިފިއެވެ.

ބައިނަލްއަގުވާމީ ޖައްވީ ސްޓޭޝަންގެ ފެއިލްވެފައިވާ ޕަވާޔުނިޓް ބަދަލުކުރުމުގެ މަސައްކަތުގައި އަންހެން ފަޅުވެރިންގެ ޓީމުން ހަރަކާތްތެރިވަނީ/ފޮޓޯ: ނާސާ

ކްރިސްޓީނާ އާއި ޖެސިކާ ވަނީ، ބައިނަލްއަގުވާމީ ޖައްވީ ސްޓޭޝަން (އައިއެސްއެސް)އިން ފެއިލްވި ޕަވާޔުނިޓެއް ބަދަލުކުރުމުގެ މަސައްކަތުގައި، އައިއެސްއެސްއިން ބޭރުގައި ގާތްގަނޑަކަށް 7 ގަޑިއިރު ހޭދަކޮށްފައެވެ. ކްރިސްޓީނާއަކީ މީގެ ކުރިން 4 ފަހަރެއްގެ މަތިން ޖައްވުގައި ހިނގާފައިވާ އަންހެން ފަޅުވެރިއެއް ނަމަވެސް، މިއީ ޖެސިކާ ފުރަތަމަ ހިނގާލުމެވެ. އެހެންކަމުން ޖައްވުގައި ހިނގާފައިވާ އަންހެން ފަޅުވެރިންގެ ލިސްޓަށް އޭނާގެ ނަންވަނީ އިތުރުވެފައެވެ. އޭނާއަކީ މިޝަރަފު ހޯދި 15 ވަނަ ފަޅުވެރިޔާކަމަށް ނާސާއިން ބުނެއެވެ.

އައިއެސްއެސްގެ އަންހެން ފަޅުވެރިން ބަދަލުކުރި ޕަވާޔުނިޓް ހިމެނޭ ސަރަހައްދު ފާހަގަކޮށްފައި/ފޮޓޯ: ނާސާ

ކްރިސްޓީނާއާއި ޖެސިކާގެ މިޝަންއާއިއެކު އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް ވަނީ ވީޑިއޯ ކޯލެއްގެ ޒަރިއްޔާއިން މި ކާމިޔާބީ ފާހަގަކުރައްވާފައެވެ.

ނާސާގެ އެސްޓްރޮނޯޓް ޖެސިކާ މެއީރު/ފޮޓޯ: އެންބީސީސެންޑިއާގޯ| ނާސާ

ކްރިސްޓީނާ އަކީ އިލެކްޓްރިކަލް އިންޖިނޭރެކެވެ. ޖެސިކާއަކީ މެރިން ބަޔޮލޮޖީ ގެ ރޮނގުން ޕީއެޗްޑީ ސަނަދު ހާސިލުކޮށްފައިވާ ޒުވާނެކެވެ.

ނާސާގެ އެސްޓްރޮނޯޓް ކްރީސްޓީނާ ކޯކް/ފޮޓޯ: ނާސާ

ދުނިޔޭގެ ތާރީހުގައިވެސް ފުރަތަމަ ފަހަރަށް ޖައްވު ތެރޭގައި ހިނގާލުމުގެ ރެކޯޑް ހޯދީ ރަޝިޔާގެ ކޮސްމޮނޯޓް އެލެކްޒީ ލިއޮނޯފްއެވެ. އުމުރުން 85 އަހަރުގައި އޭނާ މި ދުނިޔެއާއި ވަކިވީ މިމަހުގެ ކުރީކޮޅުއެވެ.