އެޖެންޑާ 19 ގެ ދިދަ ހިއްޕަވައިގެން ތިއްބަވާ ބޭފުޅުންނަށް ޖުޑިޝަރީއާ ކުޅޭކަށް ފުރުސަތެއް ނުދެއްވާނެ ކަމަށް އިދިކޮޅު ޕީއެންސީގެ ނައިބު ރައީސް އަދި މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.
އިދިކޮޅު ކޮންގްރެސް ކޯލިޝަނުން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަަކަ ދައްކަވަމުން ސައީދު ވިދާޅުވީ، ލާދީނީ ކަންކަން ހާސިލް ކުރުމަށްޓަކައި، އަނެއްކާވެސް ޖުޑިޝަރީގައި ތިއްބެވި، އިސްލާމް ދީނުގެ ޝަރީއަތް ހިނގާގޮތް ދަންނަ ބޭފުޅުން ވަކިކޮށް އެމްޑީޕީން ބޭނުންވާ ބަޔަކު ލާން އުޅޭ ކަމަށެވެ. އެދި އެކަން އެގޮތަށް ކުރަނީ އެޖެންޑާ 19 ގެ ބޭފުޅުން ހާސިލުކުރަން ބޭނުންފުޅުވާ ނަތީޖާއެއް ހާސިލު ކުރެއްވުމަށް ކަމަށާއި، އެފުރުސަތު ނުދެއްވާނެ ކަމަށެވެ.
މިހާރު ގައުމުގައި ހިނގާ ކަންތައްތަކާ މެދު ކަންބޮޑުވުން ފާޅުކުރައްވަމުން އޭނާ ވިދާޅުވީ، ދިވެހިރާއްޖޭގެ ކަންކަން ހަމައިން ނެއްޓިގެން ދާއިރު ބަލަން ނުތިއްބެވޭނެ ކަމަށެވެ. 2013 އިން 2018 އަށް ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ޖުޑީޝަރީއަކީ މިނިވަން މުސްތަގިއްލު ބާރެއްގެ ގޮތުގައި އޮތް ތަނެއް ކަމަށް ވިދާޅުވަމުން އޭނާ ވިދާޅުވީ ޖުޑިޝަރީގެ ކޮންމެ ނިންމުމަކަށް ޕީޕީއެމުން ދަނީ އަބަދުވެސް އިހްތިރާމް ކުރަމުން ކަމަށެވެ. އަދި ޕީޕީއެމް ސަރުކާރު އޮތް އިރުވެސް އަދި ސަރުކާރުން ބޭރުގައިވެސް ޖުޑިޝަރީގެ ކަންކަމާ ޕީޕީއެމުން ނުބެހޭ ކަމަށް އޭނާ ވިދާޅުވިއެވެ. ނަމަވެސް އެމްޑީޕީއަށް ވެރިކަން ލިބޭ ކޮންމެ ފަހަރަކު މި "ނާތަހުޒީބު" އަމަލު ރައްޔިތުންނަށް ފެންނަމުން ދާ ކަަމަށް ސައީދު ވިދާޅުވިއެވެ.
ސައީދު ވިދާޅުވީ، މި ސަގާފަތަކީ ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ކުރިއަށް ނެރުއްވައިގެން ކުރިއަށް ގެންދަވާ ކަމެއް ކަމަށެވެ. ދިވެހިރާއްޖޭގެ ވެރިކަމަށް ބަޔަކު އަންނަނީ މިފަދައިން ކަން ކުރުމަށް ނޫން ކަމަށްވެސް ސައީދު ވިދާޅުވިއެވެ.
މީގެއިތުރުން އޭނާ ވިދާޅުވީ، އިސްލާމް ދީނަށާއި ކީރިތި ރަސޫލާއަށް ފުރައްސާރަ ކުރުމުގެ ވަަރަށް ބޮޑު މަސައްކަތްތަކެއް ދައުލަތުގެ ތެރެއިން ފެނިފައިވާ ކަމަށެވެ. އެގޮތުން އެމްޑީއެން އުވާލުމުގެ އެއްވެސް ކަމެއް ނުކޮށް ފިޔަވަޅު އަޅާނަމޭ ބުނަމުން ކުރިއަށް ދާތަން ފެނިވަޑައިގަންނަވާ ކަމަށާއި މި ދައުލަތް ވެއްޓިގެން ދާ "އަނދިރި ފުން ވަޅުގަނޑު" ފެނިވަޑައިގަންނަވާ ކަމަށް އޭނާ ވިދާޅުވިއެވެ.
އެޖެންޑާ 19 ގެ ދިދަ ހިއްޕަވައިގެން ސިޔާސީ މަގްސަދުތައް ހާސިލް ކުރުމަށްޓަކައި ޖުޑިޝަރީގެ ބޭނުން ހިއްޕެވުން ވަގުތުން ހުއްޓާލެއްވުމަށް އޭނާ ވަނީ ގޮވާލައިފައެވެ. އަދި އެ ކަން ހަރުކަށި އިބާރާތުން އޭނާ ވަނީ ކުށްވެރިކުރައްވައިފައެވެ.
އިދިކޮޅު ކޯލިޝަނުން މިރޭ ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވާފައި ވާއިރު މިރޭ ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ވަނީ ހަގީގަތް އޮޅޭގޮތަށް ބަޔާނެއް ނެރުއްވާފައި ވާތީ، އުއްތަމަ ފަނޑިޔާރު ޑރ. އަހްމަދު އަބްދުﷲ ދީދީގެ ސުލޫކީ މައްސަލައެއް ބަލަން ނިންމާފައެވެ.