ހިއުމަން ރައިޓްސް ކޮމިޝަންގެ މެމްބަރު މޫސާ އަލީ ކަލޭފާނުގެ މައްޗަށް ކުރެވޭ ހިޔާނާތުގެ ތުހުމަތާ ގުޅިގެން އޭނާ މަގާމުން ވަކިކުރުމުގެ މަސައްކަތް ކުރިއަށް ގެންދަން މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީއަށް ފޮނުވައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީގެ މުގައްރިރު ޖީހާން މަހްމޫދު މިއަދު ފޮނުއްވި ސިޓީއެއްގައި ވަނީ އެ މައްސަލަ މަޖިލީހުގެ ރައީސްގެ ސަމާލުކަމަށް ގެންނަވާފައެވެ. މީގެ އިތުރުން އެ ސިޓީގައި ބުނެފައި ވަނީ ވަނީ މޫސާ އަލީ ކަލޭފާނުގެ މައްޗަށް ހިޔާނާތުގެ ތުހުމަތު ކުރެވިފައި ވާއިރު، އޭނާ އެޗްއާރްސީއެމްގެ މެމްބަރު ކަމުގައި ހުންނާތީ ވަރަށް ގިނަ ޝަކުވާތަކެއް އެ ކޮމިޓީއަށް ލިބެމުން އަންނަ ކަމަށެވެ. އަދި މިއަދުގެ ޖަލްސާގައި ރިޔާސަތުން ވަނީ މައްސަލަ ދިރާސާކުރުމަށް ޖެންޑާ ކޮމިޓީއަށް ފޮނުވައިފައި ވާކަމަށެވެ.

މެމްބަރުންނާ ހިއްސާކުރި ލިޔުމުގައި ވާގޮތުން އެ މައްސަލަ ފުލުހުން ތަހުގީގުކޮށް ނިންމައި، 13 މެއި 2014 ގައި ވަނީ ޕީޖީ އޮފީހަށް ފޮނުވާފައެވެ. ނަމަވެސް އެ މައްސަލަ ޝަރީއަތަށް ނުފޮނުވާ، އޭގެ ދެ އަހަރު ފަހުން، 22 މެއި 2016 ވަނަ ދުވަހު ގައި މައުލޫމަތު ފުރިހަމަ ކުރުމަށްޓަކައި އަލުން އަނބުރާ އެ މައްސަލަ ޕީޖީ އިން ފުލުހުންނަށް ފޮނުވީ ކަމަށާއި އެ މައުލޫމަތު ފުލުހުން ޕީޖީއާ ހިއްސާ ކުރީ 17 އޮގަސްޓް 2016 ގައި ކަމަށް ޕީޖީއިން މަޖިލީހާ ހިއްސާކުރި މައުލޫމާތުގައި ބުނެފައިވެއެވެ.

ފުލުހުން މަޖިލީހާ ހިއްސާ ކޮށްފައިވާ މައުލޫމާތުގައިވާ ގޮތުން، 22 މެއި 2016 ގައި ޕީޖީއިން އެ މައްސަލަ އަނބުރާ ފޮނުވާލުމުން ހަމަ އެދުވަހު މައްސަލަ އާ ގުޅޭ އިތުރު މައުލޫމަތު ޕީޖީއާ ހިއްސާކުރި ކަމަށާއި، ނަމަވެސް ޕީޖީއިން އެދުނު ބައެއް މައުލޫމަތުތަކަކީ، މައްސަލަ ހިނގިތާ ގިނަ ދުވަސްތަކެއްވުމުން އެންމެ އެކަށީގެންވާ މައުލޫމާތުތަކެއް ނޫން ކަމަށްވެސް ފުލުހުން ބުނެފައި ވެއެވެ.

މީގެ އިތުރުން ފުލުހުން ބުނެފައި ވަނީ އެ މައުލޫމާތު ސާފުކުރަމުން ދަނިކޮށް، ޖިނާއީ އިޖުރާތުގެ ގާނޫނަށް އަމަލުކުރަން ފެށުމާއެކު، ދައުވާކުރުމަށް އެ ގާނޫނުގައި ބުނެފައިވާ މުހުލަތު 15 އޮގަސްޓް 2016 އަށް ހަމަވެފައިވާތީ، އެ މުއްދަތާ ހަމައަށް ފުލުހުން ހޯދާފައިވާ މައުލޫމަތުތައް ޝަރީއަތުގައި ޝައްކެއް ނެތް މިންވަރަށް ސާބިތުކުރެވިދާނެ ކަމަށް ނުފެންނަކަމަށް ޕީޖީއިން ފުލުހުންނަށް އެންގިކަމަށެވެ. އަދި އެ މައްސަލަ އެސެޓް ރިކަވަރީ ކޮމީޝަނަށް ހުށަހެޅުމަށް ޕީޖީއިން ލަފާ ދިންކަމަށް ފުލުހުން މަޖިލީހާ ހިއްސާ ކޮށްފައިވާ މައުލޫމަތުގައި ބުނެފައިވެއެވެ.

މޫސާ އަލީ ކަލޭފާނުގެ މައްޗަށް ކުރެވެނީ، އޭނާ 2007 އިން 2010 އަށް ޑިޒާސްޓާ މެނޭޖްމަންޓް ސެންޓަރުގެ ޑިރެކްޓަރު ޖެނެރަލްކަމުގެ މަގާމުގައި ހުންނަވަނިކޮށް، އެ ސެންޓަރުގެ 1.4 މިލިއަން ރުފިޔާއަށް ހިޔާނާތްތެރި ކަމަށް ބުނާ މައްސަލައެވެ. އެ މައްސަލައިގައި އޭނާގެ އިތުރުން، އިތުރު އަށް ބޭފަޅަކަށް ދައުވާ ކުރުމަށް ވަނީ ފޮނުވާފައެވެ. 2013 ވަނަ އަހަރުގެ ކުރީކޮޅު އޭނާ ހައްޔަރުވެސް ކުރިއެވެ. ރައީސް ޔާމީންގެ ސަރުކާރުގައި، މޫސާ އަލީ ކަލޭފާނު އެޗްއާރުސީއެމްގެ މެމްބަރުކަމަށް އައްޔަން ކުރީ 2015 އޯގަސްޓް 27 ވަނަ ދުވަހުގައެވެ.

މަޖިލީހުގެ އާ ގަވާއިދުގެ 210 ވަނަ މާއްދާގައި ބުނާ ގޮތުން، މިނިވަން މުއައްސާތަކުގެ މެމްބަރުން، މަގާމުން ވަކިކުރުމުގެ މައްސަލަ ގާނޫނު އަސާސީގައިވާ ގޮތުގެ މަތިން މަޖިލީހަށް ހުށަހެޅިދާނެއެވެ. އަދި އެފަދަ މެމްބަރުން މަގާމުން ވަކިކުރުމުގެ މައްސަލައެއް މަޖިލީހަށް ހުށަހެޅުމުން އެކަން މަޖިލީހުގެ ރައީސް އިއުލާން ކުރުމަށްފަހު، ބަހުސްކުރުމަކާ ނުލައި މައްސަލަ ދިރާސާކުރުމަށްޓަކައި މަޖިލީހުގެ ކަމާގުޅޭ ކޮމިޓީއަށް ފޮނުވަންވާނެކަމަށް ވެސް މި ގަވަިދުގައި ބުނެފައިވެއެވެ.