އިންޑިއާގެ މައި އިދިކޮޅު ޕާޓީގެ ގޮތުގައި އޮތް ކޮންގްރެސް ޕާޓީއަށް އަމާޒުކުރައްވާ، އެގައުމުގެ ބޮޑުވަޒީރު ނަރޭންދްރާ މޯދީ، ބަހުގެ ވަރުގަދަ ހަމަލާތަކެއް ދެއްވައިފިއެވެ.

ޕަރުތޫރުގައި ކުރިއަށްދިޔަ ރެލީއެއްގައި ކޮންގްރެސްއަށް ފާޑުވިދާޅުވެ ވާހަކަފުޅު ދައްކަވަމުން މޯދީ ވިދާޅުވީ، އައިލާ ކުރިއަށް ނެރުމުގެ ސަގާފަތުގެ ސަބަބުން ގައުމިއްޔަތުގެ ރޫހު ވަޅުޖެހިފައިވާ ކޮންގްރެސް ޕާޓީ މިވަގުތު އޮތީ މަރުގެ ތުންފަތްމަތީގައި ކަމަށެވެ.

ކޮންގްރެސް ޕާޓީއިން ދަނީ އެންމެ ފަހުގެ ނޭވާ ދޫކުރަމުން ކަމުގައި ސިފަކުރައްވާ ވާހަކަފުޅު ދައްކަވަމުން މޯދީ ވިދާޅުވީ، ހާންދާނީ ޝަހްސަށް ބަރޯސާވެ އެކަން ކުރިއަށް ނެރެން އުޅުމުގެ ތެރޭހައި، ކޮންގްރެސް ޕާޓީއަށް ގައުމިއްޔަތު ރޫހު ނުފެންނަ ކަމަށެވެ.

ކޮންގްރެސް ޕާޓީގެ ލީޑަރުންނަށް އެ ޕާޓީއިން "ގައުމިއްޔަތި" އުނގަންނައިދެމުންދާ ކަމުގެ ޚަބަރުތަކެއް އަޑުއައްސަވާފައިވާކަމަށް ވިދާޅުވެ ވާހަކަފުޅު ކުރިއަށް ގެންދަވަމުން މޯދީ ވިދާޅުވީ، މީގެ މާނައަކީ ގައުމިއްޔަތު ދަންނަ އެއްވެސް ލީޑަރަކު ނުވަތަ ގައުމު ދެކެ ލޯބިވާ އެއްވެސް ލީޑަރަކު މިވަގުތު ކޮންގްރެސް ޕާޓީގައި ތެރޭގައި ނެތްކަން ކަމުގައެވެ.

ރެލީގައި ވާހަކަފުޅު ދައްކަވަމުން މޯދީ ވަނީ، ޖައްމު އާއި ކަޝްމީރަށް މިނިވަންކަން ލިއްބައިދިން މާއްދާ 370 އިންޑިއާގެ ގާނޫނު އަސާސީއިން އުވާލުމަށް ވެރިކަން ކުރާ ބީޖޭޕީއިން އެޅި ފިޔަވާޅުވެސް ދިފާއު ކުރައްވާފައެވެ. އަދި މިކަމުގައި ކޮންގްރެސްއާއި ބީޖޭޕީގެ ރޫހަކީ އެކައްޗެއް ކަމުގައި ވިދާޅުވަމުން މޯދީ އިތުރަށް ވިދާޅުވީ، މިކަމުގައި މުޅި އެކަތި ގަނޑަކަށް ވުން މުހިންމު ކަމަށެވެ.

މިފަދަ މޭރުމަކުން މޯދީ ވާހަކަފުޅު ދައްކަވާފައިވާ މިދަނޑިވަޅަކީ ސިޔާސީ އެކި ކަންކަމުގައި ކޮންގްރެސްގެ އަޑު، އިންތިހާއަށް މަޑުވެ، ފަނޑުވެފައިވާ ދަނޑިވަޅެކެވެ.