ދަރިފުޅަކީ އަމިއްލައަށް މަރުވުމުގެ ފިކުރު ގެންގުޅޭ ކުއްޖެކަން ޝައްކުވާން ފަށާ ހިސާބުން ގިނަ މައިންބަފައިންވެސް އިންތިހާ މާޔޫސް ކަމުގެ ތެރެއަށް ދާ ގޮތްވެއެވެ. އެއީ އެކަން ވާނެވެސް ގޮތެވެ. ނަމަވެސް މައިމީހާ، ނުވަތަ ބަފާމީހާ އެ އަނދަވަޅަށް ވެއްޓުމުގެ ކުރިން ފާރަވެރިވާންޖެހޭ ކަންތައްތަކެއް އެބަހުއްޓެވެ. ފުރަތަމަ ކަމަކީ އަމިއްލަ ނަފްސު ބަދުނާމުކޮށް ގޯސް ނުކުރުމެވެ. ގޯސްކޮށް ކުރެވުނީ ކޮން ކަމެއްތޯ އަމިއްލަ ހިތާ ސުވާލުކޮށް، އިތުރަށް ނަފްސު ހާސް ނުކުރާށެވެ. އަމިއްލައަށް މަރުވުމަކީ ބޮޑުކަމެއްކަން ގަބޫލުކުރާށެވެ. އަދި އެފަދަ ފިކުރުތަކެއް ދަރިފުޅުގެ ސިކުނޑި ހުރަސްކޮށްފާނެކަން ގަބޫލުކުރާށެވެ.
ތަޖުރިބާކާރު ލައިސަންސްޑް ކައުންސިލާ ޑރ ޖަސްޓިން ހެންޑާސަން ވިދާޅުވާ ގޮތުގައި، ދަރިފުޅަކީ އަމިއްލައަށް މަރުވުމުގެ ފިކުރު ގެންގުޅޭ ކުއްޖެއްކަން އަންގައިދޭ ސިގުނަލްތަކެއް ހުރެއެވެ. ވަކިން ހާއްސަކޮށް، ފުރާވަރު އުމުރުގެ ކުދިންގެ ކިބައިން މިކަންކަން ފާހަގަވެދާނެއެވެ. މިފަދަ ބައެއް އަލާމާތްތަކުގެ ތެރޭގައި:
- ކަމަކާ ދެރަވެ/ރުޅިއައިސްފައި ހުރުން ފަދަ ޖަޒުބާތުތައް 2 ހަފުތާ ނުވަތަ އެއަށްވުރެވެސް ދިގު މުއްދަތަކަށް ދެމިގެންދިއުން
- ނިދުމުގެ އާދަތަކަށް ބަދަލު އައުން
- ގައިގައި ވަރެއް ނެތުން
- އިޖުތިމާއީ ކަންކަމުން އެކަހެރިވުން
- ކެއިން ބުއިމާ ދުރުވުން
- ހާއްސަ ލޯތްބެއް ދީގެން ގެންގުޅޭ އަމިއްލަ ތަކެތި އެހެން މީހުންނަށް "ހަދިޔާ" ކުރުން
- އާދަޔާ ހިލާފަށް ގިނައިން މަރުގެ/މަރުވާ ވާހަކަ ދެއްކުން ނުވަތަ އެފަދަ ކަންކަމާ މަޝްހޫލުވެއުޅުން
- މަސްތުވާތަކެތި ބޭނުންކުރަން ފެށުން ފަދަ އަލާމާތްތައް ހިމެނެއެވެ.
މިފަދަ އަލާމާތްތަކެއް ދަރިފުޅުގެ ކިބައިން ފާހަގަވާނަމަ ދަރިފުޅާ ވާހަކަދައްކައިގެން ކުރިއަށް ދެވިދާނެ ގޮތްތަކެއްވެސް އެބަހުއްޓެވެ.
1. "އަމިއްލައަށް މަރުވުމުގެ ވިސްނުން ގެންގުޅެނީތަ؟"
ދަރިފުޅަކީ އަމިއްލައަށް މަރުވުމުގެ ފިކުރު ގެންގުޅޭ ކުއްޖެއް ކަމަށް ޝައްކުވާ ހިނދެއްގައި، ގިނަ ފަހަރަށް އެންމެ ބިނާކުރަނިވި ނަތީޖާއެއް ލިބިފައިވަނީ ސީދާ ސުވާލު ކުރިމަތިކޮށްގެންނެވެ. މި ގޮތަށް ސުވާލުކުރާއިރު "އަމިއްލައަށް މަރުވުން" ނުވަތަ "ސުއިސައިޑް" ފަދަ ލަފުޒުތައް ބޭނުންކުރުމުން، މަންމަ ނުބަތަ ބައްޕަ ހުރީ ކަންބޮޑުވެ، ދެރަވެފައި ކަމުގެ އިހުސާސް އެ ދަރިފުޅަށް ކޮށްދޭނެއެވެ. އަދި އެފަދަ ވިސްނުމެއް ގެންގުޅެވުނީތީ ލަދުގަނެ، އެކަން ކުރުމަށް ޖެހިލުން ވުމުގެ ފުރުސަތުވެސް ބޮޑެވެ.
މިފަދައިން ސުވާލު ކުރަން ނުކުރޭނަމަ، "ދަރިފުޅު އަމިއްލަ ނަފުސަށް އަނިޔާކުރަންތޯ ނުވަތަ ކުރަން ވިސްނަންތޯ" އަހާ އޮޅުން ފިލުވިދާނެއެވެ.
2. "މި ދުނިޔޭގައި އުޅެން ބޭނުމެއް ނުވޭތަ؟"
ދަރިފުޅަކީ އާދަޔާ އަދި ފުރާވަރު އުމުރު ފަށައިގަތް ކުއްޖެއް ނުވަތަ އެއަށްވުރެވެސް ކުޑަ ކުއްޖެއް ކަމަށް ވަނީ ނަމަ ސީދާ ލަފުޒު ބޭނުންކުރުމަކުން އެންމެ ރަނގަޅު ނަތީޖާ ނުފެނިދާނެއެވެ. އެހެންކަމުން، ނުސީދާ ގޮތަކުން އެފަދަ ފިކުރެއް ގެންގުޅޭތޯ ބެލުން ބުއްދިވެރިއެވެ.
"މި ދުނިޔޭގައި ދެން އެންމެ ދުވަހަކުވެސް ނުހުންނަ ވަރަށް ދަރިފުޅު އަމިއްލަ ނަފްސަށް ތަދު ކުރާ ހިތްވޭތޯ" ދަރިފުޅުން ކުރެން އެހިދާނެއެވެ. އަދި މިފަދަ ގޮތަކަށް ސުވާލު ކުރާއިރު އެދަރިފުޅު ކުށްވެރިކުރާ ފަދަ ރޫހެއްގައި ނުވަތަ އެފަދަ ކަމެއް އިހުސާސްވިޔަ ދޭ ފަދަ މޭރުމަކުން ވާހަކަ ނުދެއްކުމަށް ސަމާލުވާން ވާނެއެވެ.
މިގޮތަށް ސުވާލުކުރާއިރު، އެފަދަ ފިކުރެއް ހުރިހަމަ، ދެ މީހުން އެކުގައި މަސައްކަތްކޮށްގެން އެކަން ބަދަލުކުރުމުގެ ފުރުސަތު އޮތްކަންވެސް ދަރިފުޅަށް ހަނދާން ކޮށްދޭން ވާނެއެވެ.
3. "ނިދާ ގޮތަށް ހޭލަން ބޭނުން ނުވޭތަ"
ބައެއް ފަހަރު، އަމިއްލައަށް މަރުވުމުގެ ވިސްނުން ގެންގުޅޭ ކުދިންނަކީ އަމިއްލައަށް މަރުވުމުގެ ކަންކަން އެއީ ކިހާވަރެއްގެ ކަމެއް ކަމާ، އެއީ ކޮންފަދަ ކަމެއްކަން ނޭނގޭހާ ޅައުމުރުގެ ކުދިންނަށްވެސް ވެދާނެއެވެ. ދަރިފުޅަށް އިތުރު ނަފްސާނީ އަނިޔާއެއް ނުވަތަ ތަކުލީފެއް ކުރިމަތިނުކޮށް، އެހެންނަމަވެސް، ދަރިފުޅަކީ އަމިއްލައަށް މަރުވުމުގެ ފިކުރު ނުވަތަ އިތުރަށް މި ދުނިޔޭގައި ހުންނަން ބޭނުން ނުވާ ކުއްޖެއްތޯ ބެލުމަށް ސުވާލު ކުރުން އެންމެ ބުއްދިވެރި ގޮތަކީވެސް މިއީއެވެ.
ޔުނިވާސިޓީ އޮފް ސިންސިނޭޓީއިން ބުނާ ގޮތުގައި، ދަރިފުޅަކީ ނިދާ ގޮތަށް ހޭލަން ބޭނުން ނުވާ ކުއްޖެއް ކަމަށް ބުނެފިނަމަ އެކަން އޭނާ ކުރާނެ ގޮތެއް ވިސްނާފައި އޮތްތޯވެސް ބަލަންވާނެއެވެ. އަދި މިގޮތަށް ސުވާލު ކުރާއިރު، އެއްވެސް ކަހަލަ މިސާލެއް ދައްކައިގެން، ދަރިފުޅަށް އިތުރު ހިޔާލުތަކެއް ނުދޭން ސަމާލުކަން ދޭންވާނެއެވެ.
4. "އަމިއްލަ ނަފްސަށް އަމިއްލަ ނަފްސު ރައްކާތެރިތަ؟"
ދަރިފުޅަކީ އަބަދުވެސް ސަލާމަތްތެރިކަމާ ރައްކާތެރިކަމުގައި ހުރި ކުއްޖެއްކަން ކަށަވަރުކުރުމަކީ މައިންބަފައިންނާ ބެލެނިވެރިންގެ އެންމެ ބޮޑު ޒިންމާއެވެ. އެހެން މީހުންނާ ތަންތަންނާ، ތަކެތީގެ ކިބައިން އެދަރިފުޅު ސަލާމަތްކުރާއިރު، އަމިއްލަ ނަފްސަކީ އެ ދަރިފުޅަށް ރައްކާތެރި ހާލެއްތޯ ބަލަންވާނެއެވެ. މިފަދަ ސުވާލަކީ ޖޯކެއްހެން ހީވި ނަމަވެސް، މިއީ އެފަދަ ބިރުވެރިކަމެއްގައި ހުރި ކުއްޖަކު، އެ އިހުސާސް ބަޔާންކޮށްދޭން ހުޅުވާލެވޭ ދޮރަކަށްވެސް ވެދާނެއެވެ. އެހެން އެކަންވެއްޖެނަމަ، އެ ދޮރުން ވަދެ، ކުއްޖާއާއި ވާހަކަ ދައްކައިގެން ހައްލު ހޯދަން އެކުގައި މަސައްކަތްކުރާށެވެ.
މީގެ އިތުރުންވެސް އެއްވެސް ކަމަކާ ދަރިފުޅު ހުރީ އުއްމީދު ކަނޑަލައިގެންތޯ ދަރިފުޅު ކުރެން އަބަދުވެސް އަހަންވާނެއެވެ. އަދި އެފަދަ ކަމެއް އުޅޭނަމަ ހައްލު ހޯދިދާނެ ހުރިހާ ގޮތެއް ދަރިފުޅަށް ކިޔައިދޭންވާނެއެވެ. އެދަރިފުޅު ދެކެ އިންތިހާއަށް ލޯބިވާނެ ބަޔަކު އަބަދުވެސް ތިބޭނެ ކަން އެކުއްޖަކަށް އަންގައިދީ، އެ ދަރިފުޅަށްވެސް ހަމަޖެހުން ލިބޭ ސިއްހީ ތަޖުރިބާކާރެއްގެ އެހީ ހޯދަން މަސައްކަތް ކުރާށެވެ.
ދަރިފުޅުގެ ކިބައިން ނަފްސާނީ ބަލިމަޑުކަމެއްގެ ނިޝާނެއް ނުވަތަ ކުޑަ ނަމަވެސް އަލާމާތެއް ފެންނަން ނަމަ ވީ އެންމެ އަވަހަކަށް ސައިކްރޭޓްރިސްޓެއްގެ އިރުޝާދު ހޯދާށެވެ. އަދި އިސް ބަޔާންކޮށްފައިވާ ސުވާލުތައް ކޮށްގެން، އެފަދަ ހިޔާލެއް ދަރިފުޅަށް ދެވިދާނެ ކަމުގެ ބިރު ހީވާނަމަ އެ ސުވާލުތައް އަމިއްލައަށް ކުރަން ނުހަދާ، ކަމާބެހޭ ތަޖުރިބާކާރެއްގެ އެހީ ހޯދާށެވެ. ނަފްސާނީ ބަލިމަޑުކަމަކީ ވަކި އުމުރަކަށް އޮތް ކަމެއް ނޫންކަން އަބަދުވެސް ގަބޫލުކުރާށެވެ.