ޖައްމުއާއި އިންޑިއާއާއި ކަޝްމީރުގެ އިންޑިއާއާ ވީ ފަޅީގެ މައި ސިޓީ ކަމަށްވާ ސްރީނަގަރުގައި ކުރިއަށް ގެންދާ އިންޑިއާ އަސްކަރިއްޔާގެ ރެކްރޫޓްމަންޓް ޕްރޮގްރާމްގައި ބައިވެރިވުމަށް، ކަޝްމީރުގެ 3 ޑިސްޓްރިކްޓަކުން 2000 އަށްވުރެ ގިނަ ޒުވާނުން ސަފުހަދައިފިއެވެ.

ސަފުގައި ތިބި ބައެއް ޒުވާނުން ބުނި ގޮތުގައި، ވީހާވެސް ކުރިއަކުން ޖާގަ ހޯދުމަށް ސަފަށް އެރުމަށްޓަކައި ދަންވަރުގެ ވަގުތުތަކުން ފެށިގެން އެ ސަރަހައްދުގައި ހޭލާ ތިބި ޒުވާނުންވެސް އެބަތިއްބެވެ.

މިއީ އިންޑިއާ އަސްކަރިއްޔާއިން ހުޅުވާލާފައިވާ 110 ވަޒީފާގެ ފުރުސަތަށް އެދި ހުށަހެޅުމަށް ސަފަށް އެރި ޒުވާނުން ކަމަށް ވާއިރު، މީގެ ތެރޭގައި ޓެރަރިޒަމްގެ ނުރައްކާ އިންތިހާއަށް ބޮޑު ސަރަހައްދުތަކުން އައި ޒުވާނުންވެސް ހިމެނޭ ކަމަށް ޚަބަރު ލިބެއެވެ.

"އަހަރެންގެ ބައްޕަ މަރުވެދިޔައީ ގައުމަށްޓަކައި. ބައްޕަ ފަދައިން ހިދުމަތް ކުރަން އަހަރެންވެސް ބޭނުން. އަހަރެން ދުވަހަކުވެސް އަހަރެންގެ ބައްޕައެއް ނުދެކެން. އަހަރެންނަށް ކިއެވުނީ 10 ވަނަ ގުރޭޑާ ހަމައަށް. އެކަމަކު މަންމައާއި 2 އަންހެން ކުދިން ހިމެނޭ އާއިލާއެއް ބަލަންޖެހިފަ އޮތީ" 1995 ވަނަ އަހަރު ކަޝްމީރުގައި ދިން ޓެރަރިސްޓް ހަމަލާއެއްގައި ފުރާނަ ގެއްލިދޔަ މީހެއްގެ ދަރިފުޅު ކަމަށްވާ ހަސީބު ބަޝީރު، ސަފުގައި ހުރެ މީޑިއާއަށް ކިޔައިދިނެވެ.

ސަފުގައި ތިބި ގިނަ ޒުވާނުން ބުނި ގޮތުގައި އަސްކަރިއްޔާގެ ވަޒީފާއެއް ހޯދަން ސަފުދަމާލީ ވަޒީފާ ނުލިބުމުގެ މައްސަލަ ބޮޑުވެގެންނެވެ. އަދި ކަޝްމީރު ވާދީގައި ވަޒީފާގެ ފުރުސަތުތައް ނެތް ކަމަށްވެސް އެ ޒުވާނުން ދަނީ ބުނަމުންނެވެ.

އިންޑިއާ އަސްކަރިއްޔާއިން ބުނީ އަސްކަރިއްޔާގެ ހިދުމަތާ ގުޅުމަށް ޝައުގުހުރި ޒުވާނުންގެ އަދަދު ފެނި، ހައިރާންވެއްޖެ ކަމަށެވެ. އަދި މިއީ ފުރަތަމަ ދުވަހު ދަމާލި ސަފުކަމަށާ، މިމަހުގެ 21 ވަނަ ދުވަހުގެ ނިޔަލަށް ރެކްރޫޓްމަންޓް މަރުހަލާ ކުރިއަށްދާއިރު އަދިވެސް މިއަދަދު އެތައް ގުނައަކަށް އިތުރުވުމުގެ ފުރުސަތު އެބައޮތް ކަމަށްވެސް އިންޑިއާ އަސްކަރިއްޔާއިން ބުނެއެވެ.