ޑޮކްޓަރަށް ދައްކަން އެޕޮއިންޓްމަންޓް ހައްދާނެ "މަގޭ މެމޯ" އެޕްލިކޭޝަން ދިރާގުން ތައާރަފު ކުރަން ނިންމައިފިއެވެ.

މިއަދު ދަރުބާރު ގޭގައި ފަށައިގެން ކުރިއަށް ގެންދާ މޯލްޑިވްސް މެޑިކަލް އެކްސްޕޯގައި ދިރާގުން ވަނީ މި އެޕްލިކޭޝަން ވަރަށް އަވަަހަށް ތައާރަފު ކުރާނެ ކަން އިއުލާން ކޮށްފައެވެ.

ދިރާގުން ބުނީ، އެ ކުންފުނިން ތައްޔާރުކުރާ މި އެޕްލިކޭޝަން މެދުވެރިކޮށް ކޮންމެތާކު ހުރެ ކޮންމެ ވަގުތަކުވެސް ޑޮކްޓަރަށް އެޕޮއިންޓްމަންޓް ފަސޭހަ ކަމާއެކު ހެއްދޭނެ ކަމަށެވެ. އެކި ކްލިނިކްތަކުގެ ޑޮކްޓަރުންނަށް ފަސޭހަކަމާ އެކު އެޕޮއިންޓްމަންޓް ހެއްދޭނެ ކަމަށާއި މި އެޕލްިކޭޝަންގެ ސަބަބުން ހޮސްޕިޓަލުގައި ހޭދަކުރަންޖެހޭ ވަގުތު މަދުވާނެ ކަމަށް ވެސް ދިރާގުން ބުނެއެވެ.

މި އެޕްލިކޭޝަން ބޭނުންކޮށްގެން އެޕޮއިންޓްމަންޓް ހައްދާ މީހުންނަށް އެޕް ބޭނުންކޮށްގެން ފައިސާ ވެސް ދެއްކޭނެއެވެ. އަދި އެޕޮއިންޓްމެންޓުގެ އަޕްޑޭޓު ވެސް އެޕުން ބަލައިލެވޭނެއެވެ.

ދިރާގަކީ ކަސްޓަމަރުންނަށް ފަހުގެ އާ އުފެއްދުންތައް މެދުވެރިކޮށް ޑިޖިޓަލްކޮށް ހިދުމަތް ދިނުމަށް އަބަދުވެސް މަސައްކަތް ކުރާ ކުންފުންޏެކެވެ.

ދިރާގުން ބުނީ އެ ކުންފުނިން މި އެޕް ތައްޔާރު ކުރުމުގައި ހޮސްޕިޓަލްތަކުގެ އެޕޮއިންޓްމަންޓް ހައްދާ ނިޒާމް ދިރާސާ ކޮށްފައިވާ ކަމަށާއި ދިރާގުގެ އެޕުން އެޕޮއިންޓްމަންޓްތައް މެނޭޖުކުރަން ފަސޭހަވާނެ ކަމަށެވެ.

މި އެޕްލިކޭޝަނާ ގުޅޭ މައުލޫމާތު މެޑިކަލް އެކްސްޕޯގައި ހުރި ދިރާގު ސްޓޯލުން ލިބޭނެއެވެ.