އިސްލާމް ދީނުގެ ނަމުގައި ފިތުނަ ފަސާދަ އުފެއްދުމަށް ޖާގަ ނުދެއްވާނެ ކަމުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.

ދ. ހުޅުދެލީގެ ރައްޔިތުންނާ މުހާތަބު ކުރައްވައި ރައީސް ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ، ރާއްޖޭގައި އޮންނާނީ އިސްލާމްދީން ކަމަށާއި ދީނަށް ގޮންޖަހައި، ބަދުބަސްބުނެ، ކީރިތި ރަސޫލުއަށް މަލާމާތް ކުރުމަށް ސަރުކާރުން ފުރުސަތު ނުދެއްވާނެ ކަމަށާ އަދި އިސްލާމް ދީނުގެ ނަމުގައި ފިތުނަފަސާދަ އުފެއްދުމަށް ވެސް ޖާގަ ނުދެއްވާނެ ކަމަށެވެ.

އެންޓިޓެރަރިޒަމްގެ ގާނޫނަށް ގެންނެވި އިސްލާހުގެ މައްޗަށް އަލިއަޅުއްވާލައްވަމުން އެމަނިކުފާނު ވިދާޅުވީ މި އިސްލާހު ގެނައުމުގެ ބޭނުމަކީ ރާއްޖޭގައި އޮތް ހިޔާލުފާޅުކުރުމުގެ މިނިވަންކަން ނަގާލުން ނޫން ކަމަށެވެ. ގާނޫނުއަސާސީން ލިބިދީފައިވާ އެއްވެސް މިނިވަން ކަމަކަށް ސަރުކާރުން ހުރަސް ނާޅާނެ ކަމަށާއި ނަމަވެސް ހަމަނުޖެހުމަށް ގޮވާލައި ގޮވާލުންތަކަށް ސަރުކާރުން ފުރުސްތު ނުދެއްވާނެ ކަމުގައި ރައީސް ވިދާޅުވިއެވެ.

ތަރައްގީއަށްޓަކައި އެންމެ މުހިންމު ކަމަކީ ރާއްޖޭގައި ހަމަޖެހުން ގާއިމުވެފައި އޮތުންކަން ފާހަގަކުރެއްވައި ރައީސް ވިދާޅުވީ، ހަމަޖެހުން ނެތްތަނެއްގައި އިގްތިސޯދު ކުރިނާރާނެ ކަމަށާއި، ސަރުކާރުގެ އެންމެ އިސް ވާޖިބެއްކަމުގައި ދެކެވަޑައިގަންނަވަނީ ރާއްޖޭގައި ހަމަޖެހުން ގާއިމު ކުރެއްވުން ކަމަށެވެ.

މީގެ އިތުރުން ރައީސް ވިދާޅުވީ، ރާއްޖޭގެ އެއްވެސް މީހަކު ސީރިއާ ނުވަތަ އަފްޣާނިސްތާނު ފަދަ ގައުމަކަށް ގޮސް އެތަންތަނުގައި ކުރާ ހަނގުރާމަ ތަކުގައި ބައިވެރިވާން ނުޖެހޭނެ ކަމަށެވެ. އެތަންތަނުގައި ހިނގާ ހަނގުރާމަތަކަކީ ދުނިޔެވެސް ބަލައިނުގަންނަ ޓެރަރިޒަމްގެ ހަނގުރާމަތަކެއް ކަމަށާއި އަދި އެތަންތަނަށްގޮސް އެ ހަނގުރާމަތަކުގައި ދިވެހިން ބައިވެރިވިޔަ ނުދިނުމަށް ކުރައްވަން ޖެހިވަޑައިގަންނަވާ ހުރިހާ ކަމެއް ސަރުކާރުން ކުރައްވާނެކަމުގައި ރައީސް ވިދާޅުވިއެވެ.

މީގެ އިތުން މިކަންކަމަށް ހިތްވަރުދީ، ބާރުދޭ ފަރާތްތައް ހޯއްދަވައި އެފަރާތްތައް ހުއްޓުވާނެ ކަމަށާއި އެއީ ރާއްޖޭގެ ސުލްހައާ އަމާންކަމަށްޓަކައި އެއިރަކު އޮންނަ ސަރުކާރަކުން ކުރަންޖެހޭ ކަމެއްކަންވެސް ރައީސް ފާހަގަކުރެއްވިއެވެ.

ރައީސް މިފަދައިން ވާހަކަ ދައްކަވާފައިވާއިރު އިއްޔެ އެމްޑީއެންގެ މައްސަލައިގައި މޯލްޑިވްސް ނެޝަނަލް ޔުނިވާސިޓީ (އެމްއެންޔޫ) ގެ ލެކްޗަރާއިންނަށް އެ ޖަމިއްޔާއާ ގުޅިގެން ސޯޝަލް މީޑިއާގައި ހިޔާލުފާޅު ނުކުރުމަށް އަންގާފައި ވެއެވެ.

އެމްއެންޔޫގެ ޗާންސެލާ ޑރ. ހަސަން ހަމީދު މުވައްޒަފުންނަށް ފޮނުއްވި އެންގުމެއް ގައި ވަނީ، އެމްޑީޢެންގެ މައްސަލައިގައި އެމްއެންޔޫގެ ބައެއް ލެކްޗަރާ އިން، ރައްޔިތުންގެ މެދުގައި ބައިބައިވުން އުފެދި، މުޖްތަމައު ހަލަބޮލި ވެދާނޭ ފަދަ ގޮތްގޮތަށް ސޯޝަލް މީޑިއާގައި ތަފާތު އެކި ހިޔާލު ފާޅުކުރަމުން ދާކަން ސަރުކާރުން ފާހަގަކޮށްފައިވާ ކަމަށެވެ. އަދި އެ ކަމުގެ ޝަކުވާ ރައްޔިތުންގެ ފަރާތުން، ސަރުކާރަށް ލިބެމުން ދާކަމަށެވެ. މީގެއިތުރުން، އެފަދަ ވާހަކަތައް ސޯޝަލް މީޑިއާއާ އެނޫންވެސް ވަސީލަތެއް މެދުވެރިކޮށް ފެތުރުން ހުއްޓުވުމަށްޓަކައި އަޅަންޖެހޭ އެންމެހައި ފިޔަވަޅުތައް އެޅުމަށް ސަރުކާރުން ޔުނިވާސިޓީގައި އެދިފައިވާ ކަމަށް އެ އެންގުމުގައި ބުނެފައި ވެއެވެ.