ޕޮލީސިސްޓިކް އޯވަރީ ސިންޑްރޯމް (ޕީކޯސް)އަކީ މި ކުޑަކުޑަ ދިވެހިރާއްޖޭގައިވެސް ގިނަ އަންހެނުންތަކަކަށް ކުރިމަތިލާންޖެހިފައިވާ ވޭން ހުރި ތަކުލީފެކެވެ. ޕީކޯސްއާއިއެކު ހޯމޯންތައް އޭގެ ބެލެންސްއިން ނައްޓައެވެ. މިއާއެކު ގަވައިދުން މައްސަރު ކަންތައް ޖެހުން ހުއްޓި، އޯވަރީގައި ކުދިކުދި ސިސްޓް އަށަގަންނައެވެ. ހަމަ މިއާއެކު އިންސިއުލާންއާއި ހަށިގަނޑުން ހަނގުރާމަ ފަށާ، ބަރުދަން ލުއިކުރުމަކީ އެންމެ ބޮޑު ގޮންޖެހުންކަމުގައިވެދެއެވެ. ޕީކޯސްގެ ތަކުލީފު އުފުލާ މީހެއް ނަމަ، ހަށިގަނޑުން ކިތަންމެ ކުޑަ މިންވަރެއްވެސް ހިއްކާލެވެން އަންނަނީ އިސްވެ މިދެންނެވި ހުރިހާ ކަމެއް ހަމައަކަށް އެޅި، މުޅި މީހާގެ ސިއްހަތު ހެޔޮ ހާލުގައި ހުރެގެންނެވެ. ނަމަވެސް، މިއީ ނުކުރެވޭނެ ކަމެއް ނޫނެވެ. ދިރިއުޅުމަށް ގެންނަ ކުދިކުދި ބަދަލުތަކާއެކު، ހަށިގަނޑުން އެނަތީޖާތައް ފެނުމުގެ ފުރުސަތު އެބައޮތެވެ.

ޕީކޯސްއާއިއެކު ފަލަވެ، ބަރުވަނީ ކީއްވެ؟

ސަރީހަ އިބާރަތަކުން ދަންނަވަނީނަމަ ޕީކޯސް ހުންނަ މީހުންނަކީ އެމީހުންގެ ހަށިގަނޑުގައި "ފިރިހެން" ހޯމޯންސް ގިނަ މީހުންނެވެ. މިފަދަ އަންހެނުންގެ ހަށިގަނޑުން އިންސިއުލިންއާއި ހަނގުރާމަކޮށް، އާދަޔާ ހިލާފަށް ހަށިގަނޑުފަލަވެ "އޮބީޒް"އޭ ކިޔާ ދަރަޖައަށް ގިނަ ބަޔަކު ބަރުވެގެންދެއެވެ. މިއާއެކު ހާޓް އެޓޭކް ނުރައްކާ އިތުރުވެއެވެ. އަދި ހަމަ ނިދި ނުލިބުމާ މިނޫންވެސް އިތުރު އެތައް ތަކުލީފެއް އުފުލަންޖެހެއެވެ.

ކާބް މަދު ކުރުން

ޕީކޯސްއާއި ހަނގުރާމަކުރަމުން، އާދަޔާ ހިލާފަށް ފަލަވަމުންދާ ހަށިގަނޑު ކޮންޓްރޯލް ކުރުމަށް އަޅަންވީ ފުރަތަމަ ފިޔަވަޅަކީ ކާބޯހައިޑްރޭޓްސް ބޭނުންކުރާ މިންވަރު މަދުކުރުމެވެ. ކާބޯހައިޑްޓްރޭޓްސްއަކީ ހަށިގަނޑުގައި އިންސިއުލިން އެކުލެވޭ މިންވަރާ ކުޅެލާ މާއްދާއެއް ކަމުން، ކާބު މަދުކުރުމުން މިކަމަށް ކޮންމެވެސް ވަރެއްގެ ލުޔެއް ލިބިގެންދާނެއެވެ.

ފައިބާ ގިނަ ކުރުން

ފައިބާއަކީ ގިނަ ވަގުތު ބަނޑު ފުރިފައި ހުންނަ އިހުސާސްކޮށްދޭ މާއްދާއެކެވެ. މިއާއެކު އިރުއިރުކޮޅާ ކޮންމެވެސް ކޫސަނި އެއްޗެއް ކާހިތްވެގެން އުޅުމުގެ ނުރަނގަޅު އާދަ ކަނޑުވާލައެވެ. މީގެ އިތުރުން އިންސިއުލިންއާ ކުރާ ހަނގުރާމައަށް ހިސާބެއްގެ ލުއިކަމެއްވެސް ހޯދާދެއެވެ. އަދި ހަށިގަނޑުގައި ސަރުބީ އެކުލެވޭ މިންވަރު ދަށްކޮށްދިނުމަށް އެހީވެއެވެ. ހަމައެހެންމެ، ބަނޑުގައި ޖަހާފައި ހުރި ސަރުބީގެ މަސްތައް ވިރުވާލަންވެސް އެހީތެރިވެއެވެ.

ޕްރޮޓީންއާއި ރަނގަޅު ސަރުބީ ބޭނުން ކުރުން

ޕްރޮޓީންސްއަކީވެސް ބަނޑުފުރިފައި ހުންނަ އިހުސާސްކޮށްދޭ މާއްދާއެކެވެ. ހަމަ އެހެންމެ، ލޭގައި ގްލޫކޯޒް އެކުލެވޭ މިންވަރު އެއް ހަމައެއްގައި ހިފަހެއްޓުމަށްވެސް ޕްރޮޓީންސް އެހީތެރިވެދެއެވެ. މީގެ އިތުރުން ހަށިގަނޑުން ބަރުދަން ލުއިކޮށް، ގިނައިން ކެލަރީޒް އަންދާލުމަށްވެސް އެހީތެރިވެދެއެވެ. ޕްރޮޓީންސްއެކޭ އެއްފަދައިން، ފައިދާނިކުރަނިވި ސަރުބީ ބޭނުންކުރުމަކީވެސް ހަށިގަނޑުގެ ބަރުދަން ލުއި ކުރުމަސާ، ބަނޑުގެ ސަރުބީތައް ވިރުވާލަން އެހީތެރިވެދޭނެ ކަމެކެވެ.

ޕޮލީސިސްޓިކް އޯވަރީ ސިންޑްރޯމް (ޕީކޯސް) ރަމްޒުކޮށްދިނުމަށް ބޭނުންކޮށްފައިވާ ތަސްވީރެއް/ފޮޓޯ: ޓައިމްސް ނައު

ތައްޔާރީ ކާނާއާއި ލުއިކާނާ މަދު ކުރުން

ތައްޔާރީ ކާނާއާއި ލުއިކާނާގެ ބާވަތްތަކާ މުޅިން ދުރުވުމަކީ ޕީކޯސްއާއިއެކުވެސް ބަރުދަން ލުއިކުރުމަށް އޮތް އެންމެ ފަސޭހަ އެއް މަގެވެ. މާ ގިނައިން ތައްޔާރީ ކާނާއާއި ލުއިކާނާ ބޭނުންކުރާނަމަ ލޭގެ ހަކުރު މައްޗަށް ގޮސް، އިންސިއުލިން ހަނގުރާމަ ގަދަވެ، ބަރުދަން އިތުރުވާ ހާލަތަށް ދެއެވެ. ޕީކޯސްގެ ޝިކާރައަކަށްވުމަށްފަހު، ހަށިގަނޑަށް އެތެރެވާ ހަކުރުގެ މާއްދާ ޕްރޮސެސްވެގެންދަނީ ތަފާތު ގޮތަކަށް ކަން ހަނދާން ބަހައްޓަންޖެހެއެވެ.

ނުކުއި ނުހުރުމާ ކަސްރަތު ކުރުން

ގަވައިދުން ކަސްރަތުކުރުމަކީ މާ ފަސޭހަކަމަކަށް ނުވެދާނެއެވެ. ނަމަވެސް މިއީ އާދަކޮށްގެން ކުރަން ވެއްޖެކަމެވެ. ބަރުދަން ލުއިކުރުމަށްޓަކައި ގަވައިދުން ކަސްރަތުކުރުމަށްވުރެ ބުއްދިވެރި އެހެން ގޮތެއް ނެތޭވެސް ބުނެވިދާނެއެވެ. ޕީކޯސްގެ ވޭން ތަހައްމަލު ކުރާ ފަރާތްތަކުން ވެއިޓް-ޓްރެއިނިންގްއާއި ކާޑިއޯ ކަސްރަތުތަކަކަށް ބަރޯސާވެވިދާނެއެވެ.

ދަތުރުވެރިންގެ މާރުކޭޓުގެ ގޮޅިއެއްގައި ތަރުކާރީތައް ވިއްކުމަށް އަތުރާފައި / ފޮޓޯ: ހުސައިން މަޚްތޫމް | ދަ ޕްރެސް

ކަންމިހެން އޮތްއިރު އެއްވެސް ހާލެއްގައި ބަނޑަށް ހުރެގެން ނުވާނެއެވެ. ގަވައިދުން ނުކެއުމަކީ މެޓަބޮލިޒަމް ރޭޓް ދަށްކޮށް، އިތުރަށް ބަރުވުމަށް މަގުފަހިކުރާކަމެއް ގިނަ މީހުން ނުދަނައެވެ. ގަވައިދުން ނުކެއުމަކީ، ކާހިއްވާ މޫޑު ޖައްސާ ހޯމޯންސްތަކާ ނޭދެވޭ ގޮތަކަށް ކުޅެލާ ކަމެއްވެސް މެއެވެ.

ގަވައިދުން ކަސްރަތުކޮށް، ގަޑިން ގަޑިއަށް ކެއުމުގެ އިތުރުން ހަމަ ނިދި ހޯދުމަކީވެސް އިންތިހާއަށް މުހިންމު ކަމެކެވެ. ހަމަ ނިދި ލިބުމަކީ ހަށިގަނޑަށް އިތުރު ތާޒާކަމަކާ ޖޯރެއް ގެނެސްދޭނެ ކަމެކެވެ. ނިދި ހަމަ ނުވާނަމަ، ބަނޑުހައިކުރުވާ ހޯމޯންސްގެ ބާރުގަދަކޮށްލައެވެ. މިއާއެކު ނިމުމެއް ނެތް ބުރެއްގެ ތެރޭގައި އެނބުރެން މަޖުބޫރުކުރަވައެވެ.

ޕީކޯސްއަކީ އެ ތަކުލީފުތަކުން ހިތްދަތި އެތައް ކަމެއް އޭގެ ޝިކާރައަކަށް އުފުލަންޖައްސާ ބައްޔެކެވެ. އެހެންކަމުން، ކަމާބެހޭ ސިއްހީ ތަޖުރިބާކާރުންނާ ފަންނީ މާހިރުންގެ އެހީ އަބަދުވެސް ހޯދަން ވާނެއެވެ.