ދެ ގައުމު ހިއްސާކުރާ ކޯރެއްގައި މަސްވެރިކަން ކުރަމުންދިޔަ މައްސަލައަކާއި ގުޅިގެން ބަންގްލަދޭޝްއާއި އިންޑިޔާއާ ދެމެދު ހިންގި ހަމަނުޖެހުމެއްގައި އިންޑިއާގެ ޕެރާމިލިޓްރީ ފުލުހުންގެ އޮފިސަރަކު މަރުވެ، އިތުރު އޮފިސަރަކަށް ސީރިއަސް ޒަހަމްތަކެއް ލިބިއްޖެއެވެ.
މި ހާދިސާއާއި ގުޅިގެން ބަންގްލަދޭޝްގެ އަސްކަރިއްޔާ ވަނީ އެލާޓަށް ގެނެސްފައެވެ.
ބަންގްލަދޭޝްގެ ސަރަހައްދީ އިން ގާޑުކުރުމުގައި ހަރަކާތްތެރިވާ ޔުނިޓުން ބުނީ އިންޑިޔާއާ ވީ ކޮޅަށް ބަންގްލަދޭޝްއިން ހަމަލާދީފައި ވާނީ އަމިއްލަ ނަފްސުގެ ދިފާއު ނުވަތަ ސެލްފް ޑިފެންސަށް ކަމަށާ، އެކަން ކުރަން ޖެހުނީ، ބަންގްލަދޭޝްގެ ކަމާބެހޭ ފަރާތްތަކުގެ ބެލުމުގެ ދަށަށް ގެންދިޔަ އިންޑިޔާގެ މަސްވެރިއަކު އަނބުރާ ގެންދިއުމަށް އިންޑިއާގެ ބޯޑާ ގާޑުން ގަވައިދާ ހިލާފަށް ބަންގްލަދޭޝްގެ ސަރަހައްދަށް ވަދެގަތުމުން ކަމަށެވެ.
ބަންގްލަދޭޝް ސަރަހައްދަށް ގަވައިދާ ހިލާފަށް ވަދެގެން އުޅުނު 3 މަސްވެރިއަކު، ބަންގްލަދޭޝްގެ ކަމާ ބެހޭ ފަރާތްތަކުގެ ބެލުމުގެ ދަށަށް ގެންގޮސްފައި ވާކަމަށް ޚަބަރު ލިބެއެވެ. މި މަސްވެރިން ބަންގްލަދޭޝްގެ ސަރަހައްދަށް ވަދެގެން އުޅުނީ ސަރަހައްދީ ކެއުންތަކަށް ހާއްސަ ހިލްސާ ނަމަކަށް ކިޔާ މަހެއް ބޭނުމުގެ ނިޔަތުގައި ކަމަށް މައުލޫމާތު ލިބެއެވެ. ހައްޔަރު ކުރި 3 މީހުންގެ ތެރެއިން 2 މީހަކު ފިލީ ކަމެއް ނުވަތަ ދޫކޮށްލީ ކަމެއް ނޭނގޭ ކަމަށާ، އިންޑިއާގެ ބޯޑާ ގާޑުންނަށް އެކަން އެންގީ، 2 މީހުން ކަމަށް ބައިނަލްއަގުވާމީ ޚަބަރުތައް ފެތުރުމުގައި ހަރަކާތްތެރިވާ އަލްޖަޒީރާއިންވަނީ ރިޕޯޓްކޮށްފައެވެ.
ބަންގްލަދޭޝްގެ ބޯޑާ ގާޑުންނާ ދިމާލަށް ހަމަލާދީފައި ވަނީ އިންޑިއާގެ ޕެޓްރޯލް ބޯޓެއްގައި ދިޔަ ބަޔަކު ކަމަށާ، ލޮލުކޮޅަށް އޮބަންދެން ހަމަލާ ދެމުންދިޔަ ކަމަށް ޚަބަރު ލިބެއެވެ.
ބަންގްލަދޭޝްއިން ބުނީ، މި ހާދިސާއަށްފަހު ދެ ފަރާތުންވެސް މިހާރު ބައްދަލުކޮށްފައި ވާކަމަށާ އަދި ކުރިއަށް އޮތް ތަނުގައި މަޝްވަރާތަކެއް ކުރިއަށް ގެންދާނެ ކަމަށެވެ. އަދި ސަރަހައްދީ އިމުގެ މަސްރަހު މިހާރު އޮތީ އާންމު ހާލެއްގައި ކަމަށްވެސް ބަންގްލަދޭޝްގެ އޮފިޝަލަކު ވަނީ ވިދާޅުވެފައެވެ. ނަމަވެސް އިތުރު ހަމަލާއެއް އަތުވެދާނެ ކަމަށްޓަކައި އަސްކަރިއްޔާ އޮތީ އެލާޓަށް ގެނެސްފައެވެ.
އިންޑިޔާއާއި ބަންގްލަދޭޝް ހިއްސާކުރާ ބޭ އޮފް ބެންގޯލްގެ ސުންދަރުބާން ސަރަހައްދަކީ ޔުނެސްކޯގެ އާސާރުތަކުގެ ލިސްޓުން ޖާގަ ހޯދާފައިވާ ސަރަހައްދަކަށް ވީ ނަމަވެސް، ގަވައިދާ ހިލާފަށް މިސަރަހައްދުގައި މަސްވެރިކަން ކުރުމަކީ އާންމު ކަމެކެވެ.