އިންޑިއާގެ ގައުމީ އެއާލައިން އެއާ އިންޑިއާ (އޭއައި)ގައި ވަޒީފާ އަދާކުރަމުންދާ ގިނަ އަދަދެއްގެ ޕައިލެޓުން އިސްތިއުފާ ދެމުންދާކަމަށް ޚަބަރު ލިބިއްޖެއެވެ.

މައުލޫމާތު ލިބޭ ގޮތުގައި އޭއައިގެ ޕައިލެޓުން އިސްތިއުފާ ދެމުންދަނީ މުސާރައާއި ވަޒީފާގެ ކުރިއެރުމުގެ މައްސަލާގައި ހިތްހަމަނުޖެހުންތަކެއް ހުރެ، އެކަމަށް ހައްލެއް ނުލިބިގެންނެވެ.

ވަޒީފާގެ ކުރިއެރުން ދިނުމަށާ، މުސާރަ ބޮޑުކޮށްދިނުމަށް އެދި ކަމާބެހޭ ފަރާތްތަކަށް ހުށަހެޅި ހުށަހެޅުންތަކަށް އޭއައިގެ މެނޭޖްމަންޓްއިން އެދެވޭ އިޖާބައެއް ދީފައި ނުވާ ކަމަށް ބުނެ، އޭ-320 މަރުކާގެ މަތިންދާބޯޓުތައް އުދުއްސާ 120 ޕައިލެޓަކު މިހާރުވެސް ވަނީ އިސްތިއުފާގެ ސިޓީ ހުށަހަޅާފައެވެ.

މިކަން ހިނގާފައި މިވަނީ، 60000 ކްރޯރް ރުޕީޒްގެ ދަރަންޏެއްގައި އޮތް އޭއައިއަށް ދޭ މާލީ އެހީތަކާ އިންވެސްޓްމަންޓްތަކުން ބޮޑު ބައެއް އުނިކުރުމަށް އިންޑިއާގެ މަރުކަޒީ ސަރުކާރުން ނިންމާފައިވާ ދަނޑިވަޅެއްގައެވެ.

މީޑިއާއާއި ވާހަކަ ދައްކަމުން، އިސްތިއުފާ ދިން ޕައިލެޓަކު ބުނީ ލިބޭ ކުޑަ މުސާރަކޮޅުވެސް ހަމައަށް ނުލިބޭ ކަމަށެވެ. މި ޕައިލެޓުންނަކީ ކޮންޓްރެކްޓް އުސޫލުން، 5 އަހަރު ދުވަހުގެ މުއްދަތަށް، ކުޑަ މުސާރައެއްގައި އޭއައިއަށް ވައްދާފައިތިބި މުވައްޒަފުންތަކެއް ކަމަށް މައުލޫމާތު ލިބެއެވެ.

ގިނަ އަދަދެއްގެ ޕައިލެޓުން އެއް ވަގުތެއްގައި އިސްތިއުފާ ދިނުމުގެ ސަބަބުން އެއާލައިންގެ އޮޕަރޭޝަންތަކަށް ބުރޫއަރާނެތޯ މީޑިއާއިން ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުން، އެއާ އިންޑިއާގެ ތަރުޖަމާނަކު ވިދާޅުވީ، އެ އެއާލައިނަށް ބޭނުންވާ ވަރަށްވުރެ އިތުރަށްވެސް މުވައްޒަފުންގެ ގޮތުގައި ޕައިލެޓުން އެބަތިބި ކަމަށާ، އެއާލައިންގެ އޮޕަރޭޝަންތަކަށް އެއްވެސް ހާލެއްގައި ބުރުލެއް ނާރާނެ ކަމަށެވެ.

މައުލޫމާތު ލިބޭ ގޮތުގައި އޭއައިގެ ޕައިލެޓް ސްކޮޑްގައި 2000 ޕައިލެޓުން ތިބިއިރު، 400 ޕައިލެޓުންނަކީ އެގްޒެކެޓިވް ފެންވަރުގެ މަގާމުތަކުގައި ތިބި ބައެކެވެ.