ފެންނަ މަންޒަރަކުން، އިވޭ އަޑަކުން ނުވަތަ އެނޫންވެސް އެފަދަ އިހުސާސަކާއެކު ބައެއް ފަހަރު ހަށިގަނޑަށް އަންނަ އެއް ބަދަލަކީ މުޅި ގައިން ހީބިހި ނަގައިގެން ދިއުމެވެ. ބިރުވެރި ނުވަތަ ފަކުރު މަންޒަރެއް ފޯނަކުން ފެނުމުން ގައިން ހީބި ނަގާ މީހުން އުޅެއެވެ. މޫދުން އަރައިގެން އަންނަނިކޮށް އާދަޔާ ހިލާފަށް ފިނި ރޯޅިއެއް ޖެހުމުން ގައިން ހީބިހި ނަގާ މީހުން އުޅެއެވެ. މިހާ ތަފާތު އިހުސާސެއް ކުރެވޭ، ތަފާތު ދެ ހާލަތެއްގައިވެސް ގައިން ހީބިހި ނަގަނީ ކީއްވެތޯ ސުވާލު އުފެދޭ ހެއްޔެވެ. ކުރު ޖަވާބަކަށްވާނީ "ނަފްސާނީ ޖަޒުބާތު" މި 2 ލަފުޒެވެ.

ހީބިއްސަކީ ކޮބާ؟

ހީބިހި ނެގުމޭ ބުނެވޭ ކުރެވޭ އިހުސާސަކައެކު ގައިގެ ހަމުގައިވާ ލޯލިތަކާ އިސްތަށިތައް، ކުދި ބިހިތަކެއް ޒާތުގެ މުލަކާއެކު ކޮޅަށްޖެހިގެންދާޖެހުމަށެވެ. އިނގިރޭސި ބަހުން މިއަށް ކިއާ އުޅެނީ ގޫސްބަމްޕްސްއެވެ. ޓާކީބަމްޕްސް ނުވަތަ ޑަކްބަމްޕްސްއޭ ކިޔާ ބަޔަކުވެސް އުޅެއެވެ.

ހީބިހި ނަގަނީ ކީއްވެ؟

ހީބިހި ނަގަނީ ހަމުގައިވާ އިސްތަށިތަކާ ގުޅިފައިވާ ކުދި މަސްތަކަށް އަރާ ވާނެއްގެ ސަބަބުންނެވެ. މި ކުދި މަސްކޮޅުތައް ވާންވެ، އެތެރެއަށް ހިފާލާ ވަގުތު ވަށައިގެން ހުންނަ ކުދި، އެހެން މަސްތައް ބޭރަށް ނުވަތަ މައްޗަށް އުފުލިފައި ހުންނަ ގޮތް ދައްކައެވެ. ހީބިއްސަށް ހީބިހި ކިއަނީވެސް މި ސަބަބާ ހެދިއެވެ. އާދަޔާ ހިލާފަށް ފިނިވެ ހީކުރެވުމުންވެސް ވަނީ ހަމަ މިހެނެވެ.

ހީބިހި ނަގަނީ އަމިއްލަ އިހުތިޔާރުން ބޭރުން ހަށިގަނޑު ތެރެއަށް، ސްޓްރެސް ހޯމޯންއެއް ކަމަށްވާ އެޑްރެނަލީން ދޫވުމުންނެވެ. އެޑްރެނަލީންއަކީ ކިޑްނީގެ މަތީގައި އިންނަ ބީން އެއް ކަހަލަ 2 ގްލޭންޑްއިންނެވެ. މި ހޯމޯން ބޭރުވުމުން ހަމުގެ މަސްތައް ބާރުވަނީ އެކަންޏެއް ނޫނެވެ. ހަށިގަނޑުގެ އެހެންކަންކަމަށް އެ ހޯމޯންގެ ބާރު ފޯރުވައެވެ.

އިހުސާސްތަކާ ޖަޒުބާތުތަކާ ކުޅެލާ ހަމަ ކޮންމެ ފަދަ ގަޑިއެއްގައިވެސް ގައިން ހީބިހި ނަގާފާނެއެވެ. ހަގީގީ ބިރުވެރިކަމަކާ ކުރިމަތިލާން ނުޖެހުނެއްކަމަކު، ބިރުވެރި މަންޒަރުތައް ބަލާނަމަވެސް ހީބިހި ނަގާ ގޮތްވެއެވެ. ހަމަ އެހެންމެ، މާޒީގައި ހިނގާފައިވާ ބިރުވެރި ނުވަތަ އެފަދަ ޖަޒުބާތީ ކަމެއް ހަނދާންވުމުންވެސް ހަމަ އިހުނެކޭ އެއްވަރަށް ހީބިހި ނަގާ ގޮތްވެއެވެ.

އިންސާނުންގެ ތޮބިއްޔަތު ހުންނަ ގޮތުން އެޑްރެނަލީން ހޯމޯން ބޭރުވާ ހާލަތްތަކެއް ހުރެއެވެ. އޭގެ ތެރޭގައި ފިނިވުން، ބިރުގަތުން، ޖަޒުބާތީ ވުމާ ސްޓްރެސްވުން ފަދަ ހާލަތްތައް ހިމެނެއެވެ. އެޑްރެނަލީން ބޭރުވެގެންދާ ވަގުތު ކަރުނަ ހިލުމާ، އަތުން ދާ ހިއްލުމާ، ހިތް އަވަސްވުމާ، އަތް ތުރުތުރު އެޅުމާ، ލޭގެ ޕްރެޝަރު މައްޗަށް ދިއުމުގެ އިތުރުން ބަނޑުތެރޭގައި ކޮކާފިޔަޖަހާ އުދުހޭ ކަހަލަ އިހުސާސްތައްވެސް ކުރުވައެވެ.