ބޮލީވުޑް ސުޕާސްޓާ ސަލްމާން ދިރިއުޅެމުންދާ ގެ ހިމެނޭ ސަރަހައްދުގައި އިންޑިއާ ފުލުހުންގެ ސެކިއުރިޓީ ވަރުގަދަކޮށް ފޯރިމަރަން ފަށައިފިއެވެ.

ސަލްމާން ދިރިއުޅޭ ގެ ހިމެނޭ ސަރަހައްދުގެ ސެކިއުރިޓީ ވަރުގަދަކޮށްފައި މިވަނީ، މިހާރު ދައްކަމުންދާ "ބިގް ބޮސް"ގެ 13 ވަނަ ސީޒަންއަކީ އިންޑިއާގެ ސަގާފާތާ ހިލާފު ސީޒަނެއް ކަމަށާއި، އެ މަންޒަރުތަކަކީ ނޭއްގާނީ އެތައް ކަމެއް ޕްރޮމޯޓްކުރާ މަންޒަރުތަކެއް ކަމަށް ބުނެ، ސަލްމާންއާއި ދެކޮޅަށް ވަރުގަދަ މުޒާހަރާތަކެއް އެ ސަރަހައްދުގައި ކުރަމުންދާ ދަނޑިވަޅެއްގައެވެ.

ބިގް ބޮސް 13 ވަނަ ސީޒަންގެ ޕްރޮމޯޝަނަލް ޓީޒާގައި ސަލްމާން ހާން ސްޓޭޝަން މާސްޓަރެއްގެ ގޮތުގައި/ފޮޓޯ: ޕިންކްވިލާ

މުމްބާއީގައި ހުންނަ ސަލްމާންގެ ގެ ހިމެނޭ ސަރަހައްދުގައި މުޒާހަރާތައް ފެށީ މިދިޔަ ހުކުރު ދުވަހު ކަމަށް ވާއިރު، ފުލުހުންގެ ބެލުމުގެ ދަށަށް މިހާރުވެސް ބައެއް މީހުން ގެންގޮސްފައިވާކަމަށް ޚަބަރު ލިބެއެވެ.

ބިގް ބޮސް ސީޒަން 13ގެ ހޯސްޓް ސަލްމާން ހާން/ފޮޓޯ: ބޮލީވުޑް ބަބްލް

މުޒާހަރާގެ ބައިވެރިން ޑިމާންޑް ކުރަމުންދަނީ "ބިގް ބޮސް" ރިއާލިޓީ ޝޯގެ އެޕިސޯޑްތައް ޓީވީން ދުރަށް ފޮނުވުން ހުއްޓުވާލުމަށެވެ. މި ސީޒަން ފަރުމާކޮށްފައި ވަނީ ޝޯގެ ބައިވެރިން "އެއްދާން ކުރުމަށް" ހިތްވަރުދޭ ފަދަ ކޮންސެޕްޓަކަށް ކަމަށް ބުނެ، ގިނަ ބަޔަކު ދަނީ މި ޝޯއާއި ދެކޮޅަށް އަޑުއުފުލަމުންނެވެ.

"ބިގް ބޮސް" ރިއާލިޓީ ޝޯއަކީ ދިވެހި ސިޓިންގް ރޫމްތަކަށްވެސް ފަރިތަ ޝޯއެކެވެ.