ހުޅުދެލި ކައިރިން މަސްކިރޭނެ ގޮތް ހަމަަޖައްސައި ދެއްވާނަން ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.
ދ. ހުޅުދެލީގެ ރައްޔިތުންނާ މުހާތަބު ކުރައްވައި ރައީސް ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ، ރަށުގެ މަސްވެރިންގެ އެދިފައިވާ ގޮތަށް ރަށާ ކައިރިން މަސްކިރޭނެ އިންތިޒާމެއް މިފްކޯއާ ވާހަކަ ދައްކައިގެން ހަމަޖައްސަވައި ދެއްވާނެ ކަމަށެވެ.
މަހަށް ރަނގަޅު އަގު ހޯދައި ދިނުމަކީ ސަރުކާރުގެ ވައުދެއްކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ، މިހާރު އިންޑިޔާ ކަނޑުގައި ދާ އަޅައިގެން މަސްވެރިކަން ކުރުން ކޮންޓްރޯލް ކުރެވިފައިވާތީ ރާއްޖޭގެ މަސްވެރިކަން ރަނގަޅުވުމުގެ ފުރުސަތު އޮތްކަމަށެވެ. މީގެ އިތުރުން މަސްގަނެވޭ މިންވަރު އިތުރުކޮށް އެ ސިނާއަތް ތަރައްގީ ކުރުމަށް ސަރުކާރުން ކުރަމުން ގެންދާ މަސައްކަތްތަކުގެ ދަށުން ފެލިވަރާ ކޫއްޑޫގެ ކެޕޭސިޓީ އިތުރުކުމުގެ މަސައްކަތް ކުރަމުން ގެންދަވާ ކަންވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ރައީސް ވިދާޅުވީ، ގައުމުގެ ވެރިޔަކަށް ހުންނަ މީހަކު ރަށްރަށަށް އައިސް ރައްޔިތުންނާ ބައްދަލުކޮށް ރައްޔިތުން ބޭނުންވެފައި ހުންނަ ކަންކަން ދެނެގަތުމަކީ ކުރަންޖެހޭ ކަމެއް ކަމަށާއި އެމަނިކުފާނު ކުރައްވަމުން ގެންދަވަނީ އެ މަސައްކަތްޕުޅު ކަމަށެވެ. ހުޅުދެއްޔަށްވެސް އަސާސީ ބައެއް ހިދުމަތްތައް ނުލިބި ހުރިކަން ފާހަގަކުރައްވައި ރައީސް ވަނީ ހުޅުދެލީ ބަނދަރު ބޮޑުކުރުމުގެ މަސައްކަތް މިހާރު ގޮސްފައިވާ ހިސާބު ހާމަކޮށްދެއްވާފައެވެ.
އެ މަޝްރޫއު ބީލަމަށް ހުޅުވާލައި މިހާރު ކުރިއަށް ދަނީ ބީލަން ދިރާސާ ކުރުމުގެ މަސައްކަތް ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.