"މޮޔަފުޅު ވެގެން ނުއުޅުވުމަށް" އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް، ތުރުކީވިލާތުގެ ރައީސް ރަޖަބު ތޮއްޔިބު އުރުދުޣާންއަށް ގޮވާލައްވައިފިއެވެ.

ސޫރިޔާގައި އޮތް ކުރުދީންގެ ބާރު ކަނޑުވާލުމުގެ ނަމުގައި ތުރުކީވިލާތުން ސޫރިޔާގެ އިރު އުތުރުގެ ސަރަހައްދުތަކަށް އަސްކަރީ ހަމަލާދޭން ފެށުމާއެކު ޓްރަމްޕް ފޮނުއްވާފައިވާ އާދަޔާ ހިލާފު ސިޓީފުޅުގައި، މި ހަމަލާތައް ހުއްޓާލެއްވުމަށް ޓްރަމްޕް ވަނީ ގޮވާލައްވާފައެވެ. ނޫންނަމަ އުރުދުޣާންއަކީ "ޝައިތާނެއް"ގެ ގޮތުގައި ތާރީހު ފޮތްތަކުގައި ލިޔެވިގެން ހިނގައިދާނެ ކަމުގެ އިންޒާރުވެސް ޓްރަމްޕް ވަނީ ދެއްވާފައެވެ. ރަނގަޅު ގޮތެއްގައި ތާރީހުގައި ނަން ލިޔެވިގެންދާނީ އެދެވޭ ކަންތައްތަކެއް ކުރެވިފައި ހުރެގެން ކަންވެސް ޓްރަމްޕް ވަނީ އުރުދުޣާންއަށް ހަނދުމަކޮށްދެއްވާފައެވެ.

ތުރުކީވިލާތުން ސޫރިޔާއަށް އިތުރަށް ވެރިވެ ގަނެ، އިތުރަށް ހަމަނުޖެހުންތައް ހިންގަމުންދާ ކަމުގައި ވަނީ ނަމަ ތުރުކީވިލާތުގެ އިގުތިސޯދު "ފުނޑާލައްވާނެ" ކަމުގެ އިންޒާރުވެސް ޓްރަމްޕް ވަނީ އުތުރުޣާންއަށް ދެއްވާފައެވެ.

ޑިޕްލޮމެޓިކް އިމުގެ ބަސްމަގުގެ ބޭރު ބަހުރުވައެއް ބޭނުންކުރައްވައިގެން ޓްރަމްޕްގެ ސިޓީފުޅު ފައްޓަވާފައިވަނީވެސް އުރުދުޣާންއަށް ވަރުގަދަ އިންޒާރުގެ މެސެޖެއް ދެއްވަމުންނެވެ. އެގޮތުން އެތައް ހާސް ބަޔަކު "ޤަތުލު" ކުރުމުގެ ޒިންމާއާއި، ތުރުކީވިލާތުގެ އިގުތިސޯދު "ފުނޑާލި" ކަމުގެ ޒިންމާ އުފުއްލަވަންޖެހިވަޑައިގަންނަވާ ފަރާތަކަށްވުމަށް ޚުދު އުރުދުޣާންވެސް ބޭނުންފުޅު ނުވާނެ ކަމަށް ޓްރަމްޕް ވަނީ ވިދާޅުވެފައެވެ.

އުރުދުޣާން ވިދާޅުވާ ގޮތުގައި ސޫރިޔާއަށް އެރުމުގެ ފުރުސަތު ތުރުކީވިލާތަށް ލިބުނީ، ސޫރިޔާގައި ސަލާމަތީ ކަންކަން ބެލެހެއްޓެމުގެ ނަމުގައި ހަރަކާތްތެރިވަމުންދިޔަ އެމެރިކާގެ އަސްކަރީ ފައުޖުތައް އެ ސަރަހައްދުން ފޭބުމުންނެވެ. އަދި ތުރުކީވިލާތުން ސޫރިޔާގައި ހިންގަމުންދާ އަސްކަރީ މިޝަންއަށް ހުއްޓުމެއް ނެތް ކަމަށްވެސް އުރުދުޣާންވަނީ އިޝާރާތް ކުރައްވާފައެވެ.

މިދިޔަ ބުދަ ދުވަހު ތުރުކީވިލާތުން ސޫރިޔާގައި އަސްކަރީ ހަރަކާތްތައް ފެށިފަހުން އާންމުންގެ ގިނަ އަދަދެއްގެ ބައެއްގެ ފުރާނަ ގެއްލިފައިވާއިރު، އެތައް ހާސް ބަޔަކު ވަނީ ގެދޮރު ގެއްލި ހާލުގައި ޖެހިފައެވެ.