ދުޅަހެޔޮ ސިއްހަތެއް ދެމެހެއްޓުމަށްޓަކައި ދިވެހިންގެ ތެރޭގައި ދުޅަހެޔޮ ހަށިހެޔޮ ދިރިއުޅުމެއް ބައްޓަން ކުރުމަށް "މިޝަން ފިޓް މޯލްޑިވްސް" ގެ ނަމުގައި ހިންގުމަށް ހަމަޖެހިފައިވާ ހަރަކާތުގެ އެމްބެސަޑަރަކަށް ބޮލީވުޑްގެ މަޝްހޫރު ފިލްމީތަރި ސުނިލް ޝެޓީ ހަމަޖައްސައިފިއެވެ.
ޔޫތު މިނިސްޓްރީން ރާއްޖޭގައި ދުޅަހެޔޮ ސިއްހަތަކާއި ކަސްރަތީ ދިރިއުޅުމެއް ބައްޓަންކުރުމަށް "މިޝަން ފިޓް މޯލްޑިވްސް" ގެ ނަމުގައި ހަރަކާތްތަކެއް ރާއްޖޭގެ އެކި ސަރަހައްދުގައި ހިންގުމަށް ވަނީ ހަމަޖައްސާފައެވެ. އެ ގޮތުން މި ހަރަކާތްތަކުގައި ސުނިލް ޝެޓީ ރާއްޖޭގެ ފިޓްނަސް ޕްރޮފެޝަނަލުންނާއެކު ދުނިޔޭގައި އެންމެ ދުޅަހެޔޮ ގައުމުގެ ގޮތުގައި ރާއްޖެ ހެދުމަށް މަސައްކަތް ކުރާނެ ކަމަށް ޔޫތު މިނިސްޓްރީން ބުނެއެވެ.
މިއަދު ސުނިލް ޝެޓީ ކުރި ޓްވިޓެއްގައި ދިވެހި ބަހުން ލިޔެފައި ވަނީ ކާމިޔާބު ޤައުމަކަށް އެންމެ މުހިންމީ ދުޅަހެޔޮ ރައްޔިތެއް ކަމަށާއި ރާއްޖެއަކީ ދުނިޔޭގެ އެންމެ ރީތި އެއް ޤައުމު އަދި ހިތްހެޔޮ ރައްޔިތެއް އުޅޭ ޤައުމެއް ކަމަށެވެ.
މި ހަރަކާތާ ބެހޭ ގޮތުން ވާހަކަ ދައްކަމުން ސުނިލް ޝެޓީ ބުނީ، ދުޅަހެޔޮ ސިއްހަތެއް ގާއިމް ކުރުމަށް ރާއްޖެއާ އެކު މަސައްކަތް ކުރުމަށް އޭނާއަށް ދިވެހިރާއްޖެއިން ދިން ދައުވަތަކީ އޭނާއަށް ލިބުނު ވަރަށް ބޮޑު ޝަރަފެއް ކަމަށެވެ. މި ހަރަކާތުގެ ތެރޭގައި އެންމެ ބޮޑު އިސްކަމެއް ދޭނީ މިހާރުގެ މުޖުތަމައުގައި އަށަގެންފައިވާ ސިއްހަތަށް ނުރަނގަޅު އާދަތަަކުން ދުރުހެލިވުމަށް މަސައްކަތް ކުރުން ކަމަށެވެ. އަދި މީގެ އިތުރުން ފިޓްނަސްއާ ބެހޭގޮތުން އެކިފަރާތަތަކުން ދައްކަމުންދާ ފްލޯކް ވާހަކަތަކުގެ ހަގީގަތް ހަމާކުރުމަށާއި އަދި ދުޅަހެޔޮ ސިއްހަތަަކީ ފަސޭހައިން ހޯދިދާނެ އެއްޗެއް ކަމަށާއި އެކަމަށް އާންމުން ހޭލުންތެރި ކުރުވުން މުހިއްމުކަން އޭނާ ފާހަގަކޮށްފައި ވެއެވެ.
މިޝަން ފިޓް މޯލްޑިވްސްއާ ބެހޭ ގޮތުން ވާހަކަ ދައްކަވަމުން މިނިސްޓަރު މަހްލޫފް ވިދާޅުވީ، ދިވެހިންގެ ތެރޭގައި ދުޅަހެޔޮ ހަށިހެޔޮ ސިއްހަތެއް ގާއިމް ކުރުމަކީ މި ސަރުކާރުގެ ވައުދުގެ ތެރެއިން ހިމެނޭ ވައުދެއް ކަމަށެވެ. މި ހަރަކާތުގެ މަގްސަދަކީ ރާއްޖޭގެ ހުރިހާ ރައްޔިތުން ހަށިހެޔޮ އަދި ދުޅަހެޔޮކޮށް ބޭތިއްބުން ކަމަށެވެ. އަދި މީގެއިތުރުން އިންޑީއާގެ ސަރުކާރާ ގުޅިގެން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި 61 އައުޓްޑޯ ޖިމް ގާއިމް ކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށްވެސް މަހްލޫފް ވިދާޅުވިއެވެ.
ސުނިލް ޝެޓީއަކީ ވޭތުވެ ދިޔަ 30 އަހަރު ދުވަހު އިންޑިއާގެ ފިލްމް އިންޑަސްޓްރީގައި ފިޔަ ޖަހަމުންދިޔަ މަޝްހޫރު ތަރިއެކެވެ. އަދި މިހާރު އޭނާއަކީ އިންޑީއާގެ އެންމެ ބޮޑު ކަސްރަތުގެ ހަރަކާތް "މިޝަން ފިޓް އިންޑިއާ" ގައި އިސްކޮށް ހަރަކާތްތެރިވާ ފަރާތްވެސް މެއެވެ. 2018 ގައި އިންޑިއާގައި 120 ދުވަހަށް ދިގުދެމިގެން ދިޔަ ފިޓްނަސް ފެސްޓިވަލް ވަނީ އެ ގައުމުގެ 43 ސިޓީއެއްގައި ކުރިއަށް ގެންގޮސް ގާތްގަނަޑަކަށް 200 މިލިއަން މީހުން ބައިވެރިވެފައެވެ.
މިއަދު ޔޫތް މިނިސްޓަރު އަހުމަދު މަހުލޫފް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ސުނިލް ޝެޓީއަކީ ހަމައެކަނި އިންޑިއާގެ ފިލްމް އިންޑަސްޓްރީގެ ތަރިއެއް ނޫން ކަމަށާއި އޭނާއަކީ "ހެލްތް އެންޑް ފިޓްނަސް" ގައިވެސް ވިދަމުން އަންނަ ތަރިއެއް ކަމަށެވެ. އަދި މިހާރު ސުނިލް ޝެޓީއަކީ ރާއްޖޭގެ "އެމްބެސެޑާ އޮފް ވެލްނަސް" ޕްރޮމޯޓް ކުރާނެ އައިކަން ކަމަށެވެ.