ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއު.އެޗް.އޯ)ގެ ރެކޯޑްތައް ދައްކާ ގޮތުން، 2.2 ބިލިއަނަށްވުރެ ގިނަ މީހުންނަކީ ލޮލުގެ ފެނުމުގެ ނުކުޅެދުންތެރިކަން ހުންނަ މީހުން ކަމަށް ވާއިރު، މިއަދަދު އަދިވެސް ދަނީ އިތުރު ވަމުންނެވެ.

ލޮލުގެ ފެނުމުގެ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ތެރޭގައި ލޯފާން މީހުންނާ،އި އިތުރު ޑިވައިސްއެއް ނުވަތަ އައިނު ފަދަ އާލާތެއްގެ އެހީ ހޯދާ މީހުންވެސް ހިމެނެއެވެ.

ތިބާ ދިރިއުޅޭ މާހައުލަކީވެސް ލޮލުގެ ފެނުމުގެ ސިއްހަތަށް އަސަރު ކުރުވާ ކަމެކެވެ. ބައެއް ހާލަތުގައި ލޮލުގެ ފެނުމުގެ ބާރު ދަށްވާއިރު، އަނެއް ބައި ފަހަރު ލޯ އަނދިރި މީހަކަށްވެސް ވެދެއެވެ. މިކަން އެންމެ ބޮޑަށް ބަރޯސާވަނީ ތިބާ ދިރިއުޅޭ އާބާދީ ނުވަތަ ގައުމުގެ ތަނަވަސްކަމުގެ މައްޗަށެވެ. ފަގީރުކަން ބޮޑުވާ ވަރަކަށް ލޮލުގެ ފެނުމުގެ ސިއްހަތު ދަށަށް ދެއެވެ. އެފްރިކާގެ ގައުމުތަކާ ދެކުނު އެޝިއާގެ ގައުމުތަކުގައި ލޮލުގެ ފެނުމުގައި ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ނިސްބަތް، މުއްސަނދި ގައުމުތަކށްވުރެ 8 ގުނަ އިތުރެވެ.

މިކަން އާންމުކޮށް މެދުވެރިވަނީ ގަވައިދުން ލޮލުގެ ޗެކަޕްތައް ހެދުމުގެ ފުރުސަތު ނުލިބުމާ، އެކަށީގެންވާ ފަރުވާ ނުދެވުމުގެ ސަބަބުންނެވެ. މީގެ ތެރޭގައި ގްލަކޯމާއާއި ވަކި ވަގުތުތަކެއްގައި އަނދިރިކަމުގެ ތަކުލީފު އުފުލަންޖެހޭ މީހުން ތިބޭއިރު، މިއީ އެކަށީގެންވާ ފަރުވާ ނުދެވިއްޖެނަމަ ލޮލުގެ ފެނުން އެކީއެކައްޗަށް ގެއްލުން ފަދަ ހިތާމަވެރި ހާދިސާތަކަށް މަގުފަހިކުރާ ކަމެކެވެ.

ދެނުކު އޭޝިއާއާއި އެފްރިކާގެ ގައުމުތަކުގައި ލޮލުގެ ފެނުމުގައި ނުކުޅެދުންތެރިކަން ހުންނަ މީހުންގެ އަދަދު ގިނަ/ފޮޓޯ: ސަބޭޝިއަން ލިސްޓޭ

ލޮލުގެ ފެނުމުގައި ހާއްސަ އެހީއަށް ބޭނުންވާ މީހުންނަކީ މާލީ ތަކުލީފަކާ ނުލާ، އެކަމަށް ބޭނުންވާ ފަރުވާ ހަމަޖެހެންޖެހޭނެ ބައެކެވެ. ލޮލުގެ ފެނުން މުޅިން ގެއްލިފައިވާ މީހުންނާ ކިރިއާ ލޮލުގެ އަލިކަން ލިބިފައި ތިބޭ މީހުންނަށް ހާއްސަކޮށްގެން ރީހެބިލިޓޭޝަން ޕްރޮގްރާމްތައް ހިންގާ، އެފަދަ ފަރާތްތަކަށްވެސް މުޖުތަމައުގައި ބައިވެރިވެ އުޅުމުގެ ފުރުސަތު އޮންނަންޖެހެއެވެ.

ކުރިންވެސް ދެންނެވި ފަދައިން ދުނިޔޭގެ އާބާދީގެ 2.2 ބިލިއަން މީހުންނަކީ ލޮލުގެ ފެނުމުގައި ނުކުޅެދުންތެރިކަން ހުންނަ މީހުންނަށްވާއިރު، 1 ބިލިއަން މީހުންނަކީ އެކަމުން ދުރުވެވިދާނެ ނުވަތަ އެކަށީގެންވާ ފަރުވާއަކާއެކު ކުޅެދޭ މީހުންނަށް ބަދަލުވުމުގެ ފުރުސަތު އޮވެ، އެހެންނަމަވެސް އެފަދަ ފަރުވާއެއް ހޯދާނެ މަގެއް ނުފެނި ތިބި މީހުންކަން ފާހަގަކުރަންޖެހެއެވެ.

ލޮލުގެ ބަލިހާލަތު ހުންނަ ގޮތުން ބައެއް މީހުންނަކީ އަހަރަކު 2 ފަހަރު ޑޮކްޓަރީ ފަރުވާގެ ދަށުން އަޅަންޖެހޭ އައިނު ނަމްބަރު ބަދަލުކުރަންޖެހޭ ބައެކެވެ. އަނެއް ބައި މީހުންނަށް މި މުއްދަތު އެއަށްވުރެވެސް އަވަސްވެއެވެ. ނަމަވެސް މި ރާއްޖެއަށް ބަލާއިރުވެސް އެކަމަށް އެކަށީގެންވާ އެހީއެއް ލިބޭކަށް ނެތެވެ. އާސަންދައިން ލިބޭނީ އިންތިހާއަށް ކުޑަ މިންވަރެކެވެ. މިފަދަ ހާލުގައި ތިބޭ މީހުންގެ ނަމްބަރު ލެންސަކީ ކޮންމެ ކޮންމެ ދުނިގަނޑެއްގައި ބޭނުންކުރެވޭ ނަމްބަރު ލެންސަކަށް ނުވާއިރު، އެފަދަ ދުނިގަނޑުތަކުގެ އަގު އިންތިހާއެވެ. ނަތީޖާއަކަށްވަނީ ނަމްބަރު އައިނު ބަދަލު ކުރަންޖެހޭއިރުވެސް އެކަމަށް ބޭނުންވާ ފައިސާ އެއްވާ ގޮތް ނުވެ، ޑޮކްޓަރުގެ އިރުޝާދަށް އަމަލުކުރެވޭ ގޮތް ނުވުމެވެ.

ބައިނަލްއަގުވާމީ މިންގަނޑުތައް ބުނާ ގޮތުން، ލޮލުގެ ފެނުމުގެ ބާރު ވަކި މިންވަރަކަށް ދަށްވެއްޖެނަމަ ހާއްސަ އެހީއަށް ބޭނުންވާ ފޯރުކޮށްދޭ މަދަނީ އަދި އިޖުތިމާއީ އެހީތެރިކަމާ ވެލްފެއާގެ އިންތިޒާމުތައް އެފަރާތްތަކަށް ހަމަޖައްސާދެވެއެވެ. ނަމަވެސް ރާއްޖޭގައި އަދި އެފަދަ ކަމެއް ހިނގާތީ ފެނިފައެއް ނުވެއެވެ. އަދި އެފަދަ ކަމަކަށް ވަކާލާތު ކުރާތީވެސް ފެންނަން ނެތްކަމީ އެތައް ބައެއްގެ ހައްގު އަދިވެސް ހޯދާ ނުދެވޭ ކަމުގެ ހިތާމަ ކުރަންޖެހޭ ކަމެކެވެ.

އަދުގެ ކުޑަކުދިންނަކީ މާދަމާގެ ޒުވާނުންނަށް ވާއިރު، ގައުމުގެ ޒުވާން ޖީލަކީ ލޮލުގެ ފެނުމުގެ ނަސީބު ލިބިފައިވާ ބަޔަކަށް ހެދުމަށްޓަކައި މިހާރުން މިހާރަށްވެސް ދިރިއުޅުމަށް ބަދަލުތަކެއް ގެންނަންޖެހެއެވެ. އެގޮތުން އެންމެ ފުރަތަމަ ފިޔަވަޅަކީ ސްކްރީންތަކާ ދުރުވުމެވެ. ގެއިން ބޭރަށް ނިކުމެ، ކުޅެ އުޅެލެވޭނެ އިންތިޒާމުތައް ފަރުދީ ފެންވަރުން ފެށިގެން ގޮސް ދައުލަތާ ސަރުކާރުގެ ފެންވަރުގައިވެސް ހަމަޖައްސާދިނުމެވެ. މި ގޮތަށް ކަން ކުރުމުން، ނޭނގި ނަމަވެސް ލޮލަށް ކަސްރަތު ދެވި، ޖުމުލަ ގޮތެއްގައި އާބާދީގެ ސިއްހަތު ދުޅަހެޔޮކޮށްލައެވެ. ދެން އޮތީ ކެއިން ބުއިމުގެ އާދަކާދައަށް ބަދަލު ގެނައުމެވެ. ހަކުރު ބަލި ފަދަ، ލޮލުގެ ފެނުމާ ގުޅިފައިވާ ބަލިތަކާ ވީހާވެސް ދުރުގާ އުޅެވޭތޯ ބެލުމެވެ.