ގައިން ގަަޔށް ނާރާ ބަލިތަކުން ސަލާމަތްވުމަށް ދުންފަތިުގެ އިސްތިއުމާލު ކުރުން ހުއްޓާލުމަކީ މުހިއްމު ކަމެއް ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.

ދ. އަތޮޅުގެ ސިއްހީ ހިދުމަތަށް 50 އަހަރު ފުރޭ ރަން ޔޫބީލް ފާހަގަ ކުރުމަށް ދ. އަތޮޅު ތައުލީމީ މަރުކަޒުގައި ރޭ ބޭއްވެވި ހާއްސަ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ދުންފަތުގެ އިސްތިއުމާލު ކުރުމަކީ ގައިން ގަޔަށް ނާރާ ބަލިތަކަށް މަގުފަހިކޮށްދޭ ނުރައްކާތެރި އާދައެއްކަން ކަމަށާއި، މިކަމުގެ ނުރައްކާ ނައްތާލަން އަތޮޅު ހޮސްޕިޓަލުތަކުން މުހިއްމު ދައުރެއް އަދާކުރެވޭނެ ކަމަށެވެ.

ވިލާތުގެ ޑޮކްޓަރީ ބޭސްވެރިކަން 1970 ގެ އަހަރުތަކުގެ ތެރޭގައި ރާއްޖެއަށް ތައާރަފުވި ހިސާބުން ފެށިގެން ފާއިތުވި އަހަރުތަކުގައި ސިއްހީ ދާއިރާއިން ބޮޑެތި ކުރިއެރުންތަކެއް ހޯދިއްޖެކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ، މީގެ ތެރެއިން އެންމެ ރަނގަޅު އެއް ބަދަލަކީ ގައިން ގަޔަށް އަރާ ބޮޑެތި ބަލިތައް ރާއްޖެއިން ނައްތައިލެވުން ކަމަށެވެ. އަދި، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ސިއްހީ މަރުކަޒުތަކާއި ހޮސްޕިޓަލުތައް ތަރައްގީ ކުރެވުން ކަމުގައެވެ.

"ދުންފަތުގެ އިސްތިއުމާލު ކުރުމަކީ، އަޅުގަނޑުމެންގެ އާންމު ސިއްހަތަށް ކުރިމަތިވެފައި އޮތް ވަރަށް ބޮޑު ގޮންޖެހުމެއް، އަދި ވަރަށް ބޮޑު ނުރައްކަލެއް. މި ނުރައްކާ ނައްތާލަން އަޅުގަނޑުމެން އެބަ ތެދުވަންޖެހޭ. އަޅުގަނޑު ހިތުން މިފަދަ ހޮސްޕިޓަލްތަކުން އެކަމުގައި ވަރަށް މުހިންމު ދައުރެއް އަދާކުރެވޭނެ،"
ރައީސް އިބްރާހިމް މުހައްމަދު ސޯލިހް

ސިއްހީ ދާއިރާގެ ތަފާސްހިސާބުތަކަށް ބަލާއިރު މިހާރު އެންމެ ގިނަ ދިވެހިން މަރުވަނީ ގައިން ގަޔަށް ނާރާ ބަލިތަކުގެ ސަބަބުން ކަން ފާހަގަކުރައްވާ، ރައީސް ވަނީ، ކެންސަރާއި، ހިތުގެ ބަލިތަކާއި، ސްޓްރޯކާއި، ފުއްޕާމޭގެ ބަލިތަކާއި، ކިޑްނީއާ ގުޅުން ހުރި ބަލިތައް ފަދަ ގައިން ގަޔަށް ނާރާ ބަލިތައް މަދު ކުރުމަށް ކުރަންޖެހިފައިވާ ބުރަ މަސައްކަތުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ. އަދި، މި ފަދަ ބަލިތަކާއި ދުންފަތުގެ އިސްތިއުމާލު ކުރުމާއި ދެމެދު އޮތް ގުޅުން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ދުންފަތުގެ އިސްތިއުމާލު ކުރުމުގެ ނުރައްކާތެރިކަމާއި، ގައިން ގަޔަށް ނާރާ ބަލިތަކުން ސަލާމަތްވާން އޮތް ހަމައެކަނި ފަރުވާއަކީ ބޭސް ކަމުގައި ދެކިގެން މި މައްސަލައަށް ހައްލެއް ނުލިބޭނެކަން ފާހަގަކުރައްވާ ރައީސް ވިދާޅުވިއެވެ. އަދި އެކަން ހާސިލްކުރެވޭނީ، ރަށު ފެންވަރާއި، އަތޮޅު ފެންވަރާއި، އަދި ގައުމީ ފެންވަރުގައި މިކަމަށް މަސައްކަތް ކޮށްގެން ކަމަށާއި، މުޅި މުޖުތަމައު އެކުގައި ތެދުވެގެން ކަމަށް ރައީސް ވިދާޅުވިއެވެ.

"އެކަމަށް އޮތް އެންމެ ރަނގަޅު ފަރުވާއަކީ، އާންމު ސިއްހީ ނިޒާމު ވަރުގަދަ ކުރުން. ދިރިއުޅުމުގެ އާދަތަކާއި ކެއުންބުއިމުގައި ސިއްހީ މިންގަނޑަށް އިސްކަން ދިނުން. ބަލިތަކުން ރައްކާތެރިވުމަކީ ފަރުދީ ޒިންމާއެއް ކަމަށް ގަބޫލުކޮށް، އެކަމަށް މަސައްކަތް ކުރުން. އާންމު ސިއްހަތުގެ ނިޒާމު ވަރުގަދަ ކުރުމުގެ އެންމެ ބޮޑު ބޭނުމަކީ، މުޖްތަމައުގެ ފަރުދުންނާއި އާއިލާތަކުގެ ސިއްހަތު ސަލާމަތްކޮށްދީ، ދުޅަހެޔޮކަން އިތުރުކުރުން."
ރައީސް އިބްރާހިމް މުހައްމަދު ސޯލިހް

ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގާއިމްކޮށްފައިވާ އަތޮޅު ހޮސްޕިޓަލުތަކަށް 50 އަހަރު ފުރިގެން ރަން ޔޫބީލް ފާހަގަކުރަމުންދާއިރު، އެކަށީގެންވާ ފެންވަރެއްގައި ސިއްހީ ހިދުމަތް ފޯރުކޮށްދިނުމުގައި އަދިވެސް ގިނަ ދަތިތަކެއް އެބަހުރިކަން ފާހަގަކުރައްވާ ރައީސްވަނީ ކުރިއަށް އޮތް ދުވަސްތަކަކީ ދ. އަތޮޅު ހޮސްޕިޓަލުގެ ހިދުމަތްތަކަށް ހެޔޮ ބަދަލުތަކެއް އަންނާނެ ދުވަސްތަކެއް ކަމުގެ އުފާވެރި ހަބަރު ހިއްސާ ކުރައްވާފައެވެ. އެގޮތުން، ދ. އަތޮޅު ހޮސްޕިޓަލުގެ އައު އިމާރާތުގެ މަޝްރޫއަށް ބޭނުންވާ ފައިސާ ހަމަޖެހި ބަޖެޓު ކުރެވިފައިވާ ކަމަށާއި، ރޭވިފައިވާ ގޮތަށް މި މަޝްރޫއުގެ އަމަލީ މަސައްކަތް ފެށިގެންދާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މީގެ އިތުރުންވެސް، ސިއްހީ ހިދުމަތް ފޯރުކޮށްދިނުމުގައި ދ. އަތޮޅަށް އޮތް ގޮންޖެހުންތަކުގެ މައްޗަށް އެމަނިކުފާނުގެ ވާހަކަފުޅުގައި އަލިއަޅުއްވާލެއްވިއެވެ. މިގޮތުން، ކުޑަހުވަދޫގައި އެއާޕޯޓެއް އޮވެ، ކުއްލި ހާލަތްތަކުގައި ވައިގެ މަގުން ބަލި މީހުން މާލެއަށް ފޮނުވޭނެ ފަސޭހަ އިންތިޒާމެއް ނެތްކަން ފާހަގަކުރައްވާ، އެކަމަށް އަވަސް ހައްލެއް ހޯއްދަވައިދެއްވަން މަސައްކަތްޕުޅު ކުރައްވާނެ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

ކުޑަހުވަދޫއަކީ ތަރައްގީގެ މަޝްރޫއުތައް ހިންގުމަށް "ފައްކާވެފައި އޮތް ރަށެއް" ކަން ފާހަގަކުރައްވާ ރައީސްވަނީ ކުޑަހުވަދޫގެ ތަރައްގީއަށް ރޭވިފައިހުރި ބައެއް މަޝްރޫއުތަކުގެ މައުލޫމާތުވެސް ހިއްސާ ކުރައްވާފައެވެ. މިގޮތުން ކުޑަހުވަދޫ ސްކޫލަށް ބޭނުންވާ އިތުރު ވަސީލަތްތައް ހޯދުމާއި، އިތުރު މަގުތައް ރަނގަޅު ފެންވަރަކަށް ތަރައްގީ ކުރުމާއި، ފެރީ ޓަރމިނަލެއް ބިނާކުރުމާއި، އިތުރު ހައުސިންގ ޔުނިޓުތަކާއި މަސް މާރުކޭޓެއް ބިނާކުރުމާއި، ޒުވާނުންނާ އަދި ކުޅިވަރާއި ގުޅުންހުރި ހިދުމަތްތަކުގެ ފެންވަރު މަތިކުރުމަށް ހިންގާ މަޝްރޫއު ފަދަ މަޝްރޫއުތަކުގެ މައްޗަށް އެމަނިކުފާނުގެ ވާހަކަފުޅުގައި އަލިއަޅުއްވާލެއްވިއެވެ.

މި ރަސްމިއްޔާތުގައި ރައީސްވަނީ، ދ. އަތޮޅުގެ ސިއްހީ ހިދުމަތުގައި 25 އަހަރު ހިދުމަތް ކޮށްފައިވާ 12 ފަރާތަކަށް އެކަމުގެ ހަނދާނީ ފިލާ ހަވާލު ކޮށްދެއްވާފައެވެ. މީގެ އިތުރުން، 2018 ވަނަ އަހަރު ދ. އަތޮޅުގެ "ބެސްޓް ހެލްތް ސެންޓަރ" އަދި 2018 ވަނަ އަހަރު ދ. އަތޮޅު ހޮސްޕިޓަލުގެ އެންމެ ރަނގަޅު މުވައްޒަފަށް ހަނދާނީ ފިލާ ދެއްވުމާއި، "ދ. ކުޑަހުވަދޫ ކޮންމެ ގެއަކަށް ފުރަތަމަ އެހީދޭނެ މީހެއް،" ޕްރޮގްރާމްގެ ދަށުން ގްރޭޓަރ މާލެ އިންޑަސްޓްރިއަލް ޒޯން ލިމިޓެޑުގެ ފަރާތުން ކުޑަހުވަދޫގެ ކޮންމެ ގެއަކަށް ފަސްޓް އެއިޑް ކިޓެއް ހަވާލުކުރުން ވެސް މި ރަސްމިއްޔާތުގައި އޮތެވެ.

ދ. އަތޮޅުގައި ސިއްހީ މަރުކަޒެއްގެ ހިދުމަތް ފެށިގެން ދިޔައީ 21 ޖުލައި 1969 ގައެވެ. އެއީ، މީގެ 50 އަހަރު ކުރީން ރާއްޖޭގައި ހަތަރުވަނައަށް ބިނާކުރި ސިއްހީ މަރުކަޒެވެ.