ސްރީލަންކާއަކީ ރައްކާތެރި ގައުމެއްކަން ކަށަވަރުކުރުމަށްޓަކައި ބޭނުންވާ ގާނޫނީ ހައިސިއްޔަތާއެކު އެގައުމުގެ ޖާސޫސީ އިދާރާތައް އިތުރަށް ހަރުދަނާކޮށް ބާރުވެރިކުރުވާނެ ކަމަށް އަންނަ މަހު އެގައުމުގައި އޮންނަ ރިޔާސީ އިންތިހާބުގައި ވާދަކުރާ ކުރީގެ އަސްކަރީ އޮފިޝަލު ގޮތަބާޔާ ރާޖަޕަކްސަ ބުނެފިއެވެ.

ސްރީލަންކާގެ ކުރީގެ ރައީސް މަހިންދަ ރާޖަޕަކްސަގެ ވެރިކަމުގައި ދިފައީ އިސް އޮފިޝަލެއްގެ ގޮތުގައި މަސައްކަތްކުރި ގޮތަބާޔާއަކީ، ސްރީލަންކާގެ ދާހިލީ ހަނގުރާމައިގެ ދުވަސްވަރު އިދިކޮޅު ފަރާތްތައް ހައްޔަރުކޮށް ވަގަށް ނެގުމުގެ އިތުރުން ގާނޫނީ އިމުގެ ބޭރުން އެ ފަރާތްތަކުގެ ފުރާނަ ދުއްވާލުމަށް ޖާސޫސީ ބާރު ބޭނުންކުރި ކަމުގެ ތުހުމަތުތައް އަމާޒުވެފައިވާ މީހެކެވެ.

އޭނާގެ ފުރަތަމަ ކެމްޕޭ ރެލީގައި ވާހަކަދައްކަމުން ގޮތަބާޔާ ވަނީ، ވެރިކަމަށް އާދެވިއްޖެނަމަ، ބަންދުގައި ތިބި އަސްކަރީ ހުރިހާ އޮފިޝަލުން މިނިވަން ކުރާނެ ކަމަށް ބުނެފައެވެ. ސްރީލަންކާގައި ނުކުޅެދިފައި އޮތް ދިފާއީ ނިޒާމު އަލުން ހިންގައިގަންނަ ގޮތް ހެދުމަށްޓަކައި ޖާސޫސީ ބާރުތަކަށް ގާނޫނީ އިމުގެ ތެރެއިން ބާރުދޭނެކަން ގޮތަބާޔާ ވަނީ ފާހަގަކޮށްފައެވެ. އެއީ އެއްވެސް ބިރަކާ ނުލާ އުޅެވޭނެ ގައުމެއް ބިނާވެގެންދާނެ ކަމެއްގެ ގޮތުގައި ގޮތަބާޔާ ވަނީ ސިފަކޮށްފައެވެ.

ސްރީލަންކާގެ ރިޔާސީ އިންތިހާބު، އަންނަ މަހުގެ 16 ވަނަ ދުވަހު ކުރިއަށްގެންދާއިރު، ވެރިކަމުގެ 2 ވަނަ ދައުރަކަށް ވާދަ ނުކުރައްވާނެ ކަމަށް ސްރީލަންކާގެ މިހާރުގެ ރައީސް މައިތްރިޕާލަ ސިރިސޭނާ ވަނީ ވިދާޅުވެފައެވެ. އިންތިހާބުގައި ވާދަނުކުރައްވަން ސިރިސޭނާ ނިންމަވާފައިވާއިރު، މިއަހަރުގެ އޭޕްރިލް މަހު ސްރީލަންކާއަށް އަމާޒުވި ޓެރަރިސްޓް ހަމަލާތަކާ ގުޅިގެން ގިނަ ބައެއްގެ ފާޑުކިއުންތައް ވަނީ އޭނާއަށް އަމާޒުވެފައެވެ.