ޔޯގާ ހަދަމުންދާއިރު އާދަޔާ ހިލާފަށް ދާހިއްލާކަމީ އެކަމުގައި އުޅޭ މީހަކަށް އޮޅިފައި އޮންނާނެ ކަމެއް ނޫނެވެ. ޔޯގާ ކުލާސްތަކަކީ ނަފްސާނީ އަދި ޖިސްމާނީ ދުޅަހެޔޮކަމަށް އިންތިހާ ފައިދާ ލިއްބައިދޭ ކުލާސްތަކެއް ކަމަށް ޔޯގާގެ ފޭނުން ބުނާއިރު، ޔޯގާ ކުލާހެއްގެ ތެރޭގައި އެނބުރެމުންދާހާ ޖަރާސީމާ ބެހޭ ގޮތުން އެނގެނީ ކިހާ މިންވަރަކަށް ހެއްޔެވެ؟ ޖަރާސީމާ، ވައިރަސް އަދި ބެކްޓީރިއާއަކީ ހޫނުކަމާ ތެތްކަން އެކުލެވޭ މާހައުލުތަކާ ދޯޅަ އެއްޗިއްސެވެ. ޖިމްއާއި ޔޯގާ ކުލާސްތަކުގައި ހާލި ހަދައިގެން ނުއުޅޭނެކޭވެސް ބުނެވޭކަށް ނެތެވެ.

ބެކްޓީރިއާއާއި ވައިރަސް

ޔޯގާ ކުލާހުގައި ހާލި ހަދައިގެން އުޅޭ ބެކްޓީރިއާ ޖަރާސީމު އެންމެ ލޯބިވާ އެކައްޗަކީ ޔޯގާ މެޓެވެ. މިއީ ޔޯގާ ކުލާސް ނިމޭތާ އިރެއް ވަންދެކަށްވެސް މެޓްގައި ހަރުލާފައި ހުންނަ ޖަރާސީމާ ބެކްޓީރިއާތަކެކެވެ. ބައެއް ކަހަލަ ބެކްޓީރިއާއަކީ ޔޯގާ މެޓްގައި އަށަގަންނަ ގޮތަށް އެތައް ގަޑިއިރަކަށް ނުވަތަ ދުވަސްތަކަކަށް އޭގައި ހަރުލާ އެއްޗަކަށްވާއިރު، މިއަށްވުރެވެސް ދިގު މުއްދަތަކަށް ވައިރަސް ހަރުލާފައި ހުރެއެވެ.

މީހަކު ޔޯގާ ހަދަނީ/ފޮޓޯ: ޔޯގާރިޓްރީޓްސް

މިގޮތަށް ވައިރަހާ ބެކްޓީރިއާ އާބާދުވެފައިވާ ޔޯގާ މެޓެއް ސާފުނުކޮށް ބޭނުންކުރަމުންދާނަމަ ތަފާތު އެކި ކަހަލަ ސިއްހީ މައްސަލަތަކާ ކުރިމަތިލާންޖެހުން އޮންނާނީ ހީކުރާ ވަރަށް ވުރެ ގާތުގައެވެ. ހަމުގެ އިންފެކްޝަންޖެހުމާ، މޫނުގައި އޮށާޅައާއި ބިހި ނެގުމުގެ އިތުރުން، ނިޔަފަތީގައި ފަންގަސް އަށަގަތުމުގެ އިތުރުން ހާޕީސް ފަދަ ނުރައްކާތެރި ބަލިތަކަށްވެސް މިކަމުގެ ސަބަބުން މަގުފަހިކުރެއެވެ. ނަމަވެސް މިކަން މިދަރަޖައަށް ދަނީ، ދޭންވީ ވަރަށް ސާފުތާހިރުކަމަށް ސަމާލުކަން ނުދެވި ނުވަތަ ނުދީ އޮތީމައެވެ.

ޔޯގާ މެޓް ސާފުތާހިރުކޮށް ބާއްވާނީ ކިހިނެއް؟

ޔޯގާ ނުބަތަ ޖިމް ސްޓޫޑިއޯއިން އާންމުކޮށް ބޭނުންކުރަން ދޫކޮށް ހުންނަ ޔޯގާ މެޓްތައް ބޭނުންކުރުމުގެ ބަދަލުގައި، ކޮންމެ ދުވަހަކުވެސް ތިބާއާއިއެކު ގެޔަށް ގެންގޮސް ގެނެސް ހެދޭފަދަ، އަމިއްލަ ޔޯގާ މެޓެއް ގެންގުޅުން އެދެވިގެންވެއެވެ. ސްޓޫޑިއޯގައި ހުރި މެޓްތައް އެންމެ ފަހުން ސާފުކުރި ދުވަހެއްވެސް ގިނަ ފަހަރަށް އެނގެން ނުއޮންނައިރު، ތަފާތު އެކި ވައިރަހުގެ އަސަރުކޮށްފައި ތިބޭ މީހުން އެ މެޓްތައް ބޭނުންކޮށްފައި ހުރެޖެއްނަމަ ސިއްހަތު ރަނގަޅު މީހާގެ ހަށިގަނޑަށްވެސް އެ ވައިރަސް ދަތުރުކުރުމުގެ ފުރުސަތު އޮވެއެވެ.

އަދުގެ ޒަމާނީ ޓެކްނޮލޮޖީއާއިއެކު، އޭގެ އަމިއްލަ ޒާތުގައި ސާފުވާ ޔޯގާ މެޓްވެސް މިހާރު ލިބެން ހުރެއެވެ. މިއީ ޔޯގާ މެޓްގައި ހަރުކާ ޖަރާސީމާ ވައިރަހާ ވަސްވެސް އޭގެ އަމިއްލަ ޒާތުގައި ނައްތާލަދޭ ޓެކްނޮލޮޖީ ބޭނުންކޮށްގެން އުފައްދާފައިވާ ހުންނަ ޔޯގާ މެޓްތަކެކެވެ.

ގަވައިދުން ޖިމްއަށް ނުވަތަ ސްޓޫޑިއޯއަށް ގޮސް ޔޯގާ ހަދާނަމަ ވީ ވަރަކުން، އެންމެ ރަނގަޅު ފެންވަރުގެ ޔޯގާ މެޓެއް ހޯދާށެވެ. އަދި ކޮންމެ ސޭޝަނަކަށްފަހު ޔޯގާ މެޓް ޑިސްއިންފެކްޓްކުރަން އާދަކުރާށެވެ. ޔޯގާ މެޓަކީ ތިބާ ކިތަންމެ ބަލައިގެން ސާފުކޮށްގެން ގެންގުޅޭ މެޓެއް ނަމަވެސް، ސްޓޫޑިއޯގެ ބިންމައްޗަކީ ކިހާ ސާފުތަނެއްކަމެއް ހަގީގަތުގައި ތިބާއަކަށް ނޭނގޭނެއެވެ.

ޔޯގާ މެޓް ސާފުކުރުމަށްޓަކައި އެންމެ ފުރަތަމަވެސް ސެޝަން ނިމުމާއެކު ޑިސްއިންފެކްޓްކުރާ ވެޓްވައިޕް ހާކާށެވެ. ނުވަތަ ޓޮކްސިންސް އެކުލެވިގެން ނުވާ ސްޕްރޭއެއް ބޭނުންކޮށްގެން، މެޓް ރަނގަޅަށް ސާފުކުރަން އާދަކުރާށެވެ.

އަމިއްލަ ޔޯގާ މެޓެއް ނެތް ނަމަ ހަދާނީ ކިހިނެއް؟

އަމިއްލަ ޔޯގާ މެޓެއް ނެތް ނަމަ ނުވަތަ އެހެން މީހެއްގެ ޔޯގާ މެޓެއް ވަގުތީ ގޮތުން ބޭނުންކުރާނަމަވެސް ސާފުތާހިރުކަމަށް ސަމާލުކަންދޭން ވާނެއެވެ. ސްޓޫޑިއޯގައި ހުންނަ މެޓެއް ބޭނުންކުރަން ޖެހިއްޖެނަމަވެސް، ވެޓްވައިޕަކުން އެ ސާފުކުރާށެވެ. އަދި ޑިސްއިންފެކްޓްކުރާށެވެ. އެއަށްފަހު، ޔޯގާ މެޓް މަތީގައި އަމިއްލަ ތުވާއްޔެއް އަޅައިގެން ބޭނުންކުރާށެވެ. އެންމެ ރަނގަޅީ މެޓްގައި މޫނު ޖެހޭ ފަދަ ގޮތަކަށް ނުއުޅުމެވެ.

ކޮންމެ ޔޯގާ ސެޝަނަކަށްފަހު ހަށިގަނޑު ސާފުވަންދެން ރަނގަޅަށް ފެންވަރަން ވާނެއެވެ. ސްޓޫޑުއޯ ތެރޭގައި ފެންވެރޭނެ އިންތިޒާމު ހަމަޖެހިފައި ނެތް ނަމަ، ނުވަތަ ވަގުތުތަކެއް ހޭދަކުރުމަށްފަހު ގެޔަށް އައިސްގެން ނޫނީ ފެންވެރެން ނެތް ނަމަ، ސްޓޫޑިއޯ ނިކުތުމުގެ ކުރިން ޑިސްއިންފެކްޓް ވައިޕް ބޭނުންކޮށްގެން ނުވަތަ ސާފު ފެނާ ޑިސްއިންފެކްޓަންޓް ކްރީމެއް ބޭނުންކޮށްގެން ރަނގަޅަށް އަތް ދޮންނަށެވެ.