އިންސްޓަގްރާމްގައި އެންމެ މަގުބޫލު ދުނިޔޭގެ ލީޑަރުގެ ރެކޯޑް، އެކި ކަންކަމުގައި އާންމު ރައްޔިތުންނާ ގާތް ގުޅުމެއް ސޯޝަލް މީޑިއާ ޕްލެޓްފޯމް މެދުވެރިކޮށް ބާއްވަވަމުން ގެންދަވާ އިންޑިއާގެ ބޮޑުވަޒީރު ނަރޭންދްރާ މޯދީ ހޯއްދަވައިފިއެވެ.

30 މިލިއަން ފޮލޮވާޒްއާ އެކު އިންސްޓަގްރާމްގައި އެންމެ މަގުބޫލު ލީޑަރުގެ ޝަރަފު، މޯދީ ހޯއްދަވާފައި މިވަނީ، ޓްވިޓާ ފޮލޮވާޒްގެ އަދަދު 50 މިލިއަނަށް އެރިތާ މަހެއްހާ ދުވަހުގެ ތެރޭގައެވެ.

އިންސްޓަގްރާމް ޕްލެޓްފޯމްގައި މޯދީ މި ހޯއްދެވި ކާމިޔާބީއަކީ، ދުނިޔެ ދުށް އެންމެ މަގުބޫލު އެއް ލީޑަރުގެ ގޮތުގައި ގިނަ ބަޔަކު ސިފަކުރަމުން އަންނަ އެމެރިކާގެ ކުރީގެ ރައީސް ބަރާކް އޮބާމާއަށްވުރެވެސް ބޮޑު ކާމިޔާބީއެކެވެ. އިންސްޓަގްރާމްގައި 24.8 މިލިއަން މީހުން ބަރާކް އޮބާމާ ފޮލޯކުރާއިރު، އެމެރިކާގެ މިހާރުގެ ރައީސް ޑޮނާލްޑް ޓްރަމްޕްގެ އިންސްޓަގްރާމް އެކައުންޓް ފޮލޯކުރަނީ 14.9 މިލިއަން މީހުންނެވެ. ނަމަވެސް ޓްރަމްޕް ވަނީ 65.7 މިލިއަން ފޮލޯވާޒްއާއިއެކު ޓްވިޓާގެ ކުރި ނަންގަވާފައެވެ.

ގައުމުތަކުގެ ލީޑަރުންގެ މަގުބޫލުކަން ބެލުމަށް ކުރިއަށް ގެންދާ ގެލަޕް އިންޓަނޭޝަނަލް ރޭކިންގްގެ ގަދަ 3 އިންވެސް މޯދީ ވަނީ ޖާގަ ހޯއްދަވާފައެވެ. ދުނިޔޭގެ އެކި ކަންކޮޅުތަކުން 50 އަށްވުރެ ގިނަ ގައުމުން މީހުން ބައިވެރިކޮށްގެން ކުރިއަށް ގެންދިޔަ މި ސާވޭގެ ނަތީޖާއަށް ބަލާއިރު މިހާރު އެންމެ ކުރީގައި ހުންނެވީ ޖަރުމަނު ޗާންސެލާ އެންހެލާ މާކެލްއެވެ. 2 ވަނާގައި ފަރަންސޭސި ރައީސް އިމެނުއަލް މެކަޣޯން ހުންނެވިއިރު، މޯދީ ރޭންކުރެވިފައިވަނީ 3 ވަނާގައެވެ.